ކޮންމެ މީހަކަށް، ކޮންމެ ދުވަހަކު ﷲ މެސެޖްތައް ދެއްވަވައެވެ. ދެނެގަންނަން މަސައްކަތްކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ކޮންމެ މީހަކަށް، ކޮންމެ ދުވަހަކު ﷲ މެސެޖްތައް ދެއްވަވައެވެ. ދެނެގަންނަން މަސައްކަތްކުރާށެވެ!: މުފްތީ މެންކް

ކޮންމެ ދުވަހަކީވެސް މީސްތަކުންނަށް ﷲ ތަޢާލާ ވަރަށް ގިނަ މެސެޖްތައް ދެއްވަވާ ދުވަހެކެވެ. މިދުނިޔެއަކީ އިންސާނުންގެ އަމިއްލަ މިލްކެއް ނޫން ކަމާއި އެންމެހައި އިންސާނުންނާއި މުޅި ދުނިޔެއާއި އަދި ކާއިނާތުގެ މިލްކުވެރިފަރާތަކީ ﷲ ތަޢާލާ ކަމުގެ މެސެޖްތަކެވެ. ނަމަވެސް އެކަން ޤަބޫލުކުރެވެނީ ވަރަށް މަދު މީހަކަށެވެ.

ﷲ ތަޢާލާ މީސްތަކުންނަށް ނިޢްމަތްތައް މިންވަރުފުޅު ކުރައްވަވަނީ އެކަމަށްޓަކައި ޝުކުރުވެރިވެ ﷲ ތަޢާލާ ޢާއި އިތުރަށް ކުއްތަންވުމަށެވެ. ނަމަވެސް ނިޢްމަތްތައް އިތުރު ކުރައްވަވާ ވަރަކަށް މީސްތަކުން ޖެހެމުން ދަނީ ﷲ ތަޢާލާ އާއި ދުރަށެވެ. ޝުކުރުވެރިވުމުގެ ބަދަލުގައި އިތުރުކުރަނީ ނުބައި އަމަލުތައް ކުރުމެވެ. މީސްތަކުންގެ އަމަލުތަކުން ދައްކަނީ ޣާފިލުކަމާއި ޖައްބާރުކަމެވެ.

ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އެއްވެސް ނިޢްމަތެއް ނުލިބޭނެއެވެ. ވީމާ ދުނިޔޭގައިވެސް ލިބޭ ކޮންމެ ނިޢްމަތަކީ ހަމަ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެކެވެ. ﷲ ތަޢާލާ ނުދެއްވަވާ އެއްވެސް ނިޢްމަތެއް ޙާޞިލުކުރެވޭނެ އެއްވެސް މީހަކު ނުވެއެވެ. ހިތާމައަކީ މިކަންކަން ހުރިހާ މުސްލިމުންނަށްވެސް ވަރަށް ރަނގަޅަށް އެނގިތިބެމެ އެނގޭކަން ޢަމަލުތަކުން ނުދެއްކޭ ކަމެވެ.  

ޝުކުރުވެރިވުން އިތުރުކުރާށެވެ! ނުލިބި ހުރި މަދު ކަންކަމުގެ ބަދަލުގައި ދެއްވަވާފައިވާ ގިނަ ނިޢްމަތްތަކާއިމެދު ވިސްނައި ޝުކުރުވެރިވުން އިތުރުކުރާށެވެ! ޝުކުރުވެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަމަކީ ތަޤްވާވެރިވުން އިތުރުކުރުމާއި ތައުބާވުން ގިނަ ކުރުމެވެ. ވީމާ ފުރިހަމަ ތައުބާއަކުން ތައުބާވެ، ޝުކުރުވެރިވާ، ތަޤްވާވެރިއެއްގެ ގޮތުގައި މެނުވީ މަރުނުވާށެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން