މިހައިތަނަށް ކުރިމަތިވި އެންމެ ބޮޑެތި އިމްތިޙާންތައް ކުރިމަތިވެފައިވާ މި ރަމަޟާން މަހު ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުކުރަން ކުރާ މަސައްކަތްތަކުގެ ތެރެއިން ކޮންމެ ދުވަހަކުވެސް މަދުވެގެން 2 ރޯދަ ހިފަން މަސައްކަތްކުރާށެވެ.
2 ރޯދަ ހިފާނެގޮތަކީ ފުރަތަމަ ރޯދަ ހިފާނީ ތިބާއެވެ! ދެވަ ރޯދަ ހިފަން ހަދާނެ ގޮތަކީ ރޯދަވެރިއަކަށް ރޯދަވީއްލުން ދޭނީއެވެ. ތަނަވަސްކަންހުރިނަމަ ރޯދަ ވީއްލަން ދޭ މީހުންގެ އަދަދު އިތުރުކޮށް ގިނަ ރޯދަ ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ! ގިނަ ރޯދަ ހިފުމެވެ މިބުނަނީ ރޯދަވީއްލުން ލިބޭ މީހާގެ ރޯދައިން އެއްވެސް މިންވަރެއް އުނިނުކުރައްވަވައި ރޯދަ ވީއްލަން ދޭ މީހާއަށް ޘަވާބު ދެއްވަވާތީއެވެ.
ރޯދަ އާއި ގުޅިފައިވާ އެންމެ ބޮޑު އިޙްޞާޞަކީ ބަނޑުހައިކަމުގެ އިޙްޞާޞްތަކެވެ. ތިބާއަށް ބަނޑުހައިކަން އިޙްޞާޞް ކުރެވުމުން ކާނެ ބޯނެ އެއްވެސް އެއްޗެއް ނުލިބި ހައިހޫނު ކަމުގައި ދިރިއުޅެމުން ގެންދާ މީހުން ދިރިއުޅޭނެ ޙާލު އިޙްޞާޞް ކުރެވޭނެއެވެ. ރޯދައިގެ އެންމެ ބޮޑު އެއް ޙިކުމަތަކީވެސް އެއީއެވެ.
ވީމާ ރޯދައެއް ހިފައި ދުވަސް ނިމިގެންދާއިރު ތިމާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ މަދުވެގެން އެންމެ މީހަކަށް ނަމަވެސް ކާނެ ކޮންމެވެސް އެއްޗެއް ދިއްކޮށްލަންވާނެއެވެ. ރެސްޓޯރަންޓްތަކަށް އަގު ބޮޑު ތަކެތި ގެނެގެން ގެންގޮސްދިނުމަކީ އެހައި މުހިންމު ކަމެއް ނޫނެވެ. މުހިންމީ ޞަދަޤާގް ލިބިގަންނަ މީހަކަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކަށް އެކަން ކުރުމެވެ.
އެ އުޞޫލުން ބަލާއިރު ފިހެފައި އޮތް ކުކުޅެއް ގަންނަން މިލިބެނީ 10 ޑޮލަރާއި 20 ޑޮލަރާއި ދެމެދުގެ އަގަކަށެވެ. އެ އަދަދަށް ފަޤީރަކަށް ފައިސާ ދީފިނަމަ އެމީހަކާއި އެމީހެއްގެ ޢާއިލާ އެދުވަހު ތިބޭނީ ކައިގެންނެވެ.
ހަމަ އެޢާއިއެކު ތިމާގެ ގޭގައި ކައްކާ ކާބޯތަކެތިން ވެސް ހަދިޔާ ކުރެވިދާނެއެވެ. ނަމަވެސް ހަދިޔާކުރަން އެންމެ ރަނގަޅީ ބާކީވެފައި ހުންނަ ތަކެއްޗެއް ނޫނެވެ. ބާކީވެފައި ހުންނަ ތަކެތި އުކާލުމުގެ ބަދަލުގައި ޞަދަޤާތް ކުރުމަކީ ވެސް މުހިންމު ކަމެކެވެ. ނަމަވެސް ޞަދަޤާތް އެންމެ ފުރިހަމަވާނީ ޞަދަޤާތް ކުރުމަށް މިންވަރެއް އިތުރުކޮށްގެން ކައްކައި އެބައި ޞަދަޤާތް ކުރުމުންނެވެ.
މުހިންމީ ކޮންމެ ގޮތަކުން ނަމަވެސް ކޮންމެ ދުވަހަކުވެސް އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ އެންމެ މީހަކަށް ނަމަވެސް ކާންދިނުމެވެ. ތަނަވަސްކަން ހުރި މިންވަރަކުން ކާން ދޭ މީހުންގެ އަދަދު އިތުރުކުރުމަކީ ކިތަންމެހައިވެސް ފައިދާހުރި ކަމެކެވެ. ވީމާ މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކީވެސް ކޮންމެ މީހަކުވެސް ކިރިޔާވެސް ފުދުންތެރިކަން ހުރިނަމަ އެންމެ މީހަކަށް ނަމަވެސް ކާން ދޭ ދުވަހަކަށް ހަދާށެވެ.
ރަމަޟާން މަސް ނިމިގެނަދާއިރު ތިބާ ހިފި 30 ރޯދައިގެ އިތުރުން އެންމެ 30 ރޯދައިގެ ސަވބު ހޯދުނު ނަމަވެސް އެއީ ކޮންފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ!ާ
- މުފްތީ މެންކުގެ ދަރުސަކުން