"ވިސްނުންތެރިކަމާއިއެކު ރަނގަޅަށް ވިސްނައިގެން މިދައްކާ ވާހަކަތައް ކަނުލައި އަޑުއަހާށެވެ! ކޮންމެ ވިލާގަނޑެއްގައިވެސް ރިހި ބޮޅެއްވާކަމަށް ބުނެވެއެވެ. އެބަހުގެ މާނައަކީ ވިލާގަނޑުގެ ބާރު ކިތަންމެ ގަދަފަދަވެގެން ދިއަ ނަމަވެސް ވިލާގަނޑަށްވެސް އިމެއްވާކަމެވެ. ވީމާ ކޮރޯނާ ވައިރަސްއަށްވެސް އިންތަކެއްވާނެއެވެ. އަހަރެމެންނަށް ނުއެނގެނީއެވެ. ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ އެކަންކަން ވެސް ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ."
މިއީ އިމާމް މުފްތީ މެންކުގެ ވަރަށް ޙިކުމަތްތެރި ބަސްކޮޅެކެވެ. އެއްވެސް ޙާލެއްގައި މިއީ އަހަރެމެން އެންމެންގެ ނިމުން ކަމަށް ބަލައިގެން ނުވާނެއެވެ! ގޮތް ހުސްވެ އެންމެން ނެތި ހިނގައިދާނެ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އަބަދުވެސް އުޅެން ޖެހޭނީ ދަތިޙާލުގައި ކަމަށާއި އަބަދު ތިބެން ޖެހޭނީ ގެތަކުގައި ބަންދުވެގެން ކަމަށްވެސް ބަލައިގެން ނުވާނެއެވެ!
މިހާރު ކުރަން އޮތް ކަމަކީ ޙާލަތުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުމެވެ. ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރުމެވެ. ހަމައެއާއިއެކު ވަގުތުތައް ހޭދަކުރަންވީ ހަމައެކަނި މިއަދުގެ ޙާލަތަށް ވިސްނައި ހިތާމަކުރުމަކަށް ނޫނެވެ. ﷲ ތައާލާގެ ވާގިފުޅާއިއެކު މާދަމާވެސް ގެއިން ބޭރަށް ނުކުމެވުމުން ދިރިއުޅުން ކުރިއަށް ގެންދަން ކުރާނެ އެންމެ ރަނގަޅު ކަންކަމާއިމެދުގައިވެސް ވިސްނާށެވެ!
ހަމައެކަނި ދަތި ޙާލާއި މުޞީބާތާއިމެދު ވިސްނާ މީހާ ދާދި އަވަހަށް ބަލިކަށިވެ ނިކަމެތިވެގެން ހިނގައިދާނެއެވެ. ނަމަވެސް ﷲ ތައާލާގެ ރަޙްމަތްފުޅާއިމެދު ވިސްނާ މީހާގެ ހިތްވަރު އަބަދުވެސް ދާނީ ވަރުގަދަވަމުންނެވެ. އެފަދަ މީހުންނަށް ކަންކަމަށް ކުރިމަތިލުމުގެ ބާރުވެސް ދާނީ ލިބެމުންނެވެ! އިން ޝާ ﷲ
ލޯމައްޗަށް ފެންނަ ކަންކަމަކީ އެންމެފަހުގެ ނިމުން ކަމަށް ޤަބޫލުނުކުރާށެވެ! ކަންކަން ނިމިގެންދާނެ ގޮތް މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވިއްސާރަ ވިލާތަކުން އުޑުމަތިފުރާލައި ވިދާ ގުގުރައި ބޯކޮށް ވާރޭ ވެހި ނިމޭތާ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އުޑުމަތި އެކުގައި ސާފުވެ އިރުގެ އަލިކަން ލިބި ހޫނު ގަދަވެ ގައިން ދައު ހިއްލަން ނުފަށާ ހެއްޔެވެ؟ ﷲ ތަޢާލާ ޙާލަތު ބަދަލުކުރައްވަވާ ގޮތުގެ މިފަދަ އެތައް މިސާލުތަކެއް ކޮންމެ ދުވަހަކު ފެންނަމުންދާއިރު ޢިބްރަތް ޙާޞިލު ނުކުރަނީ ކީއްވެގެން ހެއްޔެވެ؟
ލޮލަށް ފެންނަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ވާނެ ގޮތް ﷲ ތަޢާލާއަށް ވަކީލުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން