މި އަހަރުގެ ރޯދަ މަހަށް ހަނދު ސާބިތުކުރުމުގެ ރަސްމިއް އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވަން ހަމަޖައްސައިފިއެވެ.
މިކަމާގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ހަނދު ފެނިގެން އެކަމުގެ މައުލޫމާތުދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބު ފަދަ މައުލޫމާތުތައް ދޭން ވާނެ ކަމަށެވެ. އަދި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭންޖެހޭނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށާއި ރަށެއްގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްނަމަ އެ ވަގުތަކު ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައި ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އަންނަ އާދިއްތަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް ވެސް ޑީޖޭއޭ އިން ވަނީ ބުނެފައެވެ.
ރޯދަ މަހަށް ހަނދު ސާބިތުކުރުމަށް ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ދިއުމުގެ ހަރަދު ދޫކުރާ ގޮތަށް ވެސް ހަމަޖެހިފައި ވާކަމަށް ވެސް ޑީޖޭއޭ އިން ވަނީ ބުނެފައެވެ.
ހަނދު ފެނިއްޖެކަމަށް ނިންމައިފިނަމަ އެހެން އަހަރުތަކުގައިވެސް ބާއްވާ ބަނޑިޖެހުމުގެ ހަފްލާ ޖުމްހޫރީ މައިދާނުގައި އޮންނާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.