ގިނަ މީހުންނަކީ ކަމަކާއިމެދު ސުވާލެއް ކޮށްފިނަމަ ވަގުތުން ޖަވާދުދޭ ބައެކެވެ. އެމީހަކަށް ނުވެސް އެނގޭ ކަންކަން އެނގޭ ކަމަށް ހަދައިގެން ވެސް ޖަވާބުދެއެވެ. ކޮންމެވެސް ވާހަކަތަކެއް ދެއެވެ. އެހެންކަމާއިއެކުވެސް މި ސުވާލު ކޮށްފިނަމަ ގިނަ ބައަކަށް އޮންނަނީ އެއްވެސް ޖަވާބެއް ނުދެވިފައެވެ. އިސްދަށަށް ޖެހިފައެވެ.
އެ ސުވާލަކީ "ތިބާ ތިހިރީ މަރަށް ތައްޔާރުވެގެން ހެއްޔެވެ؟"
މީސްތަކުންނޭވެ! ދުނިޔެއަށް އުފަންވުމަށްފަހު އެންމެ ގާތުގައިވަނީ މަރެވެ. ހަމަ މިރޭ މިވަގުތުވެސް މަރުވެދާނެއެވެ. ނޫން ނަމަ މާދަމާވެސް މަރުވެދާނެއެވެ. މިހެން ބުނުމުން ބައެއް މީހުންނަށް ހައިރާންކަމެއް ވެސް ލިބިދާނެއެވެ. އެއީ މިބުނަނީ މާދަމާ މަރުވެދާނެ ވާހަކަ ކަމަށް ހީކޮށެވެ!
އަހަރެން މިރޭވެސް މަރުވެދާނެއެވެ. މާދަމާވެސް މަރުވެދާނެއެވެ. މިބުނާ ބަހުގެ މާނައަކީ ނަޞީބުހުރި ނަމަ މަރުވުން ތަންކޮޅެއް ލަސްވެދާނެ ވާހަކައެވެ. ވީމާ ބުއްދިވެރިންނަކީ ތަންކޮޅެއް ލަސް ނުވެދާނެ ކަމަށް ޢަބޫލުކުރާ މީހުންނެވެ. މިވަގުތުވެސް މަރުވެދާނެ ކަމަށް ޤަބޫލުކުރާ މީހުންނެވެ.
މިވަގުތުވެސް އަދި ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމަށް ޤަބޫލުކުރުމަކީ ސަންދޯއް ޖަހާނެ ތަކެއްޗާއި ޖަނާޒާ ފުރިހަމަކުރާނެ ފައިސާ އެއްކޮށްގެން ހުރުމެއް ނޫނެވެ. އެކަންކަމަކީ ވިސްނަންވެސް ޖެހޭ ކަމެއް ނޫނެވެ. އެކަން ދިރިތިބި ބައެއްގެ އަތްމައްޗަށް ދޫކޮށްލާށެވެ! އެހެނީ މަރުވުމުން ވަޅުލި ނަމަވެސް ވަޅު ނުލި ނަމަވެސް އެމީހަކަށް އެއްވެސް ތަފާތެއް ނެތެވެ.
ތަފާތު އޮތީ ދުނިޔޭގައި ހުރިއިރު ކުޅަ އަމަލުތަކުގައެވެ. ހެޔޮ އަމަލުކޮށްފައިވާނަމަ ފުރާނަ ހިއްޕަވާ ވަގުތުން ފެށިގެން ދާނީ ﷲ ތަޢާލާގެ ރަޙްމަތްފުޅު އޮހެމުންނެވެ. ހެޔޮ އަމަލު ނުކުރެވި ހުރި ނަމަ ދާނީ ޢަޛާބް ލިބެމުންނެވެ. ވީމާ މަރަށް ތައްޔާރުވުމަކީ އަބަދުވެސް ތައުބާވެ ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރުމެވެ. ގިނަގިނައިން ތައުބާވަމުން ގެންދިއުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން