ތަޙްޤީޤަށް އޮސްޓްރޭލިއާ ފުލުހުން ގެންނަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ތަޙްޤީޤަށް އޮސްޓްރޭލިއާ ފުލުހުން ގެންނަނީ!

ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މިރޭ ދީފައިވާ ޓެރަރިސްޓް ހަމަލާ ތަޙްޤީޤްކުރަން ދިވެހި ފުލުހުންނާއި އެހީތެރިވުމަށް އޮސްޓްރޭލިއާގެ ފުލުހުންގެ ޓީމެއް ހޮނިހިރު ދުވަހު ރާއްޖެ އަންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ޤައުމާ މުޚާޠަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މިފަދަ ޙަމަލާތަކަކީ އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ޙަމަލާއެއް ނޫން ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤްޠިޞާދަށް ދިން ހަމަލާއެއް ކަމަށެވެ. މީގެ އިތުރުން މި ޙަމަލާގެ ތަޙްޤީޤްގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދާ ކަމަށާއި ފުުިހަމަ ތަޙްޤީޤެއް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ވަނީ ދެއްވައިފައެވެ. 

މިޙަމަލާ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިރޭ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވައި މި ހާދިސާއާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މިރޭ، މުލިއާގޭގައި ކުރިއަށްދިޔަ މި ކުއްލި ބައްދަލުކުރެއްވުމުގައި، އެ ހާދިސާއާ ގުޅިގެން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، މިކަން ހިނގާދިޔަގޮތް ތަޙުޤީޤުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ ވަޒީރުން ވަނީ މި ޢަމަލު ކުށްވެރިކުރައްވައި މިކަން ވީ އެންމެ އަވަހަށް ތަޙުޤީޤުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، މިފަދަ ޙާލަތްތަކުގައި ޤައުމުގެ އެންމެހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅެންހުރި ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވެވިއެވެ.

މިއަދު އޮންލައިން