ނަމާދަށް ޒީނަތްތެރިވުމަކީ ﷲ ގެ އެންގެވުމެއް! ހަށިގަނޑު ނިވާކުރިއަ ނުދެނީ ސުވަރުގެ ވަންނަން ހުރަސް އަޅަން ޝައިޠޯނާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ނަމާދަށް ޒީނަތްތެރިވުމަކީ ﷲ ގެ އެންގެވުމެއް! ހަށިގަނޑު ނިވާކުރިއަ ނުދެނީ ސުވަރުގެ ވަންނަން ހުރަސް އަޅަން ޝައިޠޯނާ!: މުފްތީ މެންކް

"އޭ އާދަމްގެ ދަރިންނޭވެ! ތިއަބައިމީހުންގެ މައިންބަފައިން ކަމުގައިވި (އާދަމްގެފާނާއި ޙައްވާ ގެފާނާއި) ދެކަނބަލުންގެ އަޢުރަ އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، ޝައިޠޯނާ ތިއަބައިމީހުން ހެއްލުންތެރިކުރިއަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، ތިއަބައިމީހުންނަށް އެ ޝައިޠޯނުން ނުފެންނަހިނދުގައި، އޝައިޠޯނާ އާއި، އޭނާގެ ލަޝްކަރަށް ތިއަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން، އީމާން ނުވާ މީހުންނަށް، ވާގިވެރިވާ ބައަކު ކަމުގައި، ތިމަންރަސްކަލާނގެ ޝައިޠޯނުން ލެއްވީމެވެ." (އަލްއަޢްރާފް:27) 

މިއާޔަތުގައި މިވަނީ ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ފޭރާންލައި ހަށިގަނޑު ނިވާ ނުކުރާ މީހުންނަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވާ އިންޒާރުގެ ބަސްފުޅެއް ކަމުގައި ދެކެވެ. އެހެނީ ޢާދަމްގެފާނާއި ޙައްވާގެފާނުގެ ފޭރާންކޮޅު ބާލުވައި ސުވަރުގެއިން ބޭރުކުރުވީ ޝައިޠޯނާއެވެ! އަދި މިއަދުވެސް ތިއަބައިމީހުންގެ ހެދުންތައް ބާލުވައި ސުވަރުގެ ވަނުމަށް ހުރަސް އަޅަމުން އެގެންދަނީ ހަމަ ޝައިޠޯނާއެވެ. ޝައިޠޯނާ މިއަދުވެސް އެކުރަނީ ހަމަ އެދުވަހުވެސް ކުރި މަސައްކަތެވެ. 

ހަމަ އެސޫރަތުގެ 31 ވަނަ އާޔަތުގައި ވަޙީ ކުރައްވަވާފައިވެއެވެ! "އޭ އާދަމްގެ ދަރިންނޭވެ! ތިއަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!.." ވީމާ ނަމާދުކުރަން މިސްކިތަސް ދިއަ ނަމަވެސް ގޭގައި ނަމާދުކުރި ނަމަވެސް ރީތި ފޭރާންލާށެވެ! ޒީނަތްތެރިވެގެން ހުންނާށެވެ. ތިބާ ހުއްޓި ހުންނަނީ ﷲ ތައާލާގެ ޙަޟްރަތުގައެވެ. އަދި އެއީ ތިބާއަށް ކުރެވޭ އެންމެ ފަހު ނަމާދު ކަމުގައިވެސްވެދާނެއެވެ. 

ނަމަވެސް ފޭރާމުންވެސް އިސްރާފުނުކުރާށެވެ! އެހެނީ ހަމަ އެއާޔަތުގައި ﷲ ތަޢާލާ ވަޙީކުރއްވަވާފައިވެއެވެ. "...އަދި ތިއަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފް ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފްކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން