ހިތާމައެއް ކުރިމަތިވެދާނެކަމަށް، ދެރައެއް ލިބިދާނެކަމަށް ބިރުގަތުމެއް ނެތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ހިތާމައެއް ކުރިމަތިވެދާނެކަމަށް، ދެރައެއް ލިބިދާނެކަމަށް ބިރުގަތުމެއް ނެތެވެ!: މުފްތީ މެންކް

ހިތާމައެއް، ހިތްދަތިކަމެއް ކުރިމަތިވެދާނެ ކަމަށް ނުވަތަ އެއްވެސް ދެރައެއް ލިބިދާނެކަމަށް ބިރުގަތުމެއް ނެތެވެ! އެހެނީ ފުރިހަމަ ގޮތުގައި އީމާންވެގެން ހުރި މީހާގެ މައްޗަށް އެއްވެސް ބިރެއް ނެތްކަމަށް އަދި އެއީ އެއްވެސް ހިތާމައެއް ކުރާނޭ ބައަކު ނޫންކަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.  

"އޭ އާދަމްގެދަރިންނޭވެ! ތިމަންރަސްކަލާނގެ އާޔަތްތައް، ތިއަބައިމީހުންނަށް ކިޔައިދެއްވާ ރަސޫލުންތަކެއް، ތިއަބައިމީހުންގެ ތެރެއިން ތިއަބައިމީހުންގެ ގާތަށް ވަޑައިގެންފިނަމަ، ފަހެ، ތަޤްވާ ވެރިވެ، އަދި (ޢަމަލު ތައް) އިޞްލާހްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބައަކު ކަމުގައިވެސް ނުމެވޭމެއެވެ." (އަލްއަޢްރާފް: 35)

ﷲ ތަޢާލާ މިފަދައިން ވަޙިކުރައްވަވާފައި އޮތް ނަމަވެސް ބައެއް މީހުން  ކަންކަމާއި ގުޅިގެން އެކިވަރަށް ހިތާމަކުރެއެވެ. ދެރަވެސް ވެއެވެ. ބިރުވެސް ގަނެއެވެ. އެފަދަ މީހުންނަށް ބުނަން އޮތީ އެއްވެސް މުސްލިމަކު އެއްވެސް ކަމަކާއިމެދު ބިރުގަންނަ ނަމަ ދެރަވާނަމަ ވެސް ފުރަތަމަ ކަމަކަށް ވެސް ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ! ތައުބާވުން ގިނަކުރާށެވެ! ކުރީ ދުވަހަށްވުރެ ގިނައިން ހެޔޮ ޢަމަލުތައް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. 

އެހެނީ ތިބާއަކީ ހެޔޮ އަމަލުތައް ކުރުންމަތީގައި ހުރިނަމަ ތިބާއަކީ އެއްވެސް ހިތާމައެއް ކުރަންޖެހޭނެ، އެއްވެސް ކަމަކާއިމެދު ބިރުގަންނަން ޖެހޭނެ މީހަކު ނޫން ކަމަށެވެ. 

އަދިވެސް އެއްކަންތައް ފާހަގަކޮށްލާނަމެވެ. ﷲ ތައާލާ ވަޙީކުރައްވަވާފައިވަނީ ސުވަރުގެވަނީ ތައުބާވި މީހުންނަށް ކަމަށެވެ. އެއްވެސް ފާފައެއް ދުވަހަކުވެސް ނުކުރެވޭ މީހުންނަށް ކަމަށް އެންމެ އާޔަތެއްގައިވެސް ވަޙީ ކުރައްވަވާފައެއް ނުވެއެވެ. ވީއިރު ސުވާލަކީ ތިބާ ތައުބާވެއްޖައިން ހެއްޔެވެ؟ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދަންނަވަމު ހެއްޔެވެ؟ 

ކަމުގެ މުހިންމުކަން ބޮޑުކަމުން މި ވާހަކަ މިރޭވެސް ހަމަ ތަކުރާރުކޮށްލާނަމެވެ! "--- ޙަމްދުހުރީ ތިމަންމެންނަށް މިކަމަށް ތެދުމަގު ދެއްކެވި ﷲ އަށެވެ. އަދި ﷲ، ތިމަންމެންނަށް ތެދުމަގު ދައްކަވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް ތެދުމަގެއް ނުފެނުނީހެވެ---." ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ ސުވަރުގެ ވެއްދެވުމުން މިފަދައިން ދަންނަވަން ފުރުޞަތު ލިބޭ އަޅުންގެތެރޭގައި ހިމެނޭތޯއެވެ! ވީމާ އެފަދަ މީހުންގެ ތެރެއިން ލެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ!

މިއަދު އޮންލައިން