އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އިންތިޒާމްކުރާ އިޤްރާ ފޮތް މަޢުރަޒު ޑިސެމްބަރ 1 އިން 6 އަށް އޮންލައިންކޮށް ބާއްވަންނިންމައިފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އިންތިޒާމްކުރި ފުރަތަމަ ފޮތް މަޢުރަޒު ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ.
ކޯވިޑް-19 ގެ ޙާލަތާއި ގުޅިގެން މިއަހަރު ފޮތް މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، ޑިސެމްބަރ މަހުގެ 1 އިން 6 އަށް އޮންލައިންކޮށްނެވެ. މިމަޢުރަޒަކީ، ރާއްޖޭގައި ބާއްވާ ފުރަތަމަ އޮންލައިން ފޮތް މަޢުރަޒެެވެ.
މިމަޢުރަޒުގައި ބައިވެރިވުމަށް ޝާއިޢުކުރާ ފަރާތްތަކަށާއި، ބުކްޝޮޕްތަކަށާއި، ލިޔުންތެރިންނަށާއި އަދި ފޮތް ވިއްކާ އެންމެހާ ފަރާތްތަކަށް މިހާރުވަނީ ހުޅުވާލެވިފައެވެ.
އިސްލާމީ ޔުނިވަރސިޓީން ބުނެފައިވަނީ މިމަޢުރަޒުގެ ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ޢިލްމު ފެތުރުމަށާއި އަދި މަޢުލޫމާތު މުއްސަނދި ކުރުމަށް އެހީތެރިވުމުގެ ގޮތުން އެކިބާވަތުގެ ފޮތާއި މަޖައްލާ އަދި އޯޑިއޯ-ވިޜުއަލް ފަދަ ތަކެތި ހެޔޮ އަގުގައި އެއް ޕްލެޓްފޯމަކުން ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ލިޔުންތެރިންނާއި ޝާއިޢުކުރާ އަދި ފޮތް ވިއްކާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވާލައިގެން ފޮތް މަޢުރަޒެއް ހިންގުމާއި އަދި ކިޔުންތެރިކަމަށް ޝައުޤުވެރިކަން އިތުރުކުރުމަށާއި، މިސަޤާފަތް ދެމެހެއްޓުމަށާއި އަދި ދިރާސާކުރާ ފަރާތްތަކަށް ތަފާތު ބާވަތުގެ ފޮތާއި މަޖައްލާ ފަދަ ތަކެތި ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ހިލޭ ފޮތް މަޖައްލާ ތަކެތި ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ.
ފޮތް މަޢުރަޒުގެ އިތުރުން ބައެއް ޙަރަކާތްތައްވެސް އޮންލައިންކޮށް ހިނގަމުންދާނެއެވެ. އޭގެ ތެރޭގައި
1. ފޮތަކާ ބެހޭގޮތުން ވާހަކަ ދެއްކުން ނުވަތަ ބުކްޓޯކް
2. ވާހަަކަ ކިޔައިދިނުން ނުވަަތަ ސްޓޯރީ ޓެލިންގ
3. ފޮތް ކިޔުމުގެ މުހިއްމު ކަމާއި ބެހޭގޮތުން ޕެނަލް ޑިސްކަޝަން
4. ތަޢާރުފް ނުވަތަ ސަމަރީ ލިޔުމުގެ މުބާރާތް
5. ބުކް ރިވިއު ލިޔުމުގެ މުބާރާތް
މިމަޢުރަޒު އޮންލައިންްކޮށް ބޭއްވުމުގެ ފައިދާތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ، ދިވެހިރާއްޖެއަކީ ކުދިކުދި ރަށްތަކެއް އެކުލެވޭ ޤައުމަކަށް ވާއިރު، ރަށްރަށުގައި ދިރިއުޅޭ ފަރާތަކަށާއި ހުރިހާ ޢާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ހުރި ތަނަކުން މި މަޢުރަޒުން ތަކެތި ގަތުމަށް މަގުފަހިވުމާއި އަދި ގިނަ ބަޔަކަށް މިމަޢުރަޒުގެ ޚިދުމަތް ލިބުމަށް ލުއިފަސޭހަވުމެވެ.
މަޢުރަޒުގައި ތަކެތި ވިއްކާ ފަރާތްތަކަށްވާނެ ފައިދާތަކަކީ:
އެފަރާތެއް އިޝްތިހާރުވުމަށް ލިބޭ ވަރަށް މުހިއްމު ފުރުސަތެއްކަމާ އަދި މިފޮތް މަޢުރަޒުގެ ފަރާތުން ގިނަ ބަަޔަކަށް އޮންލައިންކޮށް ދިމާވެ، ތަކެތި ޕްރޮމޯޓް ކުރުމަށް މަގުފަހިވުން.
ރަށްރަށުގައި ފޮތް ވިއްކާނެ ތަނެއް ނުވަތަ ވިއްކާނެ ގޮތެއް ހަމަޖެއްސުމަކީ ކޮންމެ ފަރާތަކަށް ކުރަން ފަސޭހަކަމަކަށް ނުވާނެކަމާއި، މިއޮންލައިން ފޮތް މަޢުރަޒު މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރިނަމަވެސް ފަސޭހަކަމާއެކު ފޮތް ވިއްކުމަށް މަގުފަހިވުން.
ހޯލްސޭލްކޮށްވެސް ތަކެތި ވިއްކުމަށް ހުޅުވޭ މަގަކަށްވުމާއި، މިމަސައްކަތްކުރުމަށް ލުއިފަސޭހަވުން.
ވުމާއެކު ވީހާވެސް ގިނަ ފަރާތްތަކުން މިމަޢުރަޒުގައި ތަކެތި ވިއްކުމަށް ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަރަށް ބޮޑު އެދުމެކެވެ.
އަދި މިމަޢުރަޒު ސްޕޮންސަރ ކުރެއްވުމަށާއި ޕާރޓްނަރޝިޕް ގޮތުގައި މަސައްކަތްކުރައްވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސްވަނީ ހުޅުވާލެވިފައެވެ.
މިމަޢުރަޒުގައި ރަޖިސްޓްރީވުމުގެ އެންމެފަހު ތާރީޚަކީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.