އަންހެންމީހާ ކައިވެންޏެއް ނުކޮށްހުއްޓާ ވިހައި، އޭނައާއި އެކު ޒިނޭކުރި ފިރިހެންމީހާ އެދަރިފުޅަކީ އޭނާގެ ދަރިފުޅެއްކަމަށް އެއްބަސްވެއްޖެ ކަމަށްވަނީނަމަ ދަރިލައްވާނެތޯ ނުވަތަ ނޫންތޯ، މިކަމާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ.
ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މި ޙާލަތުގައި ފިރިމީހާއަށް ދަރިއެއް ނުލައްވާނެއެވެ. އެބޭކަލުންގެ ދަލީލަކީ ކީރިތި ރަސޫލާގެ ޙަދީޘްފުޅެވެ. (الولدللفراش، وللعاهرالحجر) މާނައަކީ: ދަރިލައްވާނީ ތަންމައްޗަށެވެ. (މަންމައަށެވެ). ޒިނޭކުރި ފިރިހެންމީހާއަށް އޮތީ ހިލަގަނޑެވެ. (އޭނާ އަކަށް އެއްޗެއް ނެތެވެ)." އަދި ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޒިނޭގެ ދަރިންގެ މައްސަލަ އެއްގައި އެކުދިންގެ ބައްޕަ އިޢުތިރާފުވެފައިވަނިކޮށްވެސް، ބައްޕަ އަށް ދަރިނުލައްވަވައެވެ.
ނަމަވެސް އަލްއިމާމު ޙަސަނުލް ބަޞްރީ އާއި އިބްނު ސީރީން، ނަޚަޢީ، ދެކިލައްވާ ގޮތުގައި ފިރިމީހާގެ މައްޗަށް ޒިނޭގެ ޙައްދު ގާއިމް ކުރެވިއްޖެނަމަ ދަރިލައްވާނެއެވެ. އަދި ފިރިމީހާގެ މުދަލުން ވާރުތަވެސް ކުރާނެއެވެ. އެބޭކަލުންގެ ދަލީލަކީ ޖާހިލިއްޔަ ޒަމާނުގައި ވިހެއި ޒިނޭގެ ކުދިންތަކެއް، ޢުމަރުގެފާނު އެކުދިންގެ ބައްޕަ އަށް ލެއްވި ކަމެވެ.
އަލްއިމާމް އަބޫޙަނީފާ ވިދާޅުވަނީ ފިރިހެންމީހާ އޭނާގެ ދަރިއެއްކަމަށް އެއްބަސްވެއްޖެ ކަމަށްވަނީނަމަ އޭނާ އަށް ދަރިލައްވާނެ ކަމަށެވެ.
ޖުމްހޫރުންގެ (ގިނަ ޢިލްމުވެރިންގެ) ބަހުން ދޭހަވާގޮތުން ޒިނޭގެދަރި ނިސްބަތްވާނީ މަންމައަށެވެ. މަންމަގެ ފަރާތުން ވާރުތަވެސް ކުރާނެއެވެ. އަދި މަންމަގެ އެހެންކުދިންނަކީ އެކުދިންގެ އެއްބަނޑު ކުދިންނެވެ. އަދި އެކުދިން ބައްޕަ އަށް ނިސްބަތެއް ނުކުރެވޭނެއެވެ. އެކުދިންނަކީ އެފިރިހެންމީހާގެ ދަރިޔެކޭވެސް ނުބުނެވޭނެއެވެ. އެފަދަކުދިން ވާނީ އެފިރިހެންމީހާގެ ދޮންދަރިންނަށެވެ. އެހެންނަމަވެސް އެފިރިހެންމީހާއާއި ކައިވެނި ޙަރާމްވާނެއެވެ. އަދި އެފިރިހެންމީހާގެ އެހެންކުދިންނާވެސް ކައިވެނި ޙަރާމްވާނެ އެވެ. ކައިވެނި ޙަރާމްވިނަމަވެސް މަޙްރަމަކަށް ނުވާނެއެވެ. ކައިވެނި ޙަރާމްވާ ކޮންމެ މީހަކީ މަޙްރަމެއް ނޫނެވެ.
ޒިނޭކުރި އަންހެންމީހާ ކައިވެނި ކުރިތާ ހަމަސްފަހުން ވިހައިފިކަމަށްވަނީ ނަމަ ފިރިމީހާއަށް ދަރިލައްވާނެއެވެ. މި ޙާލަތުގައި ފިރިމީހާ އޭނާގެ ދަރިއެއްނޫން ކަމަށް ޘާބިތުކޮށްދޭން ބޭނުންވެއްޖެނަމަ އެކަމަށް އޮތް މަގަކީ ލިޢާނު ކުރުމެވެ. އެނޫންގޮތަކުންނަމަ ދަރިލައްވާނީ ފިރިމީހާއަށެވެ. އެހެންފިރިހެނަކު އަންހެންމީހާ އާއި އެކު ޖިމާޢުވި ކަމަށް ދަޢުވާކުރިކަމަށްވީނަމަވެސް އެވެ. .والله أعلم
--މިއީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ބަސްފުޅެކެވެ. ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "އަޅުގަނޑުއޮޅުން ފިލުވާލަން ބޭނުންވަނީ ނަހަލާލަށް ލިބިފައި ހުރި ދަރިންސުވަރުގެއަށް ނުވަދެވޭނެތޯ އާއި އަދި ދީނުގައި އޮތްގޮތެއް ސާފުކޮށްދެއްވުމެވެ؟" މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.