މީސްތަކުންނަށް ޝުކުރުވެރިނުވާ މީހުންނަކީ ﷲ އަށް ޝުކުރުވެރި ނުވާ މީހުންނެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
މީސްތަކުންނަށް ޝުކުރުވެރިނުވާ މީހުންނަކީ ﷲ އަށް ޝުކުރުވެރި ނުވާ މީހުންނެވެ!: މުފްތީ މެންކް

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ މީސްތަކުން ކޮށްދޭ ކަންކަމަށް ޝުކުރުވެރި ނުވާ މީހުންނަކީ ﷲ ތައާލާ އަށް ޝުކުރުވެރިނުވާ ބައެއްކަމަށެވެ. މިކަމުން އެނގެނީ މިސްތަކުން ކޮށްދޭ ކަންކަމަށް ޝުކުރުވެރިވުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. 

އެއްވެސް މީހަކު ހެޔޮކަމެއް ކޮށްދީފިނަމަ އެކަމަށްޓަކައި ޝުކުރުއަދާކުރަން ޖެހޭނެ މިންވަރު މި ޙަދީޘްފުޅުން އެނގިގެންދެއެވެ. ޝުކުރު އަދާކުރުމަކީ ނުހަނު ފަސޭހައިން ކުރެވޭނެ ކަމެކެވެ. ދުލުން ބުނާ ބަހަކުންވެސް އެކަން ކުރެވޭނެއެވެ. ނަމަވެސް އެވަރަކުން ހަޤީޤަތުގައި ނުފުދޭނެއެވެ. ތިމާއަށް ހެޔޮ ކަމެއް ކޮށްދީފިނަމަ އެމީހަކަށްޓަކައި ހެޔޮ ކަމެއް ކޮށްދިނުމުގެ ފުރުޞަތަކަށް އަބަދުވެސް ހުންނަން ޖެހޭނި ބަލަބަލައެވެ. އެފަދަ ފުރުޞަތެއް ހަމަ ލިބޭއިރަށް އެމީހާއަށްޓަކައިވެސް ހެޔޮކަމެއް ކޮށްދޭންވާނެއެވެ. އަދި އެމީހާއަށް ހެޔޮކަމެއް ކޮށްދިން މީހާއަށްޓަކައި ގިނަގިނައިން ހެޔޮ ދުޢާކުރަންވާނެއެވެ. ޙަޤީޤީ ޝުކުރުވެރިވުމަކީ އެއީއެވެ. 

ހިތާމައަކީ މީހާ ނިކަމެތި ޙާލުގައި ހުންނަ ދުވަސްތަކުގައި އެމީހާއަށް އެހީތެރިވެދޭ މީހުންގެ މަތިން ހަނދާން ނައްތައިލާކަމެވެ. އެމިހާއަށް އިޚްލާޞްތެރިވި މީހުންގެ މީހުންގެ މަތިންވެސް ހަނދާން ނައްތައިލާކަމެވެ. ޙަޤީޤީ ހެޔޮ އެދޭ މީހުންނަކީ އަދި ޙަޤީޤީ އިޚްލާޞްތެރިންނަކީ އެމީހަކު ދަތިހާލުގައި ނުވަތަ ހިތްދަތިކަމުގައި ހުންނައިރު އެހީތެރިވެދޭ މީހުންނެވެ. ހިތްވަރުދޭ މީހުންނެވެ. ހެޔޮ ނަބޭޙަތްދޭ މީހުންނެވެ. އެފަދަ މީހުންގެ މަތިން އަބަދުވެސް ހަނދާންކުރަންވާނެއެވެ. ޝުކުރުވެރިވާންވާނެ އެވެ. އެފަދަ މީހުންނަށްޓަކައި ހެޔޮދުޢާ ކުރަންވާނެއެވެ. 

ޢާއިލީ ދިރިއުޅުމަށް ބަލައިފިނަމަ ކުރިމަތިވާ އެންމެ ދަތިޙާލުގައި ކެތްތެރިވެ ހިތްވަރުދީ ހަދަނީ އަނބިންނެވެ. އަދި އަނބިމީހާއަށް ކަމެއް ކުރިމަތިވެއްޖެ ނަމަ ފިރިންނެވެ. ވީމާ އެކަކު އަނެކަކަށްޓަކައި އަބަދުވެސް ޝުކުރުވެރިވެ ހެޔޮ ދުޢާކުރަންވާނެއެވެ! އެފަދަ ދެމަފިރިންނަށް ﷲ ތައާލާ އަބަދުވެސް ގެންދަވާނީ ހެޔޮ ގޮތްތައް މިންވަރު ކުރައްވަވަމުންނެވެ. އިން ޝާ ﷲ! 

“އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިއަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިއަަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބްގަދަފަދަވެގެންވާކަން ކަށަވަރެވެ." (އިބްރާހީމް: 7) 

މިއާޔަތުން އެނގެނީ ޝުކުރުކުރާ އަޅުންނަށް ﷲ ތައާލާ ނިޢްމަތްތައް އިތުރުކުރައްވަވާނެ ކަމެވެ. އަދި ޝުކުރު ނުކުރުމުން ހުރީ ގަދަފަދަ ޢަޛާބު ކަމެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން