ރާއްޖޭގައި ފެތުރެމުން މިދަނީ އިންޑިއާއިން ފެނިފައިވާ ކޮވިޑުގެ ނުރައްކާ ބާވަތް ކަމަށް ކުރެވޭ ތުހުމަތު އޮތްއިރުވެސް ކަރަންޓީނުގައި ތިބެންޖެހޭ އިންޑިއާ ފަތުރުވެރިން ހުޅުމާލޭގެ މަގުތަކުގައި އުޅޭކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން ފައުޅުކުރާކަމަށްބުނެ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސްނޫހުން ކުރި ސުވާލަށް އެކަށީގެންވާ ޖަވާބެއް ލިބިފައެއް ނުވެއެވެ.
މުޅި ރާއްޖެއިން މިއަދު 1204 މީހުން ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވި މީހުންގެ ޢަދަދަކީ 961 އެވެ. ވީމާ ކޮވިޑުގެ ނުރައްކާތެރިކަން އެންމެ ބޮޑުވެފައިވަނީ މާލެ ސަރަހައްދުގައެވެ.
މިހާރު ފެތުރެމުންދާ 4 ވަނަ ރާޅުގައި ބަލިޖެހި ސީރިއަސްވާ މީހުންގެ ތެރޭގައި 40 އަހަރުން ދަށުގެ ޒުވާނުން ގިނަވުމާއި ބަލި ފެތުރުން އިންތިހާއަށް ގިނަވުމާއި އަދި ބަލިޖެހޭ މީހުންގެ ޞިއްޙީ ޙާލަތު ސީރިއަސްވުން ބޮޑުވުމުގެ ކަންބޮޑުވުން ޑޮކްޓަރުން ގެންދަނީ ފައުޅުކުރަމުންނެވެ.