ހެޔޮލަފާ އަނބިންގެ އަގު ވަޒަން ނުކުރާ ފިރިއަކަށް ވަޒަން ކުރެވޭނެ އެއްވެސް ހެޔޮ ކަމެއް ނޯންނާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ހެޔޮލަފާ އަނބިންގެ އަގު ވަޒަން ނުކުރާ ފިރިއަކަށް ވަޒަން ކުރެވޭނެ އެއްވެސް ހެޔޮ ކަމެއް ނޯންނާނެ!: މުފްތީ މެންކް

ހެޔޮލަފާ އަނބިންގެ އަގު ވަޒަން ނުކުރާ ފިރިއަކަށް ވަޒަން ކުރެވޭނެ އެއްވެސް ހެޔޮ ކަމެއް ނޯންނާނެ ކަމަށް ބުނަން މިޖެހެނީ ސަބަބުތަކެއް ހުރުމުންނެވެ.  

އަނބިމީހާ ބަލިކަށިވީއެވެ. ގުނަވަންތަކުގައި ކުރިން ހުރި ބާރު ހުންނަނީއެވެ. ވިސްނައިލަންވީ ކައިވެނިކުރިއިރު އޭނާ ހުރީ އެހާލަތުގައި ކަމާއިމެދުގައެވެ. އެހާލަތަށް އަނބިމީހާ ދިއައީ ތިބާގެ ދަރިންތައް ވިހެއުމުން ނޫން ހެއްޔެވެ؟ 

ގެއަށް އަންނައިރު އަނބިމީހާ ނިދާފައި އޮންނަނީއެވެ. ސުވާލަކީ އިރު އެރީންސުރެ އިރު އޮއްސި 8،9 ޖަހަންދެން ގޭތެރޭގެ މަސައްކަތާއި ދަރިން ބެލުމުގައި އޭނާ ކުރި މަސައްކަތާއިމެދު ވިސްނައި ނުލަނީ ކީއްވެގެން ހެއްޔެވެ؟ ޢާންމު ގޮތެއްގައި އަނބިން ހެނދުނު މަސައްކަތް ފަށަނީ ހެނދުނު 6 ޖަހާއިރުއެވެ. އަންހެނަކަށް މަސައްކަތުން ސަލާމަތްވެވޭނީ އެންމެ އަވަހަށްވެސް ރޭގަނޑު 9 ޖެހުމުގެ ފަހުންނެވެ. ވީމާ ހެޔޮ ލަފާ ގެދޮރުވެރި އަނބިންނަކީ ރޭގަނޑޫ 9 ޖެހުމާއި ހަމައަށް މަދުވެގެން ދުވާލަކު މެދުކެނޑުމެއް ނެތި 15 ގަޑިއިރު މަސައްކަތްކުރާ ބައެކެވެ. 

15 ގަޑިއިރު މެދުކެނޑުމެއްނެތި މަސައްކަތްކުރުމަށްފަހު ފިރިމީހާ ގެއަށް އަންނަހައިއިރެއްވަންދެން ހޭލާ ހުންނަން އޭނާ އަކީ އަޅެފަހެ ރޮބޮޓެއް ހެއްޔެވެ؟  

ނިކަން ވިސްނައިލަބަލާށެވެ! ކޮންމެ ކަމެއްގައިވެސް ދެކޮޅު ބަލަން ޖެހޭނެއެވެ. ދަރިން ބެލުމަށާއި ގޭގެ މަސައްކަތްކުރަން ނޯކިރީން ލައިދީފައި ތިބޭނަމަ ޝަކުވާ ކުރެވިދާނެއެވެ. ނަމަވެސް ވިސްނައިލަން ޖެހޭނެ ކަމެއް އެބައޮތެވެ. އިންސާނުންނަކީ ނިދި ބޭނުންވާ ބައެކެވެ. ހަމަ ނިދި ނުލިބޭނަމަ ބޮޑެތި ޞިއްޙީ މައްސލަތައް ކުރިމަތިވާ ބައެކެވެ. ވީމާ ފިރި މީހާ ގެއަށް އަންނަން ވެސް ވގުތެއް އޮންނަންޖެހޭނެ ނޫން ހެއްޔެވެ؟ 

ގިނަ ޢާއިލާތަކަކީ ފުދުންތެރި ޢާއިލާތަކެއް ނޫނެވެ. އެހެންކަމުން ބޭނުންހައިވަރަކަށް ކައްކަން ލިބޭ ޢާއިލާތަކެއްވެސް ނޫނެވެ. އަހަރެންނަށް ފެނުނު ގިނަ ޢާއިލާތަކުގައި އަނބިން ތިބެނީ ދަރިންނަށާއި ފިރިމީހާއަށް ކާންދިނުމަށްފަހު ބާކީ ހުންނަ އެތިކޮޅު ކައިލައިގެންނެވެ. މިއީ ކުޑަ ޤުރްބާނީއެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ދިރިއުޅުމުގެ ޙާލަތު ތަފާތު ޢާއިލާތައްވެސް ހުންނާނެއެވެ. މިބުނެވުނު އުޞޫލުތަކާއި ޚިލާފަށް ކަންކަން ހިނގާ ޢާއިލާތައްވެސް ހުންނާނެއެވެ. ބުނަން ބޭނުންވަނީ ފިރިމީހާވެސް އަދި އަނބިމީހާ ވެސް ޝަކުވާކުރާއިރު ޙާލަތަށް ބަލަންޖެހޭނެ ކަމެވެ. ހަމައެކަނި އެކެއްގެ ބޭނުންތަކަށް ބަލައިގެން ޝަކުވާ ކުރާނަމަ ދުވަހަކުވެސް ޢާއިލާގައި ހަމަޖެހުމެއް ނުއޮންނާނެއެވެ! ޝަކުވާ ކުރަން ވާނީ އަނެކާ އަރައިގެން ހުރި ބޫޓަށް ތިމާ އެރުމުން ދެން ކަންކަން ވާނެ ގޮތާއިމެދު ފުންކޮށް ވިސްނައިލުމަށްފަހުގައެވެ. މާނައަކީ އެކަކު އުފުލަންޖެހޭ ތަކްލީފް އުފުލަން އަނެކާއަށް ޖެހިއްޖެ ނަމަ ދެން ކަންކަން ވާނެ ގޮތާއިމެދު ވިސްނައިލުމަށްފަހުގައެވެ. 

ފާސަމުންވެސް ބުނި ފަދައިން މިދައްކަނީ ހެޔޮލަފާ އަނބިންގެ ވާހަކައެވެ. ތެދުވެރި ވަފާތެރި އިޚްލާޞްތެރި އަނބިންގެ ވާހަކައެވެ. އެފަދަ އަނބިންގެ އަގު ވަޒަން ނުކުރާ ފިރިއަކަށް ވަޒަން ކުރެވޭނެ އެއްވެސް ހެޔޮ ކަމެއް ނޯންނާނެ ކަމަށް ބުނަން މިޖެހެނީ މި ސަބަބުތައް މިހެން ހުރުމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

.

 

 

މިއަދު އޮންލައިން