މި ސަރުކާރުން ކަންކަން ނިންމާނީ ހުރިހާ ރައްޔިތުންނަށް ފައިދާވާގޮތަށް ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެއެވެ.
ސިވިލް އޭވިއޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ ވަކި މީހަކަށް ނުވަތަ ބަޔަކަށް ފަސޭހަކޮށްދިނުމަށް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް، ރާއްޖޭގައި އޮޕަރޭޓްކުރާ ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން ކުންފުނި، ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އާ ހަވާލުކުރަން އުޅޭ އަޑުތަކެއް ފެތުރިފައިވާކަމަށް ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެންނެވެ.
"ޓީއެމްއޭ ވިއަސް، ޓާމިނަލެއް ވިއަސް އަދި އެހެން ތަނެއް ވިއަސް ހުރިހާ ރައްޔިތުންނަށް އެކަމުގެ ފައިދާކުރަނިވި ގޮތަކަށް މި ސަރުކާރުން ނިންމާނީ. ވަކި މީހަކަށް، ވަކި ފަރުދަކަށް ފައިދާ ވަނިވި ގޮތަކަށް މި ސަރުކާރުން ކަންތައް ނިންމާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވެފައިވަނީ ވަކި ބަޔަކަށް ޓާމިނަލް ދޭން ނިންމާފައި ނުވާކަމަށެވެ.