އެޗްޕީއޭގެ މިއަދުގެ ހިސާބުތަކަށް ބަލައިފިނަމަ ކޮރޯނާއަށް ޕޮޒިޓިވްވެ ފަރުވާދެމުންދާ މީހުންގެ ޢަދަދު ވަނީ 5221 އަށް އަރައިފައެވެ. އަދި މިއަދުވެސް ވަނީ 402 މީހުން ޕޮޒިޓިވްވެފައެވެ. މިއީ ހަމަކޮންމެ މީހަކުވެސް ވިސްނައިލަންޖެހިފައިވާ ކަމެކެވެ.
އެއްވެސް ވެކްސިނަކީ ބަލި ނުޖެހޭނެ ކަމުގެ ގަރަންޓީއެއް ނޫނެވެ. އެކަން އެންމެންނަށްވެސް އެނގެއެވެ. ސުވާލަކަށް މިވަނީ ޤައުމުގެ ގިނަބައަކަށް ވެކްސިން ޖެހުމުން ބަލިޖެހޭ މީހުންގެ އިތުރުވުމެވެ.
ވެކްސިން އެކި ޤައުމުތަކުގައި މަސައްކަތްކުރަނީ އެކިގޮތަށެވެ. އަސަރުކުރަނީވެސް އެކި މިންވަރަށެވެ. އެކަން އެ ޤައުމުތަކުން އެގެންދަނީ ހާމަކުރަމުންނެވެ.
އަޅުގަނޑަށް ވިސްނޭގޮތުން އާބާދީގެ ގިނަބައަކަށް ވެކްސިން ޖެހުމުން ބަލިފެތުރޭ މީންވަރު އިތުރުވާނަމަ އަޅަންޖެހޭނެ އިތުރު ފިޔަވަޅުތަކެއް ހުންނާނެއެވެ. ސަބަބު ދެނެގަންނަން ޖެހޭނެއެވެ. އަދި އެ ސަބަބުތައް ނައްތައިލަންވެސް މަސައްކަތްކުރަންޖެހޭނެއެވެ. އެކަންކަމަށް ރައްޔިތުން އެބާރުލުންވެސް ދޭންޖެހޭއެވެ.
ވެކްސިން ގެ ދެ ޑޯޒް ފުރިހަމަކުރުމުން ބަލިޖެހުނު ނަމަވެސް ނުރައްކާ ކުޑަވެގެންދާކަން އޮތީ އެނގޭށެވެ. އެހެންވެ ޑޮކްޓަރަކު ބުނެފައިވެއެވެ. "ވެކްސިން ޖަހަންވީ ބަލީގެ ސަބަބުން މަރާ ހަނގުރާމަކުރަން ޖެހުން ކުޑަކުރުމަށެވެ."
ރާއްޖޭގައި މިހާރު މިފެތުރޭވަރަށް ބަލިފެތުރޭނަމަ އެއީ އޮތް ނުރައްކަލެކެވެ. ކުޑަ ނުރައްކަލެއް ނޫނެވެ. ބޮޑު ނުރައްކަލެކެވެ. ވީމާ އެޗްޕީއޭއިން މިހާރު ކޮށްދޭންވީ ކަމަކީ ބަލި މިހައި ބާރަށް ފެތުރެމުން މިދާ ސަބަބުތައް ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް އޮޅުންފިލުވައިދިނުމެވެ. ރައްޔިތުން ހޭލުންތެރިކުރުވުމެވެ. މިހާރު ވެކްސިން ނުޖަހައި ތިބި މީހުންނަށް ވެކްސިން ޖެހުން އަވަސްކުރެވޭނެގޮތްތަކަށް ކަންކަންކުރުމެވެ.
ކޮރޯނާއިން ސަލާމަތްވެވޭނީ އެންމެން އެކަމަށް ސަމާލުކަންދީގެންނެވެ. ޞިއްޙީ މާހިރުންގެ އިރުޝާދުތަކަށް އަމަލުކޮށްގެންނެވެ. އެއްބައަކު އަނެއް ބައަކު ކުށްވެރިކުރަން ތިބެގެން ހައްލުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
ރާއްޖޭގެ ޙާލަތަށް ބަލައިފިނަމަ ﷲ ތަޢާލާގެ އޯގާތެރިވަންތަކަން ކިތަންމެހައިވެސް ބޮޑެވެ. ބަލީގައި ސީރިއަސްވާ މީހުންނާއި މަރުވާ މީހުންގެ އަދަދުވެސް ދުނިޔޭގެ ނިޞްބަތުން ވެސް ބޮޑުތަނުން މަދެވެ. ވީމާ އެކަންކަމަށް ޝުކުރުވެރިވުން އިތުރުކުރަން އެބަޖެހެއެވެ!
ދުޢާއަކީ މިނުރައްކާތެރިވަބާއިން އެންމެން ސަލާމަތްކުރައްވަވައި ދެއްވެވުމެވެ.
- މިއަދުނޫހުގެ ކޔުންތެރިއެއް