ކޮންމެހެން ހާމަކުރަން ނުޖެހޭ ކަންކަން އަމިއްލަ ޢާއިލާއަށްވެސް، ކިތަންމެ ގާތް ރައްޓެއްސަކަށް ވެސް ހިއްޞާ ކުރަން ހެޔޮ ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ކޮންމެހެން ހާމަކުރަން ނުޖެހޭ ކަންކަން އަމިއްލަ ޢާއިލާއަށްވެސް، ކިތަންމެ ގާތް ރައްޓެއްސަކަށް ވެސް ހިއްޞާ ކުރަން ހެޔޮ ނުވާނެ!: މުފްތީ މެންކް

މީސްތަކުންގެ ނުބައިކަން މިހައި ބޮޑުވުމުން ޝައިޠާނާއަށް ވަނީ އިތުރު ހިތްވަރު ލިބިފައެވެ. އެހެންކަމުން ޝައިޠާނާ ވަނީ އޭނާގެ މަސައްކަތް މެކްހަށް ޖައްސައިފައެވެ. މިފަދަ ހާލަތެއްގައިވާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއް ކަމަކީ ޝައިޠާނާގެ ޢަދާވާތްތެރިކަމުން ސަލާމަތްވުމެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފެންނަ ހުވަފެންތަކާއި ކުރަން އުޅޭހައި ކަންކަން އަމިއްލަ ޢާއިލާގެ މީހުންނަށްވެސް ކިޔައި ނުދޭށެވެ. ރައްޓެހި ރަހްމަތްތެރިންނަށް ވެސް ކިޔައި ނުދޭށެވެ. އެކަން ނުކުރަންވީ ރައްޓެހި ރަހްމަތްތެރިން ނުވަތަ ޢާއިލާގެ މީހުން ހަސަދަވެރިވެރިވެދާނެތީއެއް ނޫނެވެ. ފަހަރެއްގައި އެމީހުން ހަސަދަވެރި ނުވެދާނެއެވެ. އަދި ހަސަދަވެރިވެ ވެސް ދާނެއެވެ. އެންމެ ބޮޑަށް ސަމާލުކަން ދޭން މިޖެހެނީ ޝައިޠާނާގެ ހުރި ޢަދާވާތްތެރިކަމުން ސަލާމަތްވުމަށެވެ.  

މިފަދަ ވާހަކަތައް ބަޔާން މިކުރަނީ މިކަމުގެ ހެކި ކީރިތި ޤްރުއާނުން ފެންނަން ހުރުމުންނެވެ. ޔޫސުފް ސޫރަތުގެ 4،އަދި 5 ކިޔާށެވެ.  

"ޔޫސުފްގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިއާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް ސަޖިދަ ކުރާތީއެވެ." (ޔޫސުފް: 4) 

ޔޫސުފްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ތަޢްބީރު  ނަބިއްޔާ ޔަޢްޤޫބްގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެނގިވަޑައިގަތުމާއިއެކުވެސް އަމިއްލަފުޅު ދަރިކަލުން ޔޫސުފްގެފާނަށް ވެސް ވިދާޅުވެ ނުދެއްވީއެވެ. ހަމަ އެއާއިއެކު އިންޒާރު ދެއްވެވީ ބޭބެއިންނާއިމެދު ސަމާލުވެވަޑައިގަތުމަށެވެ.  

ޝައިޠާނާ ފިތުނަ އުފައްދުވާނީ ބޭބެއިން މެދުވެރިކޮށްކަން ޔައްޤޫބްގެފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީއެވެ. އެކަން އެންމެފަހުން ވެގެންދިއައީ ވެސް ހަމައެ ގޮތަށެވެ.  

"އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިބާއަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ! ފަހެ، އެއުރެން ތިބާއަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން، ޝައިޠާނާ އަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ ޢަދާވާތް ތެރިއެކެވެ."

(ޔޫސުފް: 5) 

މީސްތަކުންނޭވެ.. އަމިއްލަ ދިރިއުޅުމާއި ބެހޭ ގޮތުން ކޮންމެހެން އަންގަން ޖެހޭ މިންވަރުގެ އިތުރުން ހަމަ އެއްވެސް މީހަކާއި ކަންކަން ހިއްޞާ ނުކުރާށެވެ. ދެމެދަށް ޝައިޠާނާ ވަދެގެނެ، ހީލަތްތެރި ރޭވުމެއް ރާވައި ބޮޑު ގެއްލުމެއް ދީފާނެ ކަމުގެ ބިރުވެރިކަން އޮތް މިންވަރު ބޮޑުކަމުންނެވެ. ފިތުނައިގެ ސަބަބުން މުޅި ދިރިއުޅުންވެސް ހަލާކުވެގެން ހިނގައިދާނެ ކަމަށްޓަކައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން