ބަރަކާތްތެރި ރަމަޟާން މަހުން މިރޭމީ 27 ވިލޭރެއެވެ. މިރެއަށްފަހު ދެން ބައްދަލުކުރާނެ ހަމައެކަނި އޮނަހިރިވިލޭރެއަކީ 29 ވިލޭރެއެވެ. ވީމާ މި ދެ ރޭ ކޮންމެހެން ސަމާލުކަންދޭން ޖެހޭނެ ބައެއްކަންކަން ފާހަގަކޮށްލާނަމެވެ.
1- މިހައިތަނަށް އެކަށީގެންވާ މިންވަރަށް އަޅުކަން ނުކުރެވިތިބި މީހުން ވެސް ހިތްވަރުކޮށްލާފައި ކޮޅަށް ތެދުވުން
އެހެނީ ﷲ ތަޢާލާއީ މީސްތަކުން އެކަލާނގެއާއި ކުއްތަންވާން މަސައްކަތްކުރާނަމަ އެކަމަށް ލޯބިވެވޮޑީގެންވާ ރަސްކަލާނގެއެވެ. އެމީހަކު ހިނގާފައި ކުރިއަށްދާނަމަ ދުވެވޮޑިގެން އެމީކާއި ކައިރިވެވޑިގަންނަވާ ރަސްކަލާނގެއެވެ. ވީމާ މިހިނދުން ފެށިގެންވެސް ﷲ ތަޢާލާގެ ރަޙަމަތަށް އެދި ރަމަޟާން މަސް ކާމިޔާބުކުރުމުގެ މަސައްކަތް އަވަހަށް ފަށާށެވެ!
ގެއްލެނިވެ ހަލާކުވެގެންދާނެ މީހުންނަކީ ކަންނެތްވެ ފަހަތުފައަށް ބުރަވާ މީހުންނެވެ.
2- އަޅުކަމަށް އަވަސްވެގަންނަންވީ ޢިޝާ ނަމާދަކުން ނޫނެވެ. މަޣްރިބް ނަމާދުންނެވެ. މަޣްރިބް ނަމާދުގެ ބަންގިންނެވެ. ބަންގިގޮވައި ނިމެންވާއިރަށް ރޯދަވީއްލައި ނިންމާށެވެ! ބަންގި ނިމޭއިރަށް ސުންނަތްކުރަންފަށާށެވެ. ސުންނަތްކޮށް ނިމުމުން ޖަމާޢަތުގައި ނަމާދުކުރާށެވެ! (އަންހެނުން ގޭގައެވެ.) ފަހު ސުންނަތްވެސް ކޮށްފައި ނޫނީ ނިންމައިނުލާށެވެ!
3- ތަރާވީޙް ނަމާދު ހީވާގިކަމާއިއެކު ކުރަން ބޭނުންވާ މީހާ ތަރާވީޙް ނަމާދުގެ ކުރިން ގިނައިން ނުކާށެވެ! ތަރާވީޙް ނިންމާފައި ކާށެވެ! ނޫނީ ވަރުބަލިކަން އިޙްޞާޞްކުރެވޭނެއެވެ.
4- (މިރޭ ނުވަތަ 29 ވިލޭރެއަކީ ލައިލަތުލްޤަދްރި ވިލޭރޭ ކަމުގައި ވެދާނެކަމަށްތަކައި އިރުއޮއްސުނީންސުރެ ފައިބާ ވަޑައިގަންނަވާ މަލާއިކަތުންނަށާއި ޖިބްރީލްގެފާނަށް މަރުޙަބާކިޔަން ގެ ތައްޔާރަށް ބަހައްޓާށެވެ. ކުނިކަހާ ސާފުކުރާށެވެ ގެއިން މީރުވަސްދުއްވާށެވެ. އިންސާނުންނަސް އުދަގޫވާ ކަންކަމުން މަލާއިކަތުންނަށް އުނދަގޫފުޅުވާފަދައިން އިންސާނުންނަށް އުފާލިބޭ ކަންކަމުން މަލާއިކަތުންނަށް އުފާވެރިކަން ލިބިޑައިގަންނަވާނެތީއެވެ.
5- ތަރާޥީޙް ނިންމައިލުމަށްފަހު އިރުކޮޅަކު އަރާމުކޮށްލާށެވެ! އަވަހަށް ތެދުވާށެވެ! ކޮންމެ ބައިގަޑިއަކުން ކޮފީތަށްޓެއް ބޮއިގެން ނަމަވެސް ފަތިސް ނަމާދުކުރެވެންދެން ހޭލައި ހުންނާށެވެ. ދަމުނަމާދުކުރާށެވެ! ޤުރްއާންކިޔަވާށެވެ! ދުޢާކޮށް ޛިކުރުކުރާށެވެ! ގިނަގިނައިން ދުޢާކުރާށެވެ!

މިދުޢާގެ އިތުރުން އެމީހަކު ބޭނުންވާހައި ކަމަކަށް އެދި ދުޢާކުރާށެވެ!
6- އަޅުކަންކުރުމުގައި ފޫހިނުވާނެގޮތަށް ކުރެވޭނެއެވެ. މިސާލަކަސް ދެރަކްޢަތް ނަމާދެއްކޮށްލާށެވެ. ކުޑަމިންވަރެއް ނަމަވެސް ޤުރްއާން ކިޔަވައިލާށެވެ! ޛިކުރުކޮށްލާށެވެ! ދުޢާކުރާށެވެ! އެއްކަމަކުން ފޫހިވެލާއިރަށް އަނެއް ކަމަށް އެނބުރޭށެވެ! ރޭ ނިމިގެންދާނެ ގޮތް ނުވެސް އެނގޭނެއެވެ! އިން ޝާ ﷲ
7- ރައްޓެހިންނަށް ގުޅައި އަޅުކަންކުރަން ހިތްވަރު ދޭށެވެ! ނަމަނަމަ އެންމެ މިނިޓަކުވެސް ބޭކާރު ވާހަކަ ނުދައްކާށެވެ! ލައިލަތުލްޤަދްރި ވިލޭރޭގެ އެންމެ މިނިޓަކީ އެހެން މަހެއްގައި 75 ދުވަސްކަން ހަނދާނުގައ ބަހައްޓަންވާނެއެވެ.
މި 5 ކަމުގަ ސާބިތުވެވިއްޖެ އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް ޙައްޤުވާނެތެވެ! އިން ޝާ ﷲ މިފަދަ މޭރުމުން ވާނީ ރަމަޟާން މަހުގެ 20 ވަނަ ދުވަހު ވެސް ނަޞޭޙަތްދީފައެވެ. އެއިރު ކުރިއަށް 5 އޮނަހިރިރޭ އޮތެވެ. މިހާރު ކުރިއަށް އޮތީ މިރެއާއި 29 ވިލޭރެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން