"އަންހެނުން ފަނޑިޔާރުކަމަށް އިސްކުރުމާ ނުކުރުމުގަ އަޅުގަނޑު ހުރިހާށ ޢިލްމުވެރިންގެ އަރިހުންވެސް މިއެދެނީ ތަފާތު އެންގަލްތަކުން މައްސލަ ހަނި ނުކުރައްވައި އަދި ފުޅައުވެސް ނުކުރައްވައި މައްސަލައިގެ އަޞްލަށް ބައްލަވައި އަޅުގަނޑުގެ މި 3 ސުވާލަށް ޖަވާބު ދެއްވުމަށް" ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު ކުރައްވާ 3 ސުވާލަކީ:
1 އެންމެ ފަހު ބަސް ބުނާ އެންމެ މަތީ ކޯޓަށް އިސްލާމީ ޝަރީޢާ ނުކިޔަވާހުރި މީހަކު ލެވިދާނެ ކަމަށް ފިޤްހްވެރި އެއްވެސް ބޭކަލަކު ވިދާޅުވެފައިވޭތޯ؟
2 އެންމެ މަތީ ކޯޓަށް ލާންޖެހޭނީ އިސްލާމީ ޝަރީޢާ ކިޔަވައިގެން ތިބި ޢިލްމުވެރިކަމާއިމެދު އެއްވެސް ޚިލާފެއް އެބައޮތްތޯ؟
3 ޚިލާފެއް ނެތްނަމަ ރާއްޖޭގެ ސްޕްރީމްކޯޓަށް އިސްލާމީ ޝަރީޢާ ނުކިޔަވާ ތިބި މީހުން ލާން ދައްކަނީ ކޮން ހުއްޖަތެއްތޯ؟ އެކަން ކުރަނީ ކޮން ޙުއްޖަތަކުންތޯ؟ އެވެ.
މި 3 ސުވާލަކީ ސިޔާސީ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް މެންބަރުން އަދި ރައީސް މައުމޫން ހިމެނޭ ގޮތަށް އަމާޒުކުރައްވައި މީގެ 3 ދުވަސްކުރިން ކުރައްވާފައިވާ 3 ސުވާލެވެ.
ޝައިޚް ޢަލީ ޒައިދު މި 3 ސުވާލުކުރެއްވުމުން މި 3 ސުވާލާއިމެދު ރައީސް މައުމޫނުގެ ބަސްފުޅެއް ހޯއްދަވައި ދެއްވުމަށް މީގެ 2 ދުވަސްކުރިން މިއަދުނޫހުން ވާނީ ރައީސް މައުނޫގެ ސެކެޓްރިއޭޓްގައިވެސް އެދިފައެވެ. ނަމަވެސް މިއަދާއި ހަމައަށް އީމޭއިލަސް ޖަވާބު ދެއްވާފައެއް ނުވެއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މި 3 ސުވާލުގެ ޖަވާބު އެއްވެސް ބޭފުޅަކު ދެއްވައިފިނަމަ މައްސަލައަށް މަގެއް ފެނިގެންދާނެ ކަމަށެވެ. "އަޅުގަނޑު ބެލިބެލުމުން އެއްވެސް ޢިލްމުވެރިއަކު އެފަދަ ހުއްދައެއް ދެއްވާފައެއް ނެތް. އޮތް ނަމަ އެކަން ހާމަކޮށްލަ ދެއްވާ! އިތުރު ވާހަކަތައް ދައްކާނީ އެއިގެ ފަހުން" ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ 1 އަސް އެކެއް އެއްކުރީމާ އަންނާނީ 2 ނޫން ކަމަށާއި އެނޫން އަދަދެއް ކަމަސް ވަކާލާތު ކުރާ މީހަކަށް ކަމެއް އޮޅުންފިލުވައި ދެއްވަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އިރު އެރުމުން އިރުދެއްކުމުން އެއީ އިރު ކަމަސް ޤަބޫލުނުކޮށް އެއީ ހަނދުކަމަށް ނުވަތަ ޖުޕިޓަރުކަމަސް ބުނާ މީހުންނަށްވެސް ކަމެއް އޮޅުންފިލުވައި ނުދެއްވޭނެ ކަމަށެވެ.