ކައިވެނި ދެމެހެއްޓެން ނެތިގެން ވަރިކުރަންޖެހޭ ޙާލަތުގައިވެސް ތަޤްވާވެރިކަން އިސްކުރާށެވެ! ނުބައި ބަސްތައް އެކަކު އަނެކަކަށް ނުބުނާށެވެ! ފަޟީޙަތް ނުކުރާށެވެ!
ފިރިމީހާއަކީ ތިމާއަށް ބޭނުންވާ ފޭރާމާއި ގަހަނާ އާއި ސެންޓާއި ކާބޯތަކެތި ގެނެސްދޭ މީހާކަމަށް ދެކެގެން ނުވާނެއެވެ! އަދި އަނބިމީހާއަކީ ތިމާއަށް ކައްކައިދޭ، ދޮވެ އިސްތިރިކޮށްދޭ މީހާކަމަށް ދެކެގެން ނުވާނެއެވެ. ޒަވާޖީ ޙަޔާތަކީ މާ މުހިންމު ކަމެކެވެ. ދެމަފިރިންނަކީ މާ މުހިންމު ބައެކެވެ.
މިސާލަކަށް ދިރިއުޅުމުގައި ކުރަންޖެހޭ ކަމެއް ކުރަން އެކަކު އިސްވެ ޙަވާލުވެދާނެއެވެ. ނަމަވެސް އެއީ އެމީހާގެ ވާޖިބެއް ކަމަށް ދެކެގެންނުވާނެއެވެ. ދިރިއުޅުމުގެ ކޮންމެ ކަމަކީވެސް ދެމީހުން އެއްވަރަށް އަދާކުރަންޖެހޭ ވާޖިބެކެވެ.
އެހެންކަމެއްވެސް ފާހަގަކޮށްލާނަމެވެ. ކައިވެނި އެއިގެ ޒާތުގައި އުފާވެރިކަމާއިއެކު ދަމަހައްޓަން ބޭނުންވާނަމަ އަމިއްލައަށް އިސްނަގައިގެން އެކަކު ކުރާ ކަންކަމަށް އަނެކަކު ތަޢްރީފްކުރަންޖެހޭނެއެވެ. ޝުކުރުވެރިވާކަން ދުލާއި ޢަމަލުން ސާބިތުކޮށްދޭންޖެހޭނެއެވެ.
ބައެއް މީހުން ކައިވެނިކޮށްގެން ދުރުރަށަކުން އަންތބަކު ގެނެސްފާނެއެވެ. އެއިރުން އޭނާގެ އެއްވެސް މީހަކު އެރަށަކު ނުހުންނާނެއެވެ. ހުންނާނެހައިވެސް މީހަކީ ފިރިމީހާއެވެ. އެހާލަތުގައި ފިރިމީހާ، އަނބިމީހާ ގެއަށް ދޫކޮށްލާފައި އެކުވެރިންނާއިއެކު ބޭރުގައި އުޅޭނަމަ އަނބިމީހާއަށް ލިބޭނެ ހިތްދަތިކަމާއި އެކަނިވެރިކަން ނިކަން ހިތަށް ގެނެސްބަލާށެވެ!
އަނެއްބައަކު ގޭގައި ވަގުތު ހޭދަކުރިނަމަވެސް ހުރިހާ ވަގުތުތަކެއް ފޯނާއިއެކު އެބަ ހޭދަކުރެއެވެ. ސުވާލަކީ އެހެންކަމަށްވާއިރު ތިބާ މީހަކާއި ކައިވެނިކުރީ ކީއްކުރަންހެއްޔެވެ؟ ފޯނާއި ކައިވެނި ނުކުރީ ކީއްވެގެންހެއްޔެވެ؟
ހުރިހާ ދެމަފިރިން ގާތުގައިވެސް ބުނަމެވެ. ހަމައެކަނި ބައިވެރިޔާ ކުށްވެރިކުރުމަކުން އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެއެވެ. ކަންކަން ޙައްލުކުރެވޭނީ އެކުގައި ގިނަވަގުތު ހޭދަކޮށް ލޯބިން ދިރިއުޅެގެންނެވެ. ތަޢްރީފްކޮށް ލޯބިވާކަންވެސް ހާމަކުރަމުން ދިިރިއުޅުމުންނެވެ!
- މުފްތީ މެންކުގެ ދަރުސަކުން