ފާފަކުރަން ޝައުޤުވެރިވުމުން މީހާގެ ހިތް ސަލާމަތްކޮށްދޭ އެންމެ ބާރުގަދަ ހަތިޔާރު މިއޮތީ! ބޭނުންހިފާ!: ޝައިޚް އަބޫބަކުރު ޒައުދު

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ފާފަކުރަން ޝައުޤުވެރިވުމުން މީހާގެ ހިތް ސަލާމަތްކޮށްދޭ އެންމެ ބާރުގަދަ ހަތިޔާރު މިއޮތީ! ބޭނުންހިފާ!: ޝައިޚް އަބޫބަކުރު ޒައުދު

ކޮންމެ މީހަކަށްވެސް ފާފަ ކުރެވޭނެއެވެ. އެކިވަރުގެ ފާފަތަކެވެ. ކޮންމެ ވަރެއްގެ ނަމަވެސް ފާފަ އެކުރެވެނީ ފާފަކުރަން ޝައުޤުވެރިވެވޭތީއެވެ. ވީމާ ފާފަނުކޮށް ހުރުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ފާފަކުރުމަށް ޝައުޤުވެރިނުވުމެވެ. 

އެހެނިހެން ކަންކަން ކުރުމަށް ޝައުޤުވެރިކަން އުފެދޭ ފަދައިން ފާފަކުރަންވެސް ޝައުޤުވެރިކަން އުފެދެނީ އެމީހާގެ ހިތުގައެވެ. ވީމާ އެންމެ މުހިންމު ކަމަކީ ފާފަކުރުމަށް ޝައުޤުވެރިވުމުން ތިމާގެ ހިތް ސަލާމަތްކުރުމެވެ. 

އެކަމަށް އޮތް އެންމެ ބާރުގަދަ ހަތިޔާރަކީ لا إله إلا الله އެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަންބޮޑުވެގެންވަނީ ފަރުޟުތައް އަދާކުރުމެވެ. ފަރުޟުތަކުގެ ވެސް މަތީގައިވަނީ لا إله إلا الله އެވެ. އެހެނީ ތައުހީދަކީ މިއީއެވެ. އެހެން ހުރިހާ ކަމެއް އަންނާނީ ތައުހީދުގެ ފަހަތުންނެވެ.  

ވިސްނާށެވެ! ﷲ ތައާލާ ތިބާއަށްވެސް އަހުރެންނަށްވެސް އަދި އެއްވެސް މީހަކަސް ފާފަކުރަން ނުއަންގަވަތެވެ! ވަޙީކުރައްވަވާފައިވަނީ ފާފަ ނުކުރުމަށެވެ. ފާފަކުރެވެނީ ޝައިޠޯނާގެ ބަސް ޤަބޫލުކުރެވޭތީއެވެ. ވީމާ އެންމެ މުހިންމުކަމަކަސް ކުރަން އޮތް ކަމަކީ ހިތުން ޝައިޠޯނާ ބޭރުކޮށްލުމެވެ. އެކަމުގެ އެންމެ ބޮޑު ބާރު ލިބިގެންވަނީ لا إله إلا الله މިކަލިމައަށެވެ. 

لا إله إلا الله ކިޔުން ގިނަކުރާށެވެ! އެންމެ މަތިވެރި ޛިކުރަކީވެސް އެއީއެވެ! لا إله إلا الله ކިޔުން ގިނަކުރުމުން ހިތުގެ އެންމެ ހިމަނާރުތަކުގެ ތެރެއިން ވެސް ޝައިޠޯނާ ކުދިކޮށްކޮށައި ބޭރުކޮށްލާނެއެވެ. ފާފަކުރުމަށް ޝައުޤުވެރިވުމުން ސަލާމަތްވެ ހުރުމުގެ ބާރު ލިބިގެންދާނެއެވެ. އިން ޝާ ﷲ

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން