މަރު ތިމާ ފަހާ ދުވަމުން އައިސް އަތްފޯރާފަށުގައި އެބަހުރިކަން އެނގޭނަމަ ޢަމަލުކުރާނީ ކިހިނަކުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
މަރު ތިމާ ފަހާ ދުވަމުން އައިސް އަތްފޯރާފަށުގައި އެބަހުރިކަން އެނގޭނަމަ ޢަމަލުކުރާނީ ކިހިނަކުން ހެއްޔެވެ؟

މީސްތަކުން ދުނިޔެ ފަހައި ދުވަނީއެވެ! މަރު މީސްތަކުން ފަހައި ދުވަނީއެވެ. ހިތާމައަކީ މީސްތަކުންނަށް އެކަން އެނގޭއިއރުވެސް އެކަމަށް ސަމާލުކަން ނުދެވޭކަމެވެ. 

ކޮންމެ ދުވަހަކުވެސް ގާތް އެކުވެރިން ދުނިޔެ ދޫކުރެއެވެ. ޒުވާން އުމުރުގައެވެ. މެދު އުމުރުގައެވެ. އުމުރުން ދުވަސްވާފަހުންވެސްމެއެވެ. އެމީހުންގެ ޖަނާޒާތަކުގައި ބައިވެރިވެސްވަމުއެވެ. ނަމަވެސް ޢިބްރަތެއް ޙާޞިލުކުރެވޭ ކަމަކަށް ނުވެއެވެ. 

ޖަނާޒާގެ ވަގުތުގައި ކޮންމވެސް ވަރަކަށް އަސަރުވެސްކުރެއެވެ. ޖަނާޒާ ނިންމާފައި ސަހަރާއިން ނުކުންނައިރު އެކަން ހަނދާނުގައި ހުންނަ ކަމަކަށްނުވެއެވެ. ކުރެވެނީ ފާފަތަކެވެ. ތިމާގެ ފަހަތުން މަރު އެބަ އަންނަކަމަސް ވިސްނައިލުމެއްވެސް ނެތިއެވެ. 

މީސްތަކުންނޭވެ! އެގޮތަށް ކަންކަން ކުރުން އަވަހަށް ހުއްޓައިލާށެވެ! ގިނަގިނައިން މަރުހނދާންކުރާށެވެ. ތިމާ އާއި އެންމެ ގާތުގައިވަނީ މަރުކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ! ދުރުން އަންނަ ޠޫފާން ލޮލަށް ފެނެއެވެ. ސަލާމަތްވާން މަސައްކަތްކުރުމުގެ ފުރުޞަތުވެސް ލިބެއެވެ. އަދި އިރާދަކުރައްވަވައިފި އަޅަކު ސަލާމަތްވެސް ވެއެވެ. 

ނަމަވެސް މަރެއް ނުފެންނާނެއެވެ. މަރުގެމަލާއިކަތާ މަރުހިއްޕަވަން ވަޑައިގެން ލޮލަށް ފެންނަ ހިސާބުން މީހާގެ ހުރިހާ ބާރުތައް ކެނޑިގެންދާނެއެވެ. ހިނދުކޮޅަކަށްވެސް އިތުރު ފުރުޞަތެއް ނުލިބޭނެއެވެ. 

މިހުރިހާ ކަންކަމަކީ ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭ ކަންކަމެވެ. ހިތާމައަކީ ބިރުވެތިނުވެވޭކަމެވެ. ފާފަތައް ކުރަމުން ގެންދެވޭކަމެވެ. ތައުބާވުން ލަސްކުރެވޭ ކަމެވެ. ވީމާ މިކަންކަން އަވަހަށް އިޞްލާޙްކޮށްލަމާ ހިނގާށެވެ! ގިނަގިނައިން މަރުހަނދާންކުރާ މީހަކަށްވެގެން ނޫނީ ޢަމަލުތައް އިޞްލާޙެއް ނުކުރެވޭނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން