އެންމެ ނުބައިކަން ބޮޑުވެގެންވާ 7 ފާފަ

ކިޔުމަށް ހޭދަވާނީ 3މ 38ސ
އެންމެ ނުބައިކަން ބޮޑުވެގެންވާ 7 ފާފަ

ފާޠިމަތު ނަޢީޝާ ޢަބްދުﷲ ޢަބްދުލްބާރީ

އިސްލާމްދީނުގައި ކަނޑައެޅިގެންވާ އެންމެ ނުބައި 7 ފާފަތަކަކީ އޭގެ ނުބައި ކަމާއި އެކަންތައްތަކުން ދުރުހެލިވުމަށް ތަކުރާރުކޮށް އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަންތައްތަކެވެ. ނަރަކައިގެ އެންމެ ވޭންދެނިވި ޢަޒާބުތަކުން ތިބާއަށް ސަލާމަތްތެރިކަން ލިބިގަތުމަށްޓަކައި މި 7 ފާފަތަކުން ރައްކާތެރިވުމުގެ މުހިއްމުކަން ބޮޑުވެގެންދެއެވެ. 

سورة النساء ގެ 31 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. " ތިޔަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ ބޮޑަތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަންރަސްކަލާނގެ ފުއްސަވާހުށީމެވެ. އަދި މާތް ވެގެންވާ ތަނަކަށް ( އެބަހި ސުވަރުގެއަށް ) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ވައަދަވާހުށީމެވެ."

އެހެންކަމުން، އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.

1. މާތް ﷲ އަށް ޝަރީކު ކުރުން

އެކަލާނގެއަށް ޝަރީކުކުރުމަކީ ތިބާ އިސްލާމްދީނުން ނަފީކުރާނެ ކަމެކެވެ.

" ހަމަކަށަވަރުން، ﷲ އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. ﷲ އަށް شريك ކުރާމީހާ ދަންނާށެވެ ! ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ. "

2. ޙައްޤަކާ ނުލާ މީހަކު މަރާލުން

“ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، ނަފްސެއް މަރައިފި މީހާ އެންމެހާ މީސްތަކުން މެރިފަދައެވެ." سولرة الماىدة : 32

3. ރިބާ ކެއުން

ރިބާ ދޭމީހާ އާއި ރިބާ ކާމީހާ އާއި އެ ބަލަހައްޓާ މީހާއާއި އެ މުޢާމަލާތުގެ ހެކިވެރިންނަށް ކީރިތި ރަސޫލާ (ޞ) ލަޢިނަތް ލެއްވިއެވެ. ( ސަޙީހް މުސްލިމް )

" ރިބާ ކާމީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާފަދައިން މެނުވީ ( ޤިޔާމަތްދުވަހު އެއުރެން ކަށްވަޅުން ) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ ރިބާ ކަހަލަ ކަމެއް ކަމުގައެވެ. ނަމަވެސް ވިޔަފާރިކުރުން ވަނި ﷲ ހުއްދަކުރައްވާފައެވެ. އަދި ރިބާ ވަނީ ހަރާމްކުރައްވާފައެވެ. " سورة البقرة  : 275

4. ޔަތީމުންގެ މުދާ ކެއުން

" ހަމަކަށަވަރުން، އަނިޔާވެރިކަމުގެ ގޮތުން ޔަތީމުންގެ މުދާ ކައިއުޅޭ މީހުން ދަންނާށެވެ ! އެއުރެން ކައިއުޅޭކަން ކަށަވަރީ ނަރަކައިގެ އަލިފާނެވެ. އަދި، އަނދަ އަނދާ ހުންނަ ނަރަކައަށް އެއުރެން ނިކަންހުރެ ވަންނާނެތެވެ  " سورة النساء : 10  

5. ހަނގުރާމައިގެ މައިދާނުގައި ކާފިރުންނަށް ފުރަގަސްދިނުން

" އޭ އީމާންވެއްޖެ މީސްތަކުންނޭވެ ! ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލައި އަންނަނިކޮށް ކާފިރުވި މީހުންނާ ތިޔަބައިމީހުން ބައްދަލުވާހިނދު، އެއުރެންނަށް ފުރަގަސްދީ ތިޔަބައިމީހުން ނުދާހުށިކަމެވެ! ހަނގުރާމައަށް އުކުޅެއް ހަނދާ މީހެއްގެ ގޮތުގައި ނުވަދަ މުއުމިނު އެހެން ބައެއްގެ ފަރާތަށް ޖެހިލާމީހެއްގެ ގޮތުގައި މެނުވީ އެދުވަހުން ފުރަގަސްދީ ދުރަށްދާމީހާ ދަންނާށެވެ ! ފަހެ، އެމީހަކު ﷲގެ ކޯފާއާއިގެން އެނބުރި އަތުވެއްޖެކަން ކަށަވަރެވެ. އަދި އެމީހާ އުޅޭނެތަނަކީ ނަރަކައެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ." سورة الأنفال : 15،16

6. ﷲ އަށް އީމާންވެހުރި، ޢިއްފަތްތެރި، މުއުމިން އަންހެނެއްގެ ބޮލުގައި ޒިނޭގެ ތުޙުމަތު އެޅުވުން

" ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފްކުރާމީހުން، އެކަމުގެ މައްޗަށް ހަތަރު ހެކިން ނުގެނައިނަމަ، ފަހެ އެއުރެންގެ ގައިގައި 80 އެތިފަހަރުން ހައްދު ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމިހުން ޤަބޫލުނުކުރާށެވެ! އަދި އެއުރެންނީ ހަމަ، ފާސިޤުންނެވެ. " سورة النّور : 4

7. ސިހުރުހެދުން

" …  އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާކަންތައްތަކެވެ. ހަމަކަށަވަރުން އެތަކެތި ގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއްނެތްކަން އެއުރެންނަށް ކަށަވަރުކޮށްވެސް އެނގިފައިވެއެވެ. އެއުރެންގެ ނަފްސުތައް އެއެއްޗަކަށް އެވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަކަމުގައި ވިނަމައެވެ. " سورة البقرة : 102

 

 މި 7 ފާފަތަކަކީ އޭގެ ނުބައިކަމުގެ ސަބަބުން ތިބާގެ ހުރިހާ ހެޔޮ ޢަމަލެއް ފުހެވި ދާއިމަށް ނަރަކައިގެ ވޭންދެނިވި ޢަޒާބަށް ތިބާ ހުށްއެޅިގެންދާނެ ކަންތައްތަކެވެ. އެހެންކަމުން މިކަންތައްތަކުން ތިބާގެ ނަފްސު ދުރުހެލިކޮށް ގިނަގިނައިން ހެޔޮ ޢަމަލުކުރުންމަތީ ދެމިހުންނާށެވެ. ﷲއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.

މިއަދު އޮންލައިން