ރައީސް ނަޝީދަށް ހަމަލާދިނުމުގެ ތުހުމަތުގަ ބަންދުކުރެވިފައިވާ 3 މީހުން ކުރި ޢަމަލުތަކަށް ޒިންމާދާރުކުރުވޭނެ!: ރައީސް ޞާލިޙް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 37ސ
ރައީސް ނަޝީދަށް ހަމަލާދިނުމުގެ ތުހުމަތުގަ ބަންދުކުރެވިފައިވާ 3 މީހުން ކުރި ޢަމަލުތަކަށް ޒިންމާދާރުކުރުވޭނެ!: ރައީސް ޞާލިޙް

ރައީސް ނަޝީދަށް ޙަމަލާ ދިނުމުގައި ބައިވެރިވި ކަމަށް، މިހައިތަނަށް ފާހަގަކުރެވުނު ތިން މީހަކު، މާތް ﷲގެ އިރާދަފުޅުން މިހާރު އެތިބީ، ޤާނޫނުގެ ބާރުގެ ދަށަށް ގެނެވިފައި ކަމަށާއި މިނިވަން ތަޙުޤީޤަކަށްފަހު، އިންޞާފުގެ ކުރިމައްޗަށް އެމީހުން ގެނެވޭނެ ކަމަށް އަދި އެމީހުން އެކުރި ޢަމަލުތަކަށް އެމީހުން ޒިންމާދާރު ކުރުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ފިޠުރު ޢީދާއި ގުޅުވައިގެން ދެއްވި ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ މާތް ﷲގެ މަދަދާއި ވާގިފުޅާއެކު، ޤާނޫނުތައް އެފަދަ މީހުން ވަށައިލާނެ ކަމަށާއި އަދި ޢަދުލު އިންޞާފު އަރައި ހަމަކުރާނެ ކަމަށެވެ. 

ރައީސް ޞާލިޙްގެ ވާހަކަފުޅުން:

މިއަހަރުގެ ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުވިއިރު، މުޅި ޤައުމު މިވަނީ ކުއްލި ސިހުމެއްގެ ތެރޭގައި. އާދެ، މިމަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސީދާ އަމާޒުކޮށް، މާލޭގައި ދިން ބޮމުގެ ނުރައްކާތެރި ޙަމަލާއަކީ، އަޅުގަނޑުމެންގެ ހިތްތަކަށް ބިރުވެރިކަމާއި، ނުތަނަވަސްކަން ނިހާޔަތަށް ވެރިކުރުވި ޓެރަރިސްޓް ޙަމަލާއެއް.

މި ޙަމަލާގައި ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންނެވި، ރައީސް ނަޝީދަށް އަވަސް ޝިފާއެއް ދެއްވައި، އެމަނިކުފާނަށް ފުރިހަމަ ޞިއްޙަތެއް ދެއްވުން އެދި ދުޢާކުރަން. އަދި މިނުރައްކާތެރި ޙަމަލާގައި ޒަޚަމްވި ސިފައިންގެ ބޭކަލުންނަށާއި، އަދި އެކި ގޮތްގޮތުން އަނިޔާ ލިބުނު އެންމެންނަށް، މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަން.

ރައީސް މުޙައްމަދު ނަޝީދަށް ދިން، އެ ޙަމަލާއަކީ، އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ޢަމަލެއް ނޫން. އެއްވެސް މީހެއްގެ ފުރާނަ ދުއްވައިލުމަށް ޙަމަލާއެއް ދިނުމަކީ، ކުޑަވެސް އިންސާނިއްޔަތުކަމެއް ހުރި މީހަކު ކުރާނެ ކަމެއް ނޫން. އެޒާތުގެ ޢަމަލުތަކުން، އެބަޔަކު ބޭނުންވާ އެއްވެސް މަޤްޞަދެއް، މާތް ﷲގެ އިރާދަފުޅުން މި ފަސްގަނޑުގައި ޙާޞިލެއް ނުވާނެ.

މާތް ﷲގެ މަދަދާއި ވާގިފުޅާއެކު، ޤާނޫނުތައް އެފަދަ މީހުން ވަށައިލާނެ. ޢަދުލު އިންޞާފު އަރައި ހަމަކުރާނެ. އެ ޙަމަލާ ދިނުމުގައި ބައިވެރިވި ކަމަށް، މިހާތަނަށް ފާހަގަކުރެވުނު ތިން މީހަކު، މާތް ﷲގެ އިރާދަފުޅުން މިހާރު އެތިބީ، ޤާނޫނުގެ ބާރުގެ ދަށަށް ގެނެވިފައި. މިނިވަން ތަޙުޤީޤަކަށްފަހު، އިންޞާފުގެ ކުރިމައްޗަށް އެމީހުން ގެނެވޭނެ. އެމީހުން އެކުރި ޢަމަލުތަކަށް އެމީހުން ޒިންމާދާރު ކުރުވޭނެ.

މިއީ ހަމައެކަނި، މި ތިން މީހުންނާ ހަމައިން ނިމޭނެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި، އެބަޔަކު ވެސް އިރާދަކުރެއްވިއްޔާ އިންޞާފުގެ ކުރިމައްޗަށް ގެންނާނަން.

މިފަދަ ދަށު ދަރަޖައިގެ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން، އަޅުގަނޑުމެންގެ އިޖުތިމާޢީ ގުޅުންތަކަށްވެސް ވަރަށް ބޮޑަށް އެބަ އަސަރު ކުރޭ. މުޖުތަމަޢުގެ ހަމަޖެހުމާއި އުފާވެރިކަން ގެއްލިގެން އެބަދޭ. ޢީދު ފާހަގަކުރުމަށް، އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ހުރި ކަންކަމަށް ބަލާއިރު މުޅިންވެސް ފެންނަނީ، އެއް މުސްލިމަކު އަނެއް މުސްލިމަކަށް، އަދި އެއް އިންސާނަކު އަނެއް އިންސާނަކަށް، އޯގާތެރިވުމާއި އެހީތެރިވުމާއި، ހިތްހެޔޮކަން ފާޅުކުރުމާއި، އުފާވެރިކަމާއެކު ބައްދަލުކުރުމަށް މަގުފަހިކޮށްދޭ ކަންކަން.

މިއަދު އޮންލައިން