އަދިވެސް ހުއްޓައެއް ނުލާނަންތަ؟ ދެބައޮޑުވުމަކީ މަރުވެ ވަލުލެވޭ ވަގުތުން ފެށިގެން ޢަޛާބު ލިބެންފަށާކަމެއްކަން ޙަދީޘުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
އަދިވެސް ހުއްޓައެއް ނުލާނަންތަ؟ ދެބައޮޑުވުމަކީ މަރުވެ ވަލުލެވޭ ވަގުތުން ފެށިގެން ޢަޛާބު ލިބެންފަށާކަމެއްކަން ޙަދީޘުން!

ރަސޫލުﷲ ދެ ޤަބުރެއްގެ ކައިރިން ވަޑައިގަންނަވަމުން ޙަދީޘްކުރެއްވިއެވެ.

«إِنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ، أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ البَوْلِ، وَأَمَّا الآخَرُ فَكَانَ يَمْشِي بِالنَّمِيمَةِ» [رواه البخاري]

މާނައީ: "ހަމަކަށަވަރުން އެދެ ޤަބުރުގެ އަހުލުވެރިންނަށް އެދަނީ ޢަޛާބު ލިބެމުންނެވެ. އަދި އެދެ ޤަބުރުގެ އަހުލުވެރިންނަށް ޢަޛާބު ލިބެމުން އެދަނީ ބޮޑުކަމަކާ ހެދިއެއް ނޫނެވެ. (އެބަހީ: އެކަމަކީ އެއީ އެދެމީހުންނަށް މާބޮޑު ކަމެއް ނޫނެވެ.) އެތަނުން އެކަކީ ކުޑަކަމުދާ ތަކެތިން ރައްކާތެރިނުވާ މީހެއްކަމުގައި ވިއެވެ. އަދި އަނެއްމީހާއަކީ މީސްތަކުންގެ ތެރޭގައި ދެބައުޑުވަމުން ހިނގާ މީހެއްކަމުގައި ވިއެވެ."

މި ޙަދިޘްފުޅުގައިވާ 2 އަމަލުކުރުމަކީ މިހާރު ވަރަށް ޢާންމުކަމެކެވެ. ކުޑަކަމުދާއިރު ސަމާލުކަންދެނީ މަދުމީހެކެވެ. ކޮޅަށްހުރެ ގައަށް ދާގޮތަށް ކުޑަކަމުދިއުން މިވަނީ ޢާންމުކަމަކަށް ހަދައިފައެވެ. 

ދެވަނަ ކަމަކަށް މިއޮތީ ދެބައުޑުވުމެވެ. "ތިބާވީ ކޮންމެ ތަނަކު ﷲ ތޢާލާއަށް ބިރުވެތިވާން" ފޮތުގައި ލިޔެފައި އޮތުމުން ކުރާކަމަކީ ކޮންމެ ތަނެއްގައި ހުރެގެންވެސް އަބަދުވެސް ނެތިމޮށުމާއި ދެބައުޑުވުން ފަދަ ކޮންމެވެސް ބޮޑު ފާފައެއް ކުރުމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބިރުވެތިވާށެވެ! ފުރުޞަތު އޮއްވައި ޢަމަލުތައް އިޞްލާޙްކުރާށެވެ! މިފަދަ ހަދީޘްފުޅުތަކާއިމެދު އަބަދުވެސް ވިސްނައި ހިތުގައި ބިރުވެތިކަން އިތުރުކުރަން މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން