ކެތްތެރިވެއްޖެ ނަމަ ތިބާގެ އަތުން ގެއްލުނު ހުރިހާ އެއްޗަކަށްވުރެ މާގިނައިން ދެއްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކެތްތެރިވެއްޖެ ނަމަ ތިބާގެ އަތުން ގެއްލުނު ހުރިހާ އެއްޗަކަށްވުރެ މާގިނައިން ދެއްވަވާނެ!: މުފްތީ މެންކް

ކޮންމެ ނިޢްމަތަކީވެސް ﷲ ތައާލާ ދެއްވަވާ ކަމެކެވެ. ނިޢްމަތް ދެއްވެވުމަށްފަހު އަނބުރާ ގެންދިއުމުން އެކަން އެގޮތަށް މެދުވެރިވީ ﷲ ތައާލާ ތިމާ އާއިމެދު ރުހިވޮޑި ނުގަތުމުން ކަމަށް ހީވެސް ނުކުރާށެވެ! އެހެނީ އެގޮތަށް މެދުވެރިކުރައްވަވަނީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށެވެ. އެމީހުންގެ ކެތްތެރިކަމާއި ކިޔަމަންތެރިކަން އިމްތިޙާން ކުރެއްވެވުމަށެވެ.

ޝަކުވާކޮށް ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ ދެއްވެވީވެސް އަދި އަނބުރާ ގެންދެވީވެސް ހަމަ ﷲ ތަޢާލާ ނޫން ހެއްޔެވެ؟ 

ލޮބުބެތި އަޚުންނާއި އުޚުތުންނޭވެ! ތިމާއަށް މިންވަރުކުރައްވަވާފައިވާ އެއްވެސް ނިޢްމަތެއް، އަދި ކިތަންމެ ގިނަ ނިޢްމަތްތަކެއް ނަމަވެސް އަބުރާ ގެންދަވައިފިނަމަ އެކަމަށް ކެތްތރިވާށެވެ! ކެތްތެރިވާ އަޅުންނަށް ﷲ ތަޢާލާ އެކަމުގެ ބަދަލު ދެއްވަވާނީ މާފުރިހަމައަށެވެ. އަނބުރާ ގެންދެވި ނިޢްމަތްތަކަށްވުރެ މާގިނަ ނިޢްމަތްތައް ދެއްވަވާނެތެވެ! އިން ޝާ ﷲ 

އިންސާނުންގެ ދަހިވެތިކަން ބޮޑުކަމުން ކިތަންމެ ހެޔޮކޮށް ކަންކަންކޮށްދޭ މީހެއްގެ ޙައްޤުތަކުންވެސް ވައްކަންކޮށްފާނެއެވެ. މަކަރާއި ޙީލަތުން އެއްޗެތިތަކެއް އަތުލައިގެންފާނެއެވެ! އަދި ކިތަންމެ ބޮޑު ގެއްލުމެއްވެސް ދީފާނެއެވެ!

ނަމަވެސް ﷲ ތައާލާގެ ޙަޟްރަތުން ކަންކަން މިންވަރުކޮށްދެއްވަވާ ގޮތް މުޅިން ތަފާތެވެ! ކެތްތެރި، އިޚްލާޞްތެރި، ތެދުވެރި އަޅުންނަށް ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައިލަ ދެއްވަވަތެވެ! ދުނިޔޭގައި ނުލިބުނު ނަމަ އާޚިރަތް ދުވަހު ދެއްވަވާނެ ނިޢްމަތްތައް މާގިނަވާނެއެވެ! އިން ޝާ ﷲ 

ވީމާ ކިތަންމެ ދަތިޙާލުގައި ނަމަވެސް ކެތްތެރިކަން އިސްކުރާށެވެ! ކިޔަމަންތެރިކަން އަދާކުރާށެވެ! ހީވެސް ނުކުރެވޭހައި ގިނައިން ނިޢްމަތްތައް މިންވަރުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން