ފުރަމަ 10 ނިމުނީއެވެ. ދެވަނަ 10 ފެށިގެން ކުރިއަށްދަނީއެވެ! ފަހު ދިހަ ފެށުން ދާދިގާތްވީއެވެ! ފުރަތަމަކަމަކަށް އަވަހަށް ރޯދަ ވީއްލުންތައް ބޭއްވުން ހުއްޓައިލާށެވެ. ވީހައި ލުއި ގޮތަކަށް ރޯދަ ވީއްލައި މިސްކިތަށް ދިއުން އަވަސްކުރާށެވެ. ގޭގައި ނަމާދުކުރާ މީހުން ވެސް ވީހައި އަވަހަކަށް އަޅުކަމަށް އަވަސްވެގަންނާށެވެ!
ގޭގައި ރޯދަ ވީއްލުންވެސް ލުއިކުރާށެވެ! ރޯދަ ވީއްލުން ބަރުކުރުމުން އެކަމުގެ ބާރު އެންމެ ބޮޑަށް ބޮޑުވަނީ އަންހެނުންނަށެވެ. ރޯދަ ވީއްލުން ދީ ނިންމާފައި ތާހިރުވެލައިގެން ޢިޝާ ނަމާދަށް ނުދެވޭ އަންހެނުން މަދެއް ނޫނެވެ. ތަރާވީޙްގެ ޖަމާއަތުގައި ބައިވެރިނުވެވުމަކީ އެކަމަށް އެދޭ މީހުންނަށޢް ކޮންފަދަ ބޮޑު ދެރައެއްތޯއެވެ؟
އެހެން މީހުންނަށް ރޯދަ ވީއްލަން ދޭން އުޅެން ހަދައިގެން ގިނަ އަދަދެއްގެ އަންހެނުންނަށް އޮންނަނީ ގޭގައި މަޣްރިބް ނަމާދު ވެސް ނުކުރެވިފައެވެ. އެހެންކަމުން ޢިޝާ ނަމާދަށް މިސްކިތަށް ގޮސް މަޣްރިބް ނަމާދުކުރާ އަންހެނުން މަދެއް ނޫނެވެ. އެގޮތަށް ކަންތައްތައް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އެކަނބަލުންގެ އެކަނިވެރިކަމާއި ގޭތެރޭގެ ހާލަތެވެ. ދަރިންގެ ރޯދަވީއްލުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭތީއެވެ.
ރޯދަ ވީއްލައި ނިމިގެން އަތްދޮވެލައިގެން ފިރިހެނުންނަށް ގެއިން ނުކުމެގެން މިސްކިތަށް ދެވޭހައި ފަސޭހައިން އެކަން ކުރެވޭކަށް އަންހެނުންނަކަށް ނުއޮވެއެވެ. ވީމާ އަނބިމީހާ ވެސް ހަމަ ތިމާފަދައިން އަވަހަށް މިސްކިތަށް ދާން ބޭނުންވާނެކަން ވިސްނާށެވެ! ގެއިން ނުކުތުމުގެ ކުރިން އެކަނބަލުންނަށްވެސް އެހީތެރިކަން ފޯރުކޮށްދޭށެވެ. އަޅުކަން ކުރުމަކީ އަޅުކަމެއް ފަދައިން އަޅުކަން ކުރަން މީހަކަށް ޚާއްޞަކޮށް އަނބިމީހާއަށް އެހީތެރިވެދިނުމަކީ އަޅުކަމުގައި ބައިވެރިވުމެވެ. އެއީ ނުހަނު ގިނަގުނަ ސަވާބު ދެއްވަވާނެ ކަމެކެވެ.
- ޝައިޚް އިބްރާހީމް ފަރީދު
ލޮބުވެތި ފިރިންނޭވެ! ޢަޞްރު ނަމާދަށްފަހު ތިއަބައިމީހުން މިސްކިތުގައި ތިބެ ޤުރްއާން ކިޔަވަނީއެވެ. ޛިކްރުކުރަނީއެވެ. އަނބިމީހާ ހަމަ އިރުއޮއްސެންދެން ބަދިގޭގައެވެ.
އެވަރަކުން އަދި ނިމެނީއެއް ނޫނެވެ. ރޯދަވީއްލުން ތައްޔާރުކުރި މޭޒުމަތި ސާފުނުކުރެވިގެން، ދައުވަތުދީގެން ގެނުވި މެހްމާނުންނަށް ކަމޭހިތައި ފަހަރަކު ޑިޝްއެއް ތަރުތީބުން ދީ ނިމޭއިރު ހުންނަނީ ޢިޝާ ވަގުތުވާން ކައިރިއެވެ. އަނެއްބައި ގޭގޭގައި މޭޒުމަތީގައި އަތުރަންޖެހޭ ތަށިތައް ގިނަކަމުން އެތުރި ތަށިފުނިވަރު ނަގައި ނިމޭއިރު ހުންނަނީ ޢިޝާވަގުތުޖެހެން ޑާދި ގާތްވެފައެވެ.
އެއިރު ފިރިން ތިބެނީ އަވަސްއަވަހަށް ނިންމާލައިގެން ގޮސް މިސްކިތުގައި ކިޔަވާށެވެ! މިފަދަ ގޮތްގޮތަށް ކަންކަން ހުންނަ ގެތަކުގެ އަނބިންނަށް މަޣްރިބް ނަމާދު ވަގުތުގައި ކިރިޔާ ލިބެނީވެސް ފެންވެސް ވަރާނުލައި، ގައިވެސް ދޮވެ ނުލައި މިސްކިތަށް ދިއަ ނަމައެވެ.
މިފަދަ ޘަޤާފަތްތައް ކުރިން އޮތްނަމަވެސް މިހާރު އެއީ ކަމުދާ ކަންކަމެއް ނޫނެވެ. މަޣްރިބް ނަމާދު ކުރުމަށްފަހު ރޯދަވީއްލައިގެން ފިރިހުނުން ގެއިން ނުކުމެ މިސްކިތަށް ހިނގައިގަންނައިރަށް އަންހެންވެރިންވެސް ހިނގައިގަންނަންވާނެއެވެ! މިސްކިތަށް ނުދާނަމަ ގޭގައި އޮތް މުސައްލަ އާއި ދިމާއަށް ހިނގައިގަންނަންވާނެއެވެ!
ފިރިހެނުންނޭވެ! އަނބިން ނުވަތަ ގޭގައި ތިބި އަންހެނުންނަށް އަޅުކަންކުރުމުގެ ފުރުޞަތު ނުދީ އަޅުވެތިކުރުވާފައި ތިއަބައިމީހުން އަޅުކަންކުރީމާ ތިލަފަތުގައި ބަރުވާނީ ކޮންކޮޅަކަށްތޯ ސުވާލުމިކުރަނީ ހަމަ ޤަޞްދުގައެވެ. އަހަރެންނަށް ޤަބޫލުކުރެވޭ ގޮތުން އެގޮތަށް ޢަމަލުކުރީމާ ތިބާކުރާ އަޅުކަމަށްވުރެ ތިބާ ފާފަވެރިވާވަރު މާބޮޑުވާނެއެވެ! މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން