ދުނިޔެއިން ހާޞިލުކުރަން ބޭނުންވާ އުފާ ޙާޞިލު ނުކުރެވުމަކީ ކައިވެނި ރޫޅައިލާ ސަބަބަކަށް ނުހަދާށެވެ! ދުނިޔެއިން މީހާ ޙާޞިލުކުރަން ބޭނުންވާ އުފާތަކަކީ އެއް ދުވަހު ލިބިފައި އަނެއް ދުވަހުވެސް ނުލިބިދާނެ އެއްޗެކެވެ. ވީމާ ދުނިޔޭގައި ދިރިއުޅުން ބިނާކުރަން ޖެހޭނީ ދުނިޔެއިން ޙާޞިލުކުރަން އެދޭ އުފާތަކަށް ބަލައިގެނެއް ނޫނެވެ!
ރަސޫލް (ޞޢވ) އާއި އިތުރު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ޞަހާބީން ދުނިޔޭގައި ހަޔާތް ވޭތިކުރެއްވެވި ގޮތާއިމެދު ވިސްނައި ޢިބްރަތް ޙާޞިލުކުރާށެވެ! އަހަރެމެންނަށް ދުނިޔޭގައި ކުރިމަތިވާ މައްސަލަތައް މިއީ އެއްވެސް މައްސަލައެއް ނޫނެވެ. އެބޭކަލުން ދުނިޔޭގައި ހަޔާތް ހޭދަ ކުރެއްވެވީ މާދަތި އަދި ނިކަމެތި ޙާލުކޮޅުގައެވެ.
އެހާލުކޮޅުގައިވެސް ރަސޫލް (ޞޢވ) ދުވަހަކުވެސް އެއްވެސް ޝަކުވާއެއް ނުކުރައްވަވައެވެ. އަބަދުވެސް ޙަދީޘްފުޅު ކުރައްވަވަމުން ގެންދެވީ "މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިވަޑައިގަންނަވާނަމަ ފުދި އިތުރުވީ" ކަމަށެވެ. އެއަށްވުރެ ބޮޑަށް އެދިވަޑައިގަންނަވާ އެއްވެސް ކަމެއް ނެތް ކަމަށެވެ.
އަހަރެމެންގެ ވިސްނުން ވެސް ބަހައްޓަންވީ ހަމަ އެ ގޮތަށެވެ. ދުނިޔެއިން މާ ގިނަ އުފާތަކަށް ނުއެދޭށެވެ! ދުނިޔެ މިއީ މާގިނަ އުފާތަކެއް ޙާޞިލުކުރެވިދާނެ ތަނެއްކަމަށް ޤަބޫލުކޮށް އުންމީދުވެސް ނުކުރާށެވެ! ނަމަވެސް ފެންނަމުން މިދަނީ ވަރަށް ހިތާމަވެރި މަންޒަރުތަކެވެ. ފިރިމީހާ އަނބިމީހާގެ ކިބައިން ނުވަތަ އަނބިމީހާ ފިރިމީހާގެ ކިބައިން ޙާޞިލުކުރަން ބޭނުންވާ ކުޑަކުޑަ އުފަލެއް ޙާޞިލު ނުކުރެވުމުން މިފެންނަނީ ކައިވެނިތައް ރޫޅަމުން ގެންދާތަނެވެ. ދަރިން ނިކަމެތިކުރަމުން ގެންދާ ތަނެވެ.
އުފާވެރިކަމަށް އުންމީދުކުރަން ވީ މިދުނިޔެއަކު ނޫނެވެ! މިއީ އުފާވެރިކަން ޙާޞިލުކުރަން އޮތް ތަނެއް ނޫނެވެ! މިދުނިޔޭގައިވެސް އުފާވެރިކަން ލިބޭނަމަ އެއީ ލިބޭ ބޯނަސްއެކެވެ! އުފާވެރިކަމަށް އުންމީދު ކުރަން އޮތީ އާޚިރަތް ދުވަހުއެވެ! ވީމާ މިދުނިޔޭގައި އުފާވެރިކަން ޙާޞިލުކުރަން މަސައްކަތް ކުރި ނަމަވެސް ނުލިބޭނަމަ އެއީ ޝަކުވާއަކަށް ނުހަދާށެވެ! މައްސަލައަކަށްވެސް ނުހަދާށެވެ! މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އުފާވެރިކަން ލިބޭނީ އެއިރުންނެވެ!
- މުފްތީ މެންކުގެ ދަރުސަކުން