"ނިމިގެން މިދިޔަ ބަރަކާތްތެރި ރަމަޟާން މަހު، ރޯދައިގެ އަޅުކަން ފުރިހަމަ ކުރުމުގެ ހެޔޮ ތައުފީޤާއި މަތިވެރި ނަސީބު، އަޅުގަނޑުމެންނަށް މިންވަރުކުރެއްވި ކަމަށްޓަކައި، މާތް ﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. ހަމައެއާއެކު، މިއުފާވެރި ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. އަދި މިއުފާވެރި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި މުޅި އިސްލާމީ އުންމަތަށްވެސް ފޮނުވަން" ރައީސް ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުން:
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه
ޢީދު ދުވަހަކީ، ދީނީ ގޮތުންނާއި ޘަޤާފީ ގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް، އަޅުގަނޑުމެންގެ ހިތްތަކުގައި ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ ދުވަހެއް. ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުވައި، އެކުވެރިކަމާއެކު ސަލާންގަލާންކޮށް، ހަދިޔާ ބަދަލުކޮށް އުޅުމުގެ ދުވަހެއް. އެހެންކަމުން، މި އުފާވެރި ޢީދު ދުވަހު، ގާތްތިމާގެ މީހުންނަށާއި އެކުވެރިންނަށް ޢީދުގެ ތަހުނިޔާ ފޮނުވައި، ހާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް، އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ.