އިތުރު ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާކަމުގެ އިންޒާރު ރައީސް ޞާލިޙް ދެއްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
އިތުރު ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާކަމުގެ އިންޒާރު ރައީސް ޞާލިޙް ދެއްވައިފި!

"މިހާރުގެ ޙާލަތަށް ބަލާއިރު، މި ބައްޔާ ދެކޮޅަށް، އަޅުގަނޑުމެން އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ޞިއްޙީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ޙާލަތު ގޯސްވެދާނެ" ކަމަށް ވިދާޅުވެ "މިބައްޔަށް މިހާރު މީހުން ފައްސިވާ ނިސްބަތަށް ބަލާއިރު، އިތުރު ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރުވެފައި" ކަމުގެ އިންޒާރު ރައީސް ޞާލިޙް ދެއްވައިފިއެވެ. 

ހަމައެއާއިއެކު އެމަނިކުފާނު ވަނީ އުފާވެރި ޚަބަރެއްވެސް ދެއްވައިފައެވެ. އެއީ މަސް ދުވަހު ރަނގަޅަށް މަސައްކަތްކުރެވިއްޖެނަމަ މިޙާލަތުން އަރައިގަނެވޭނެ ކަމުގެ ޚަބަރެވެ! 

"ކުރިއަށް އޮތް މަސްދުވަހު، ހިތްވަރާއެކު އެންމެން އެކުގައި މަސައްކަތް ކޮށްފިއްޔާ، މިބަލިމަޑުކަމުން އަރައިގަތުމުގެ އަލިމަގު، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ފެންނާނެ. ރާއްޖެއަށް ބޭނުންވާ މިންވަރަށް، ބޭސްފަރުވާގެ ވަސީލަތްތަކާއި ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް އެވަރަކަށް ނެތް."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުން: 

މިއަދު އަޅަން ފަށާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމުގައި، ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާނެ. ތިމާގެ އަމިއްލަ ޞިއްޙަތަށް އެކަންޏެއް ނޫން. މުޅި މުޖުތަމަޢުގެ ރައްކަލަށްޓަކައި މި ފިޔަވަޅުތައް ތަންފީޒުކުރަންޖެހޭ. އަދިވެސް ވަގުތު ފާއިތެއްނުވޭ. އަޅުގަނޑުމެންގެ ފަރުދީ ޒިންމާއަށްވުރެ، މި ބަލި ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ، އެހެން އެއްވެސް ކަމެއް ނެތް.

މިއަދު އަޅަން ފެށި ފިޔަވަޅުތަކަށް ރަނގަޅަށް ޢަމަލުނުކޮށްފިއްޔާ، އިތުރު ފިޔަވަޅުތައް އަޅަންޖެހުމަކީ އެކަށީގެންވާ ކަމެއް. އެފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއްޔާ، މިހާރަށް ވުރެ މާގިނަ ދަތިތައް އަޅުގަނޑުމެންނަށް ކުރިމަތިވާނެ.

މިއަހަރުގެ ފިޠުރު ޢީދު ދުވަހާ ބައްދަލުކުރިއިރު، ޢީދުގެ އުފާތަކަށް އެޅިފައިވާ އަނެއް ހުރަހަކީ، މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން، މުޅި ދުނިޔޭގައި ފެތުރެމުންދާ، ކޯވިޑް-19ގެ ބަލިމަޑުކަން. މިބަލިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި، އެތައް ދުވަހަކު ވެރިރަށް މާލެ ފުރަބަންދުގައި ބޭއްވުނު. ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިކަން މެދުކަނޑައިލެވުނު. އޭގެ ސަބަބުން، ބަލި ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ދަށަށްދިޔަ.

ނަމަވެސް އިޤްތިޞާދަށް ލިބުނު ގެއްލުން އިންތިހާއަށް ބޮޑު. ކޯވިޑް-19ގެ ސަބަބުން، ނިސްބަތުން އެންމެ ބޮޑު އިޤްތިޞާދީ ގެއްލުމެއް ކުރިމަތިވި އެއް ޤައުމަކީވެސް ރާއްޖެ. ހަތަރު މަސްދުވަހުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިކަން ފަށާފައި ވިޔަސް، އަދިވެސް ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި.

ބަލި މުޅިން ކޮންޓްރޯލް ނުވިޔަސް، ވިޔަފާރިތައް ހުއްޓި، އާމްދަނީ ހޯދޭނެ ގޮތެއްނެތި، ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން، ލުއިތަކެއް ދޭން ޖެހުނު. އެ ލުއިތަކާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދެވުމުން، އަނެއްކާވެސް މި ފެންނަނީ ބަލިފެތުރުން އިތުރުވާ މަންޒަރު.

މިހާރުގެ ޙާލަތަށް ބަލާއިރު، މި ބައްޔާ ދެކޮޅަށް، އަޅުގަނޑުމެން އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ޞިއްޙީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ޙާލަތު ގޯސްވެދާނެ. މިބައްޔަށް މިހާރު މީހުން ފައްސިވާ ނިސްބަތަށް ބަލާއިރު، އިތުރު ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރުވެފައި. 

މިއަދު އޮންލައިން