މިއިން ރެއެއްގައި ލައިލަތުލްޤަދްރިވިލޭރޭ ހިމެނިގެންވާނެ ރޭތައް މިވަނީ އަހަރެމެންނާއި އަރައި ހަމަކޮށްފައެވެ. ހިތާމައަކީ ލައިލަތުލްޤަދްރި ވިލޭރޭ ޙާޞިލުކުރުމުގެ ފުރުޞަތު ލިބިގަންނަން އެކަށީގެންވާ ވަރަށް މަސައްކަތްނުކުރެވޭ ކަމެވެ. އަދި އެކަމަށް އެކަށީގެންވާ ވަރަށް މަސައްކަތްނުކުރެވޭތަނުގައި ލިބެން އޮތް ފުރުޞަތުވެސް ވަރަށް އިރާކޮޅު އެބަ ނަގައިލައެވެ.
ބައެއް މީހުން ރޯދަވީއްލަން މޭޒުދޮށުގައި އިށީނދެފައި ތެދުވަނީވެސް އެ ފުރުޞަތު ނަގާލައިގެންނެވެ. މިބުނަނީ ރުޅިވެރިކަމާއިއެކު ބަސްބުނުމާއި ނެތިމޮށުމާއި މީހުންނަށް އެއްޗެތި ގޮވުން ފަދަ ޢަމަލުތައް ކުރުމުގެ ވާހަކައެވެ!
ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ލައިލަތުލްޤަދްރި ވިލޭރޭ ޙާޞީލުކުރަން އެދޭމީހާ އެ ރޭ އެއްވެސް ފާފައެއް ކޮށްގެންނުވާނެއެވެ! ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެއެވެ.
ވީމާ އެއްވެސް މީހެއްގެ ނުބައި ވާހަކަ ނުދައްކާށެވެ! ޣީބަ ނުބުނާށެވެ! އަދި އެންމެ ކުޑަމިނުން އެއްވެސް މީހެއްގެ ހިތުގައި ޖެހޭފަދަ ބަހެއްވެސް ނުބުނާށެވެ! ކިތަންމެ ކުޑަ ޢަމަލެއް ވެސް ނުކުރާށެވެ! ހަމައެއާއިއެކު ވީހައި ޚުލްޤް ރަނގަޅު މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ވީހައި ދީލަތި، އޯގާތެރި މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!
މިދެއްކީ ލައިލަތުލްޤަދްރި ވިލޭރޭ ޙާޞިލުކުރަން ކުރަންހުރި އަޅުކަމުގެ ޥާހަކައެއް ނޫނެވެ. އެރޭގެ މަތިވެރި ޘަވާބާއި ދަރުމަ ލިބުމުން މަޙްރޫމްވެގެން ހިނގައިދާނެ ބައެއް ކަންކަމުގެ ވާހަކައެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން