ކޮވިޑަށް މިއަދު ޓެސްޓުކޮށްފައިވަނީ 6333 ސާމްޕަލް އެވެ. ޖުމަލަ ޕޮޒިޓިވްވެފައިވަނީ 1960 މީހުންގެނެވެ. އެއިގެ ތެރެއިން 1518 މީހުން ނިޞްބަތްވަނީ މާލެ ސަރަހައްދަށެވެ.
ކޮވިޑަށް އިއްޔެ ޓެސްޓުކޮށްފައިވަނީ 6320 ސާމްޕަލް އެވެ. ޖުމަލަ ޕޮޒިޓިވްވެފައިވަނީ 1603 މީހުންގެނެވެ. އެއިގެ ތެރެއިން މާލެ ސަރަހައްދަށް ނިޞްބަތްވަނީ 1025 މީހުންނެވެ.
މިތަފާސް ހިސާބަށް ބަލާއިރު ސާމްޕަލް ޓެސްޓްކުރެވިފައި މިވަނީ ދެ ދުވަހުވެސް ދާދި އެއްވަރަކަށެވެ. ނަމަވެސް އިއްޔެއަށްވުރެ މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ ކުރީ ދުވަހަށްވުރެ 50 އިންސައްތައަށްވުރެ މަތިވެފައެވެ.
މީގެ 3 ދުވަސްކުރިން މާލެ ސަރަހައްދުން ބަލީގައި މަރުވީ 5 މީހުންނެވެ. އިއްޔެ 4 މީހުންނެވެ. މިއަދުގެ މިވަގުތާއިހަމައަށް 3 މީހުން ވަނީ މަރުވެފައެވެ. އަދި މިހާރު ގިނައިން މަރުވަމުން ދަނީ މުސްކުޅިން ކަމަށް ބުނެވޭކަށްވެސް ނެތެވެ. އެންމެ ފަހުން މަރުވެފައިވަނީ 56، 48 އަދި 59 އަހަރެވެ. އެއަށްވުރެ ހަގު އުމުރުގެ ޒުވާނުންވެސް ދަނީ މަރުވަމުންނެވެ.
ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާކުރާ މީހުންގެ އަދަދުވަނީ 21،079 ގައެވެ. ރާއްޖޭގެ އާބާދީއަކީ 400،000 ކަމަށް ބަލައިފިނަމަ މިއީ 5 އިންސައްތައަށްވުރެ މަތީ ޢަދަދެކެވެ. ވީމާ މުޅި ޤައުމު މިވަނީ އިންތިހާއަށް ބޮޑު ނުރައްކަލުގައެވެ.
ރާއްޖޭގެ ނިޞްބަތުން ރަނގަޅު ފެންވަރުގައި ބޭސްފަރުވާވެސް އެބަކުރެއެވެ. ޙާލަތު އަދިވެސް މިދަނީ ގޯހުން ގޯހަށެވެ. އޮތީ ތައުބާވުމާ ދުޢާކުރުން ގިނަކުރުމެވެ.
ކޮވިޑުގެ ނުރައްކާ އިތުރުވުމުން ބައެއް ޤައުމުތަކުގައި ކުރިއަށް އޮތް ހަފްތާގައި ފުރިހަމަ ލޮކްޑައުނަކަށް ދާނެކަމަށް ވަނީ ބުނެފައެވެ.