މެއި މަހުގެ މެދެއްހައިތަނުގައިވެސް އިވެމުން އައީ ބިރުވެރި އަޑުތަކެވެ. އެމަހުގެ ފަހު 2، 3 ދުވަސް ތެރޭގައި އެއްދުވަހާ، 1600 މީހުނުން ފެށިގެން 4000 މީހުން ޕޮޒިޓިވްވެދާނެ ކަމުގެ ބިރުވެރި އަޑުތަކެވެ. ހޮސްޕިޓަލްތަކުގެ ޖާގަ ފުރިބާރުވެދާނެ ކަމުގެ ބިރުވެރި އިންޒާރުތަކެވެ.
އެއީ އިންސާނުން ކުރި ލަފައެއްވެ. އެ ލަފާ ވެގެން މިދިއައީ ބަލި ފެނުނުތަނާ ބަލިޖެހޭ މީހުންގެ 10 އިންސައްތަ މީހުން ސީރިއަސްވާނެ ކަމަށް ފެތުރި ވާހަކަތައް ފަދަ ވާހަކަތަކަކަށެވެ! އެހެނީ އެހިސާބު ދިމާވި ނަމަ 220 މީހުންނަށް މިހައިތަނަށް ހޮސްޕިޓަލްތަކުން ފަރުވާދޭން ޖެހުނީހެވެ. ނަމަވެސް ހޮސްޕިޓަލުތަކުން އެއްފަހަރާ އެންމެ ގިނަ ބައަކަށް ފަރުވާ ދިންއިރުވެސް ދިނީ 20 ވަރަކަށް މީހުންނަށެވެ. ޖުމުލަ 50 ވަރަކަށް މީހުންނަށްވެސް ހޮސްޕިޓަލްތަކުގައި ފަރުވާ ދެވިފައެއް ނުވެއެވެ. ފަރުވާ ދެމުން ދަނިކޮށް މަރުވީ ވެސް އެންމެ 6 މީހުންނެވެ.
ކަންކަން ވެގެންދިއަތަން މިފެނުނީ މުޅިން ތަފާތު ގޮތަކަށެވެ. ފެނިގެން މިދިއައީ މާތް ﷲ ގެ ރަހްމަތްފުޅު ދިވެހިންނަށް އޮތް މިންވަރުގެ ބޮޑުކަމެވެ. އެންމެ ގިނަ މީހުން ބަލިވާނެ ކަމަށް ލަފާކުރެވުނު ދުވަސްތައް ވެގެން ދިއައީ އެންމެ މަދުން މީހުން ޕޮޒިޓިވްވާން ފެށި ދުވަސްތަކަށެވެ.
މާދަމާއަކީ ބައެއް ހުރަސްތައް ހުރި ނަމަވެސް ރައްޔިތުން ގޭބަންދުން ވީއްލި މިނިވަންވާ ދުވަހެވެ. މިރޭ ފަތިހު 5 ގެ ފަހުން ރޭގަނޑު 10 ޖަހަންދެން ހުއްދަ ނެގުމަކާއި ނުލައި މަގުމައްޗަށް ނުކުމެވޭނެ ގޮތް މިވަނީ ހަމަޖެހިފައެވެ. ހުރިހާ ފިހާރަތަކެއް ހުޅުވިގެންދާނެއެވެ. ސަރުކާރުގެ ބައެއް އިދާރާތައްވެސް ހުޅުވިގެންދާނެއެވެ. މިނޫންވެސް އެތައް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މާލެ ފަދަ ދުނިޔޭގެ އެންމެ ތޮއްޖެހިފައި އޮތް ތަނެއްގައި 2000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި މިހައި އަވަހަށް މިފަދަ ބޮޑު ނިޢްމަތެއް މިންވަރުކުރެއްވެވުމުން ނިޢްމަތް މިންވަރު ކުރެއްވެވި މާތް ﷲ އަށް ޝުކުރުކުރުން މިވަނީ އިންތިހާއަށް އިތުރުކުރަން ޖެހިފައެވެ. އެހެންކަމުން، މާދަމާއަކީ ހޯމަ ދުވަސް ކަމަށްވެސް ވުމުން ރޯދައެއް ހިފައިލުން، ޞަދަޤާތެއްކޮށްލުން ނުވަތަ އެނޫންވެސް ހެޔޮ އަމަލެއް ކޮށްލުން ކީއްތޯއެވެ؟
ދީނީ ޢިލްމުވެރިން ވިދާޅުވަނީ ޝުކުރުވެރިވާ އަޅުންނަށް މާތް ﷲ ނިޢްމަތްތައް އިތުރުކުރައްވަވާނެ ކަމަށެވެ. އެކަން ބަޔާންކުރައްވަވާފައިވާ އާޔަތްތަކާއި ޙަދީޘްތައްވެސް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ.