އިސްލާމް ދީނަކީ އެއްވެސް ދީނަކަށް، މީހަކަށް، އަޅުކަން ކުރާ ގޮތަށް ފުރައްސާރަކުރުން ހުއްދަކުރާ ދީނެއް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
އިސްލާމް ދީނަކީ އެއްވެސް ދީނަކަށް، މީހަކަށް، އަޅުކަން ކުރާ ގޮތަށް ފުރައްސާރަކުރުން ހުއްދަކުރާ ދީނެއް ނޫން!: މުފްތީ މެންކް

އިސްލާމް ދީނަކީ އެއްވެސް ދީނަކަށް، މީހަކަށް، އެއްވެސް މީހަކު އަޅުކަން ކުރާ ގޮތަށް ފުރައްސާރަކުރުން ހުއްދަކުރާ ދީނެއް ނޫނެވެ. އެކަން ﷲ ތަޢާލާ ވަނީ މަނާ ކުރައްވަވައިފައެވެ. އެމީހަކު އުޅޭ ދީނެއްގައި އޮންނަ ގޮތަކަށް އެމީހަކު އަޅުކަން ކުރުމުން ފުރައްސާރަކުރުމެއް ނެތެވެ. ކަން މިހެން އޮތުމުން މުސްލިމުންނަށާއި އިސްލާމް ދީނަށާއި މުސްލިމުން އަޅުކަން ކުރާ ގޮތަށް ވެސް އެއްވެސް މީހަކު ފުރައްސާރަކޮށްގެން ނުވާނެއެވެ. 

މީހަކު އަޅުކަންކުރާ ގޮތާއިމެދު ނުވަތަ މީހަކު އުޅޭ ދިނާއިމެދު އެއްވެސް ޝައްކެއް އޮތްނަމަ އެމީހެއްގެ ގާތު ސުވާލުކުރުމަކީ ކުރެވިދާނެ ކަމެކެވެ. އަދި އެމީހަކަށް ފެންނަ ރަނގަޅު ގޮތް ވެސް ބުނެވިދާނެއެވެ. ނަމަވެސް އެއްވެސް ޙާލެއްގައި ފުރައްސާރަކޮށްގެން ނުވާނެއެވެ. އެއްޗެތި ގޮވައިގެން ނުވާނެއެވެ. އެހެން މީހަކަށް ފުރައްސާރަކުރީމާ ނުވަތަ އެހެން މީހަކު ލަދު ގެންނެވީމާ އެމީހާވެސް ހަމަ އެގޮތަށް އެކަން ކުރާނެތީއެވެ. 

މިހާރަކަށް އައިސް ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މީސްމީހުންނަށާއި ދީންތަކަށް ފުރައްސާރަކުރެއެވެ. ނަމަވެސް އެއީ ޚިޔާލުފައުޅުކުރުމުގެ ތެރެއިން އެއްވެސް މީހަކަށް ލިބޭނެ ޙައްޤެއް ނޫނެވެ. އަދި ހޯދޭނެ ޙައްޤެއްވެސް ނޫނެވެ. ޚިޔާލުފައުޅުކުރަން ޖެހޭނީ އެހެން މީހުންނަށް އިޙްތިރާމް ކުރުމާއިއެކުގައެވެ. ނޫން ނަމަ އެދެވެނީ އިންތަކުން ބޭރަށެވެ. 

"ﷲ ދޫކޮށް، އެއުރެން އަޅުކަންކުރާ ތަކެއްޗަށް ތިއަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެއުރެން ޢަދާވާތްތެރިކަމުގެ ގޮތުން ﷲ އަށް އެއްޗެހި ގޮވައިފާނެތެވެ. ހަމައެފަދައިން، ކޮންމެ އުންމަތަ ކަށްމެ އެބައެއްގެ ޢަމަލު، ތިމަންރަސްކަލާނގެ ޒީނަތްތެރިކޮށް ދެއްކެވީމެވެ. ދެން އެއަށްފަހު، އެއުރެން ރުޖޫޢަވާހުށީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. ދެން އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ވާހަކައިން، އެކަލާނގެ އެއުރެންނަށް ޚަބަރު އަންގަވާނެތެވެ." (އަލްއަންޢާމް: 108) 

މިއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ. މުސްލިމުންނަށް އޮތީ ޤަބޫލުކޮށް ޢަމަލު ކުރުމެވެ. 

މާތް ﷲ ގެ ޙަޟްރަތުގައި އޮތީ ހަމައެކަނި އިސްލާމް ދީނެވެ. އެހެން އެއްވެސް ދީނެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. ކޮންމެ އިންސާނަކީވެސް މަރުވާނެ މީހެކެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ރުޖޫޢަވާން ޖެހޭނެ މީހެކެވެ. އިސްލާމް ދީން ނޫން އެހެން ދީންތަކަށް އުޅުނު މީހުންނަށް އެކަމުގެ ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ! 

އަހަރެމެންނަކީ މުސްލިމުންނެވެ. އެއްވެސް ކަމެއް ނުކުރަން ﷲ ތަޢާލާ އަމުރުފުޅު ކުރެއްވެވުމުން އޮތީ އެކަމެއް ނުކުރުމެވެ. މުސްލިމުންގެ މަސްއޫލިއްޔަތަކީ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރުމެވެ.

 

- މުފްތީ މެންކްގެ ދަރުސަކުން 

މިއަދު އޮންލައިން