މިއީ ކީރިތި ޤުރްއާނެވެ. މީސްތަކުން އަމަލުކުރަންވީ ގޮތް ބަޔާންކުރައްވަވާފައިވާ އިލާހީ ދުސްތޫރުއެވެ. މިފޮތަކީ ހައްދުފަހަނައަޅާފައިވާ ފޮތެއް ކަމަށް ބުނާނީ ކާކުތޯއެވެ؟ މިފޮތުގައިވާ އާޔަތްތަކަކީ، ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތަކަކީ ހައްދުފަހަނައަޅާފައިވާ އާޔަތްތަކެއް ކަމަށް ބުނާނީ ކާކުތޯއެވެ؟
މިފޮތުގައިވާ އާޔަތްތަކަކީ "ސައިންޓިފިކަލީ ޕްރޫވްކުރެވޭ" ކަންކަން ނޫން ކަމަށް ބުނާ މީހަކާއި ބެހޭ ގޮތުން ތިއަބޭފުޅުން ވިދާޅުވާނީ ކީކޭތޯއެވެ؟ މިފޮތުގެ ގަނޑުތައް ވީދައި ކުދިކުދިކޮށް މިފޮތް މައްޗަށް ކޮޅަށް އަރައި ކުޑަކަމުގޮސް ނަޖިސްކުރާ މީހަކާއި ބެހޭ ގޮތުން ތިއަބޭފުޅުން ވިދާޅުވާނީ ކީކޭތޯއެވެ؟ ދެންވެސް ބުނާނީ އޭނާއަކީ ހަމަ މިފޮތަށް އީމާންވާ މީހެކޭތޯއެވެ؟
މިއީ އާދައިގެ ފޮތެއް ނޫނެވެ. މީސްތަކުންނަށް ފެންނަން އޮތް އެންމެ ބޮޑު މުޢްޖިޒާތެވެ. މިބިންމައްޗަށް ﷲ ތަޢާލާ ބާވައިލެއްވެވި އެންމެ ބޮޑު މުޢްޖިޒާތެވެ. މިއީ މީސްތަކުންނަށް ގޮން ޖައްސަވާލައްވަވައި ﷲ ތަޢާލާ ބާވައިލެއްވެވި އެކަލާނގެ މަތިވެރި ކަލާމްފުޅެވެ. މީގެފަހަތުންވެސް ކުރިންވެސް މިއާއި އެއްފަދަ އެހެން އެއްވެސް އެއްޗެއް ނުގެނެވޭނެ މަތިވެރި އޮފެތެވެ.
މިފޮތް އަޅުގަނޑުމެން ޤަބޫލުކުރަނީ މިއީ ﷲ ތައާލާގެ ވަޙީ ކަމުގައިވާތީއެވެ. ކީރިތި ޤުރްއާނާއި ސައިންސާއި އަޅުވައިގެން ވާހަކަ ދައްކާއިރު ފުރަތަމަ ކަމަކީ ޖިބްރީލްގެފާނު މެދުވެރިކުރައްވަވައި ﷲ ތަޢާލާ ވަޙީ ބާވައިލެއްވެވިކަން ސައިންސުން ޕްރޫވްކުރެވިދާނެތޯއެވެ؟ އެހެންކަމާއިއެކުވެސް އަޅުގަނޑުމެން މިތިބީ އެއްވެސް ޝައްކެއް ނެތި ކީރިތި ޤުރްއާނަށް އީމާންވެގެންނެވެ.
- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް އާދަމް ނިޝާން ދެއްވި ދަރުސުން
ދަރުސްގެ ވީޑިއޯ: