ކޮވިޑްޖެހިގެން މިއަދު މާލެ ސިޓީން ވަނީ 5 މީހުން މަރުވެފައެވެ. ރާއްޖެތެރޭގައި 2 މީހުން މަރުވެ ޖުމުލަ ވަނީ 7 އަށް އަރައިފައެވެ.
މައުލޫމާތު ލިބޭ ގޮތުން 1 ދުވަހަކަށް ބަލައިފިނަމަ މިއަދުވާނީ އެންމެ ގިނަ މީހުން ކޮވިޑުގައި މަރުވި އެއް ދުވަހަށެވެ.
ރާއްޖޭގައި ކުރިން ފެތުރުނީ ކޮރޯނާގެ ވަރަށް އާދައިގެ ވައްތަރެއްކަމަށް ބެލެވިފައިވީނަމަވެސް މިހާރު ފެތުރޭ ކޮރޯނާއާއިމެދު ވަރަށް ގިނަ ސުވާލުތައް ވަނީ ކުރިމަތިވެފައެވެ. މިހާރު ފެތުރޭ ކޮރާނާ އާއިބެހޭ ގޮތުން އެޗްޕީއޭ އިން މާގިނަ އިތުރު މައުލޫމާތުތަކެއް ޢާންމުކޮށްފައި ނުވިނަމަވެސް ޑޮކްޓަރުން ގެންދަވަނީ ޕްރެސްތަކުގައި ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.
ޑރ. އަފްޒަލް ރޭ ވެސް ވިދާޅުވީ ކުރިން ގެއަކުން ޕޮޒިޓިވްވި ނަމަވެސް މިހާރު ބައެއް ގޭގޭގެ އެންމެން އެކުގައިވެސް ޕޮޒިޓިވްވާ ކަމަށާއި އެހެންކަމުން ވަރަށް ބޮޑަށް ރައްކައުތެރިވެގެން އުޅުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. ގެއަށް ބަލި ނުވައްދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން މުހިންމު ކަމަށެވެ.