ގިނަބައެއްގެ އަދި އެމީހުންގެ ދަރިންނާ ދަރިންގެ ދަރިންގެވެސް ދިވެހިބަހުގެ އުސްތާޛް ޢަބްދުﷲ ޞާދިޤް (ޞޯދުބެ) ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ޢާއިލާއިން ބުނީ ސޯދުބެ އެޑްމިޓްކުރީ މިއަދު މެންދުރުފަހު ކަމަށާއި މާތް ﷲ ގެ ރަޙްމަތްފުޅުން އަދި ޙާލު ސީރިއަސް ނޫން ކަމަށެވެ. ނަމަވެސް ޢުމުރުން ދުވަސްވުމުން ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ކަމަށެވެ. ޞޯދުބެގެ މިހާރުގެ ޢުމުރަކީ 86 އަހަރެވެ.
ސޯދުބެއަކީ މިއުމުރުގައިވެސް ޤައުމީ ޚިދުމަތުގައި ހުންނެވި އުސްތާޛެކެވެ. މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޝީރެއްގެ ގޮތުގައި މިހާރުވެސް ގެންދަވަނީ ޚިދުމަތްކުރައްވަމުންނެވެ.
ސޯދުބެއަކީ އީޕީއެސްގެ ކުރީގެ ދަރިވަރުންގެ އެންމެ ބޮޑު އެއް ފަޚުރެވެ. ހުރިހާ ދަރިވަރުންނަށް އެއް އުޞޫލަކުން ޢަމަލުކުރެއްވުމުގައި ނަމޫނާ މުދައްރިސެކެވެ. ކިތަންމެ ގިނައިން ސުވާލުކުރިނަމަވެސް ފޫހިކަމެއް ނެތި އުނގަންނަވައިދެއްވި މުދައްރިސެކެވެ!
ޞޯދުބެއަށާއި ކޮވިޑްބަލީގައި ތިބި އެންމެންނަށް އަވަސް ޝިފާއެއް ދެއްވެވުން އެދި ދުޢާކުރަމުއެވެ! އާމީން