ބޭނުންތަ؟ އަބަދުވެސް އުފަލުގަ ހުންނަން އެދޭމީހާއަށް ﷲ ތަޢާލާ ދެއްވަވާ ބިޔަ ބޯނަސް ޕެކޭޖް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ބޭނުންތަ؟ އަބަދުވެސް އުފަލުގަ ހުންނަން އެދޭމީހާއަށް ﷲ ތަޢާލާ ދެއްވަވާ ބިޔަ ބޯނަސް ޕެކޭޖް-

އެހެން މީހުން ތިބާ އާއިމެދު ކަންކަން ކުރާނެ ގޮތް ނިންމުމުގެ ބާރު ތިބާއަށް ލިބިގެނެއް ނުވެއެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ލިބިގެންވާ ބާރެއްވެއެވެ. އެއީ ތިމާ އެހެން މީހުންނާއިމެދު ކަންކަންކުރާނެ ގޮތުގެ އިޚްތިޔާރާއި ބާރެވެ. އެކަމުގެ އިޚްތިޔާރާއި ބާރު ﷲ ތަޢާލާ ވަނީ ކޮންމެ މީހަކަށްވެސް ދެއްވަވައިފައެވެ.

ވަރަށް ގިނަ ބައެއްގެ މެދުގައިވެސް އަދި ވަރަށް ގިނަ ދެމަފިރިންގެ މެދުގައިވެސް އުފެދިފައި އޮންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ "އަހަރެން އޭނާއަށް ކަންކަން ކުރަނީ ވަރަށް ރަނގަޅަށެވެ. ނަމަވެސް އެވަރު އޭނާ ނުދަނެއެވެ. އަހަރެންނާއިމެދު ކަންކަން ކުރަނީ ވަރަށް އަނިޔާވެރިކޮށެވެ. މިވެނި މިވެނިގޮތަކަށެވެ!"

މިއީ ހަމަ ތެދު ވާހަކަތަކަކަށްވެސް ވެދާނެއެވެ. މިފަދަ ޒަމާނެއްގައި ގިނަވާނީ އަނެކާ ކޮށްދޭ ކަންކަމުގެ އަގު ވަޒަންނުކުރާ މީޙުން ކަމުގައިވާތީއެވެ. ނަމަވެސް ހަމައެންމެ ކަމެއް ފާހަގަކޮށްލާނަމެވެ.

މާބޮޑު ސާވޭއެއް ހެދުމުގެ ބޭނުމެއް ނެތެވެ. ކޮންމެ މީހަކުވެސް އެމީހާ ދަންނަ މީހުންގެ ޙަޔާތުގައި ކަންކަން ހިނގާފައިވާ ގޮތާއިމެދު ވިސްނައިލާށެވެ! އެއިގެ ތެރޭގައި އެމީހާ އާއިމެދު އެހެން މީހުން ކަންކަންކުރާ ގޮތަށް ނުބަލައި އެހެން މީހުންނަށް ރަނގަޅަށް ކަންކަން ކޮށްދޭމީހުން ތިބި ނަމަ އެމީހުންގެ ޙަޔާތަށް ބަލާށެވެ.

ފަހަރެއްގައި އެފަދަ މީހެއްގެ ޙަޔާތުގައިވެސް ހިތިކަމެއްގެ އަސަރުކޮށްފައިއޮވެދާނެއެވެ. އެހެންކަމާއިއެކުވެސް ވަރަށް ޔަޤީންކަމާއިއެކު ބުނަމެވެ. އެހެން މީހުން ތިމާ އާއިމެދު ޢަމަލުކުރާ ގޮތަށް ނުބަލައި ތިމާގެފަރާތުން ކޮށްދޭންޖެހޭ ކަންކަން ފުރިހަމައަށް ކޮށްދޭ މީހުންގެ 99 އިންސައްތަ މީހުން ތިބޭނީ އުފަލުންނެވެ. ހިތްހަމަޖެހިގެންނެވެ.

އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެމީހަކަށް 2 ބޯނަސް އެބަ ލިބެއެވެ. ފުރަތަމަ ބޯނަސްއަކީ އެހެން މީހުން އެމީހަކަށް ގޯސްކޮށް ކަންކަން ކުރުމުން ލިބޭ ޘަވާބެވެ! ދެވަނައީ އެންމެ ބޮޑު ބޯނަސްއެވެ. އެއީ ތިމާއަށް ގޯސްކޮށް ކަންކަން ކުރުމުންވެސް ﷲ ތައާލާގެ ރަޙްމަތަށް އެދި އެމީހަކަށް ހެޔޮކޮށްހިތައި ރަނގަޅަށް ކަންކަން ކުރުމުން ﷲ ތައާލާ ދެއްވަވާ ގިނަގުނަ ޘަވާބާ ރަޙްމަތުގެ ބޮޑުކަމެވެ.

ޘވާބާއި ރަޙްމަތުގެ މިބިޔަ ޕެކޭޖް ލިބުމުން އެމީހާއަށް ލިބޭނެ އުފާވެރިކަން ނިކަން ވަޒަންކޮށްލަބަލާށެވެ! މީސްތަކުންނޭވެ! އަނެކާ ތިމާ އާއިމެދު ކަންކަން ކުރާގޮތަށް ނުބަލާށެވެ! ﷲ ތައާލާގެ ރަޙްމަތަށް އެދި ތިމާ ފުރިހަމަކުރަންޖެހޭ ކަންކަން ވީހައި ފުރިހަމައަށް ކުރަމުން ގެންދާށެވެ! ދެންމެ މިބަޔާންކުރި ރަހްމަތުގެ ބިޔަ ޕެކޭޖްގެ ޙައްޤުވެރިއަކު ކަމުގައިވާށެވެ! އެއިރުން އުފާވެރިކަން ތިބާގެ ފަހަތުން އައިސް ތިބާ ވަށައިލާނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން