އުފާވެރިކަން ލިބުންވަނީ ﷲ ގެ ނިޢްމަތް ފިޔަވައި ނުގެއްލޭނެ އެއްވެސް ނިޢްމަތެއް ނޯންނާނެކަން ޔަޤީންކުރާ މީހުންނަށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އުފާވެރިކަން ލިބުންވަނީ ﷲ ގެ ނިޢްމަތް ފިޔަވައި ނުގެއްލޭނެ އެއްވެސް ނިޢްމަތެއް ނޯންނާނެކަން ޔަޤީންކުރާ މީހުންނަށެވެ!: މުފްތީ މެންކް

ދުނިޔޭގައި ކުރިމަތިވާ އެއްވެސް ކަމަކީ ދާއިމީ ކަމެއް ނޫނެވެ! ތިބާގެ ބައިވެރިޔާ އަދި އެކުވެރިންނާއި މެދުގައިވެސް ހަމަ މިވިސްނުމުން ވިސްނާށެވެ! ކިތަންމެ ލޯބިން އުޅެފައި ނަމަވެސް ވަކިވާން ޖެހިދާނެކަން ޤަބޫލުކޮށްގެން ދިރިއުޅޭށެވެ! 

މިބަހުގެ މާނައަކީ އަބަދުވެސް ކައިވެނި ރޫޅައިލަން ތައްޔާރަށް ތިބުމެއްވެސް ނޫނެވެ! އެއީ ވެސް މެދުވެރިވެދާނެ ކަމެއް ކަމަށް ބަލައިގެން ތިބުމެވެ. އެންމެ މުހިންމީ ބައިވެރިޔާ ދެކެ ކިތަންމެ ވަރަކަށް ލޯބިވީ ނަމަވެސް ބައިވެރިޔާގެ ލޯބި ހޯދުމަށްޓަކައި ﷲ ތަޢާލާ ނަހީކުރެއްވެވި އެއްވެސް ކަމެއް ނުކުރުމެވެ! އަދި ބައިވެރިޔާ އާއި ވަކިވާން ޖެހުނު ނަމަވެސް ﷲ ތަޢާލާ މަތިވެރިކުރުންމަތީގައި ސާބިތުވުމެވެ! 

ހަމަ އެއާއިއެކު އެއްވެސް ކައިވެންޏަކީ ހަމަ ތިއްބައި ކުރެވޭ ކަމެއް ނޫނެވެ! އިއްތިފާޤަކުން ބައްދަލުވާ ބައިވެރިޔާ އާއިވެސް ބައްދަލުވެވެނީ ﷲ ތަޢާލާ އެކަން އެގޮތަށް ވުމަށް ލިޔުއްވަވާފައިވާތީއެވެ! ވީމާ ކައިވެނި ކުރެވިއްޖެ ނަމަ ކައިވެނި ދަމަހައްޓަން މަސައްކަތްކުރަންވާނެއެވެ! ކައިވެންޏަކީ ކުޅޭ ކުޅިވަރަކަށް ހަދައިގެން ނުވާނެއެވެ! އެކަމަށް މަސައްކަތްކުރުމުގައި ވެސް ﷲ ތަޢާލާގެ މަގުން ކައްސާލައިގެން ނުވާނެއެވެ! 

ހަމައެކަނި ބައިވެރިޔާގެ އެއް ނޫނެވެ! އެއްވެސް މީހެއްގެ ރުހުން ނުވަތަ ލޯބި ހޯދަން ﷲ ތަޢާލާގެ މަގު ޤުރްބާން ނުކުރާށެވެ! ވަޒީފާގެ ގޮތުން ބޮސް ކަމުގައިވީނަމަވެސްމެއެވެ! އަދި ކިތަންމެ ނުފޫޒު ގަދަ މީހެއްގެ ނަމަވެސްމެއެވެ! ބައިވެރިޔާ ނަމަވެސް އެހެން މީހަކު ނަމަވެސް ތިބާ ދޫކޮށްލި ނަމަވެސް ﷲ ތަޢާލާ ތިބާ އާއިއެކު ވާހައި ހިނދެއްގައި ތިބާއަށް އުނިވާނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! ނަމަވެސް ﷲ ތަޢާލާ ތިބާ ދޫކޮށްލައްވަވައިފި ނަމަ ތިބާއަށް ލިބޭނެ އެއްވެސް އުފަލެއް އަދި ކާމިޔާބީއެއްވެސް ނުއޮންނާނެއެވެ! އެންމެ ބޮޑު ނިކަމެތިކަމެއް ލިބޭނީ އެއިރުންނެވެ! 

- މުފްތީ މެންކުގެ ދަރުސަކުން   

މިއަދު އޮންލައިން