އެއީ ތަނަވަސް މީހެކެވެ. ނިކަމެތި ޢާއިލާއެއްގެ އަންހެންކުއްޖަކާއި ގުޅުން އުފައްދައި ކައިވެނިކުރާނެކަމަށްބުނާތާ އެތައް ދުވަހެކެވެ. އެކަމުގެ ސަބަބުން އަންހެންކުއްޖާ ހުރީ ކަންބޮޑުވުމެއްގައެވެ.
އެހެން ހުއްޓައި އެނގެނީ އޭނާއަށް ގުޅިގެން މިއުޅެވެނީ މީހެއްގެ ފިރިއަކާއި ކަމެވެ. ކައިވެނިކުރުން ލަސްވާ ސަބަބަކީ އޭނާގެ ރުހުން ނުލިބިގެންކަމެވެ. އެއިރު ހުރެވުނީ އޭނާއާއި ވަކިވާން އުނދަގޫ ޙިސާބުގައެވެ. ހިތްވަނީ އޭނާއަށް ދެވިފައެވެ.
އޭނާ ދެން ކަންތައް ކުރަންވީ ގޮތަކާއިބެހޭ ގޮތުން ސުވާލުކުރީމާ މަންމަ ބުނީ އޭނާއާއި ވަކިވުމަށެވެ. ސަބަބެއް ކަމަށް ބުނީ އަނބިމީހާގެ މައްސަލައިގައި ދެވަނަ ކައިވެނި ކުރަން ނުކެރި ލަސްކުރި މީހަކާއި ފަހުން ކައިވެނިކުރިޔަސް މައްސަލަތަކުން ސަލާމަތް ނުވެވޭނެ ކަމެވެ.
އަންހެންކުއްޖާ ސުވާލުކުރިއެވެ. "މަންމާއެވެ! މިހާރު ވަކިވެފައި ފަހުން އެކަމަށް ހިތާމަކުރަންޖެހިއްޖިއްޔާ ވާނީ ކިހިނަކުން ހެއްޔެވެ؟" ޖަވާބުގައި މަންމަވެސް ކުރީ ސުވާލެކެވެ. "މިހާރު ކައިވެނިކޮށްފައި އެކަމުގެ ހިތާމައިގަ ޢުމުރު ހޭދަކުރަންޖެހިއްޖެނަމަ ވާނީ ކިހިނަކުން ހެއްޔެވެ؟"
މަންމަ ވިސްނައިދިނެވެ. ދެމީހުން ލޯބިވާނަމަ ދެވަނަ އަންތބަކަށް ކައިވެނިކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ދޮށީ އަނބިމީހާގެ ނުރުހުމުގައި ދެވަނަ އަންތބަކަށްވެގެން ގިނަ ފަހަރަށް އޮންނާނީ މައްސަލަތަކުން އަރައިނުގަނެވިފައެވެ. ހިތާމަކުރަން ޖެހިފައެވެ. ގިނަ ފަހަރަށް އޮންނާނީ ބާކީވާންވެސް ޖެހިފައެވެ. މިކަންކަމަށް ވިސްނައިގެން ކުރިއަށްދާށެވެ.
ދަރިފުޅު ވިސްނުމަށްފަހު ނިންމީ ހިތަށް ކިތަންމެ އުނދަގޫވިޔަސް އޭނާއާއި ވަކިވުމަށެވެ. އެނގިހުރެގެން މައްސަލަތަކެއްގެ ތެރެއަށް ވަންނަން ބޭނުންނުވާތީއެވެ.
އަހުރެން މިވާހަކަ މިކިޔައިދިނީ އެއްވެސް ޙާލެއްގައި ދެވަނަ އަންތބަކަށް ނުވުމަށް ބުނާކަށް ނޫނެވެ. ދެވަނަ އަންތބަކަށްވާއިރު މިކަންކަމަށް ވިސްނުމަށް ބުނުމަށެވެ. ޚާއްޞަކޮށް ވަޢުދުވާ ގޮތަށް ކައިވެނީގެ ކަންކަން ކުރިއަށް ނުގެންދެވޭ މީހުންނާއި ކައިވެނިކުރުމުގައި ސަމާލުވުމަށް ބުނުމަށެވެ.
- އުސްތާޛާ ޙަލީމަތުގެ ވާހަކަފުޅަކުން
- މިއަދުނޫސް