ސީރިޔާ މަންމައެއްގެ އާދޭސް: ފިނި މޫސުމުގައި ދަރިން ފިނިން ރައްކާތެރިކޮށްދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 40ސ
ސީރިޔާ މަންމައެއްގެ އާދޭސް: ފިނި މޫސުމުގައި ދަރިން ފިނިން ރައްކާތެރިކޮށްދެއްވާ!

ސީރިޔާގެ ރެފިއުޖީ ކޭމްޕެއްގެ ފޭލިގެއެއްގައި ދިރިއުޅެމުންދާ މަންމައެއްގެ އުންމީދެއް މި ފިނި މޫސުމާއި ދިމާކޮށް އެބައޮތެވެ. ދެކުނު ޙަލަބްގެ ހާލަތާއި ގުޅިގެން އެތަނުން ނިކުންނަން ޖެހުނު މީހުންގެ ތެރޭގައި 10 ދަރިންގެ މަންމައެއް ކަމަށްވާ އުއްމު މުޙައްމަދު އިންޓަނޭޝަނަލް އެއިޑް ކެމްޕޭނަށް އޭނާގެ ހިތުގެ އިހްސާސްތައް ހިއްސާކުރިއެވެ. އުއްމު މުހައްމަދުގެ 7 އަންހެން ކުދިންނާއި 3 ފިރިހެން ކުދިން ތިބެއެވެ. ވައިގެ ހަމަލާތަކާއި ގުޅިގެން އަމިއްލަ ގެއިން ނިކުންނަން ޖެހުނު މި އާއިލާ މިހާރު ދިރިއުޅެމުންދަނީ ފޭލި ގެއެއްގައެވެ. އަދި މިތާނގައި ދިރިއުޅެމުން ދާތާ މިހާރު ދޮޅުއަހަރުވެފައިވާކަމަަށް އުއްމު މުހައްމަދު ބުންޏެވެ.

ފިނި މޫސުމަކީ މިފަދަ ދަތި ހާލަތުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އިތުރު ނިކަމެތިކަމެއް ކުރިމަތިވާ ދުވަސްވަރެއް ކަމަށްވުމުން، މި މޫސުމަށް ތައްޔާރުވުމަށް ކުރަނީ ކޮންކަމެއްތޯ އައިއޭސީއިން ސުވާލުކުރުމުން އުއްމު މުހައްމަދު ބުނީ، ފުރަތަމަ ހަލާކުވެފައިހުރި ތަންތަން ވައި ނުވަންނަ ގޮތަށް ބަންދުކުރަނީކަމަށެވެ. މީގެއިތުރުން ވިއްސާރައިގެ ފެނުން ރައްކާތެރިކަން ހޯދުމަށް ޕްލާސްޓިކް ކަވަރު ހޯދައިގެން ފޭލިގޭގެ ބޭރުގައި އަޅާކަމަށް އެ މަންމަ ބުންޏެވެ. އަދި އޭނާގެ ދަރިންނަށް ފިނިން ރައްކާތެރިވުމަށާއި ހޫނުކަން ހޯދައިދިނުމަށް ބޭނުންކޮށްފައި ހުންނަ އަންނައުނު ލިބޭތޯ މަސައްކަތް ކުރާ ވާހަކަ އެ މަންމަ ބުންޏެވެ. 

މި އާއިލާއިން ފޭލިގޭގެ ތެރޭގައި ހޫނުކުރުމަށް ބޭނުންކުރާ އާލަތް ދައްކަމުން އުއްމު މުހައްމަދު ބުނީ ފިނި މޫސުމުގައި ހޫނު ކުރުމަށް އޭގެ ތެރެޔަށް ތެޔޮ އަޅަނީ ކަމަށާއި އަދި އޭތި އަނދަން ފެށިމާ އާއިލާ މެމްބަރުން އޭގެ ވަށައިގެން ތިބެނީ ކަމަށެވެ. މި ފަދަ ނުރައްކާތެރި ވަސީލަތެއް ބޭނުންކުރުމާއި ބެހޭގޮތުން އައިއޭސީއިން ސުވާލުކުރުމުން އެ މަންމަ ބުނީ، އެއީ ނުރައްކާތެރިކަމެއް ކަމުގައި ޤަބޫލް ކުރާ ކަމަށާއި، މިއީ މިފަދަ ނައިލޯން ފޭލިގެއެއް ތެރޭގަ ރޯކޮށްފަ ހުންނަ އަލިފާން ކަމަށެވެ. އަދި މި ގޮތަށް މި ވަސީލަތް ބޭނުންކުރުމުގެ ތެރޭގައި ވަރަށް ގިނަ ފަހަރު ފޭލިގެ ތަކުގައި އަނދާ ހުލިވެފައި އެބަހުރިކަން އުއްމު މުހައްމަދު ހާމަކުރިއެެވެ. އެ ފޭލިގޭގައި ހޫނުކުރަން ބޭނުންކުރާ ވަސީލަތައް އަޅާ ތެލާއި ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ ތެޔޮ ލީޓަރެއް އެއް ޑޮލަރަށް ލިބޭތީ އެމީހުން ބަހައްޓަނީ ވަރަށް ލަސްލަހުން ތިކި ޖެހޭގޮތަށް ހަދާފައި ކަމަށާއި ލީޓަރަކުން އެއް ގަޑއިރު ހިފަހައްޓާލެވޭ ކަމަށެވެ. 

މީގެއިތުރުން ދުވާލަކު އެއް ލީޓަރަށް ވުރެ ގިނައިން ބޭނުން ކުރުމުގެ ފުދުންތެރިކަމެއް އެ އާއިލާގެ ކިބައިގައި ނެތް ކަމަށެވެ. އެހެންކަމުން ފިނި މޫސުމުގައި، ދުވާލަކު އެންމެ ގަޑިއިރަކަށް ހޫނުކޮށްފައި ބާކީ ހުންނަ ވަގުތުތަކުގައި އެ އާއިލާއިން ބަހައްޓަނީ އޭތި ނިއްވާލާފައެވެ. އޭގެ ބަދަލުގައި ދެން ހުރި ވަގުތު ތަކުގައި އެންމެން ތިބެނީ ކައިރިކަރީގައި ރަޖާ އަޅާއިގެން ކަން އުއްމު މުހައްމަދު ބުންޏެވެ. އަދި ބައެއްފަހަރު ފްލާސްޓިކް ހޮވައިގެން ފޭލިގެ ކުރިމަތީގައި ހޫނުކުރުމަށް އެވެސް އަންދާކަން އޭނާ ހާމަކުރިއެވެ. 

ފިނި މޫސުމަކީ ގިނަ ތުއްތުކުދިން ބަލިވާ މޫސުމެއް ކަމުން ބަލިވުމުން ކިހިނެއްތޯ ހަދަނީ އެހުމުން ވަރަށް އަސަރާއިއެކު އުއްމު މުހައްމަދު ބުނީ ބޭސް ގަނެފިއްޔާ ތެލެއް ނުގަނެވޭނެތީ، ބަލިވުމުން އެ ކުދިންގެ ގައިގައި ރަޖާ އަޅުވާފައި ބައިތިއްބަނީ ކަމަށެވެ. މި ފިނި މޫސުމާއި ދިމާކޮށް 10 ދަރިންގެ މަންމަ އުއްމު މުހައްމަދުގެ އެދުމެއް އެބައޮތެވެ. އޭނާގެ އެދުމަކީ އޭނާގެ ދަރިން ފިނިން ރައްކާތެރިކޮށްދިނުމޭ، އަދި ހޫނު ކަމެއް ލިބުމެވެ. 

މިއީ އެންމެ މަންމައެއްގެ އާދޭހުގެ އަޑު ކަމުގައި ވިއަސް، މިއީ ސީރިއާ، ފަލަސްތީން، ޔަމަން އަދި ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީންގެ ތެރޭގައި ދިރިއުޅެމުންދާ ހުރިހާ މަންމައިގެ އާދޭހެވެ. އެ ހުރިހާ މައިންގެ އުންމީދަކީ މި އަހަރުގެ ފިނި މޫސުމުގައި އެ ފަރާތްތަކުގެ އާއިލާއަށް ރައްކާތެރިކަމެއް ލިބުމެވެ. އަދި މި ރައްކާތެރިކަން ފޯރުކޮށްދޭނެ އެހީތެރިކަމުގެ އަތެއް ލިބުމެވެ.

މަންމަގެ ޢާދޭހުގެ އަޑު އައްސަވާލައްވަން!:

https://www.facebook.com/IACMaldives/videos/2444201802555076

އައިއޭސީއިން ވަނީ މިއަހަރު ފިނި މޫސުމާއި ދިމާކޮށް ސަވައިވިންގް ވިންޓަރ 2020 ލޯންޗުކޮށްފައެވެ. ސަވައިވިންގް ވިންޓަރ 2020 ގެ ތެރެއިން ކޮންމެ ފަސް މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހަށް ބޭނުންވާ ޕެކޭޖް ހަމަޖެހިގެންދާނެއެވެ. އެގޮތުން ކޮންމެ ޕެކޭޖެއްގެ އަގަކީ 1000 ރުފިޔާއެވެ. މި ޕެކޭޖުގެ ތެރޭގައި ބޯހިޔާވެހިކަން، ހޫނުކުރުމަށް ބޭނުންކުރެވޭނެ އެކި ކަހަލަ އާލާތްތައް، ކާބޯތަކެތި އަދި ސާފުތާހިރުވުމަށް ބޭނުން ކުރެވޭނެ ހައިޖީން ޕެކް ހިމެނިގެން ދާނެއެވެ. 

މި ނިކަމެތި އާއިލާތަކަށް ދިވެހި ރައްޔިތުންގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް އެ ފަރާތަކެއް ދެވުނު މިންވަރެއް ހަދިޔާ ކޮށްދިނުމުގެ ފުރުސަތު އައިއޭސީން ވަނީ ހުޅުވާލާފައެވެ. އެގޮތުން މި 4 ޤައުމަށް އެހީތެރިކަންފޯރުކޮށްދިނުމަށް، ބީއެމްއެްލް އިސްލާމިކުގެ 4 އެކައުންޓެއް ހާއްސަ ކޮށްފައިވެއެވެ. 

ފަލަސްތީން: 7770000026261

ރޮހިންޔާ:   7770000026265 

ޔަމަން:    7770000026264 

ސީރިއާ:   7770000026263      

މި ކޭމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފަރާތްތަކުން، އައިއޭސީގެ ހޮޓްލައިން ނަންބަރު، 9122121 އަށް ގުޅާލެވިދާނެއެވެ. މީގެއިތުރުން، އައިއޭސީގެ ފޭސްބުކް ޕޭޖް https://web.facebook.com/IACMaldives/ މެދުވެރިކޮށް ސަވައިވިންގް ވިންޓަރ 2020 އާ ބެހޭ އިތުރު މަޢުލޫމާތު ލިބިގެންދާނެއެވެ.  

ފިނި މޫސުމާއި ގުޅިގެން އެތަށް ތަކްލީފެއް އުފުލަން ޖެހިފައިވާ މި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭތޯ އައިއޭސީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފިނި މޫސުމުން ރައްކާތެރިވެ، މި މޫސުމުގެ ތެރޭގައި ދިރިއުޅުމުގެ ކަންކަން އެ ފަރާތްތަކަށް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްސަދުގައެވެ.

މިއަދު އޮންލައިން