އަހަރެންގެ މަންމަ ގާތު އަހަރެންގެ ބައްޕަ "އައި ލަވް ޔޫ" އެންމެ ފަހަރަކުވެސް އެންމެ ފަހަރަކުވެސް ބުނިކަމެއް ނުއެނގެއެވެ. ކާފަމެން ނުވަތަ އެއިގެ ކުރީގެ މީހުން ކަންތައްތައް ކުރިގޮތެއް ނުވެސް އެނގެއެވެ.
ނަމަވެސް އަހަރެންގެ ބަޕއްޕަ، މަންމަ ދެކެލޯބިވާކަން މަންމައަށް ވަރަށް ރަނގަޅަށް އެނގުނެވެ. އެކަން ޔަޤީނެވެ. އަހަރެންނަށް އަހަރެންގެ އަނބިމީހާ ދެކެ ލޯބިވެވޭވަރަށްވުރެ މާބޮޑަށް ބައްޕަ މަންމަ ދެކެ ލޯބިވިއެވެ. މީގެ މާނައަކީ އަހަރެން އަނބިމީހާ ދެކެ ލޯބިނުވުމެއް ނޫނެވެ. އަނބިމީހާ ދެކެ ވަރަށް ބޮޑަށް ލޯބިވަމެވެ.
ބުނަން މިއުޅޭ ވާހަކައަކީ ދެމަފިރިން އެކަކު އަނެކަކުދެކެ ލޯބިވާކަން ހާމަނުކޮށް ތިބެވޭކަށް މިއަދަކު ނެތެވެ. އެކަން ވަރަށް ގިނައިން ކުރަން އެބަޖެހެއެވެ. ފޯނުން މެސެޖެއް ނުވަތަ މަލެއް ނަމަވެސް ގިނަގިނައިން ފޮނުވައިލާށެވެ! މަލުގެ ބޮޑެތި ބަގީޗާތައްވެސް ފޮނުވައިލާށެވެ! އެކަންކުރަން މިއަދަކު އިތުރު އެއްވެސް ޚަރަދެއްވެސް ކުރާކަށް ނުޖެހެއެވެ. ބޭނުންވަނީ އެކަންކުރަން ހަނދާންކުރުމާއި ކުޑަކުޑަ ވަގުތުކޮޅެކެވެ.
ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ލަހެއް ނުވެ ފޯނުން ވަސްވެސް ފޮނުވައިލެވޭނެކަމުގެ އަޑުތައް އަންނަނީ އިވެމުންނެވެ. ބޭނުންހިފާށެވެ! ހުރިހާ ކަންކަންވެސް ތާޒާކުރާފަދައިން ދެމަފރިންގެ ލޯބިވެސް ތާޒާކުރަންޖެހެއެވެ.
އަހަރެމެންގެތެރެއިން ބައެއް މީހުންނަށް އަނބިމީހާ ކަމުގައިވުމުން ނުވަތަ ފިރިމީހާކަމުގައިވުމުން މިކަމަށް ސަމާލުކަން ނުދެވެނީއެވެ. ފަރުވާކުޑަކުރެވެނީއެވެ. އެހެން ނުހަދާށެވެ! އެންމެބޮޑަށް ސަމާލުކަން ދޭންޖެހޭނީ ބައިވެރިޔާއަށެވެ! ޒަވާޖީ ޙަޔާތް ދުޅަހެޔޮކަންމަތީގައި ދެމިއޮންނާނީ އެއިރުންނެވެ!
- މުފްތީ މެންކުގެ ދަރުސަކުން