ރާއްޖޭގެ ހުރިހާ މިސްކިތެއް އެއާކޮންޑިޝަން ކުރުމުގެ މަސައްކަތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރުވެސް ވަނީ ފަށްޓަވައިފައެވެ. މިއަދަކީ ފުރަތަމަ މިސްކިތް އެއާކޮން ކުރެވި އެކަމުގެ ރަސްމިއްޔާތު ބޭއްވުނު ފަޚުރުވެރި ދުވަހެވެ.
މިދުވަސްވަރަކީ އާދައާ ޚިލާފަށް ހޫނު ގަދަ ދުވަސްތަކަކަށްވުމުން މިސްކިތްތައް ވެސް ވަރަށް ހޫޏު ގަދައެވެ. ވީމާ މިސްކިތްތައް އެއާކޮންޑިޝަން ކުރެވެންދެންވެސް ފަރުޟު ނަމާދުގެ ސުންނަތްކޮށް ނިމެންދެން މިސްކިތުގައި ހުރި ބޮޑެތި ފަންކާތައް ނިއްވާ ނުލައި ބަހައްޓައި ދިނުން ކީއްތޯއެވެ؟ ޚާއްޞަކޮށް ކުރީ ސަފުތަކަށް ފިނިކުރަން ހަރުކުރަން ހަރުކޮށްފައި ހުރި ފަންކާތްކެވެ.

އެފަންކާތަކުގެ ރިމޯޓް އޮންނަނީ މުދިމު ހަވާލުގައެވެ. ބައެއް މުދިމުން ސަލާމް ދިނުމަށްފަހު ސުންނަތް ނުކޮށް މިސްކިތުން ފައިބައެވެ. ފަހަރެއްގައި މުހިންމު ކަމެއް އޮތުމުން މަޑުކުރެވެން ނެތިގެން ކަމަށްވެސް ވެދާނެއެވެ. މައްސަލައަކީ ފައިބަނީ ފަންކާތައް ނިއްވާލައިފައި ކަމަށްވުމުން ދެން ޖެއްސޭނެ ގޮތެއްވެސް ނެތުމެވެ.

ކަރަންޓް ބިލުން ކުޑަތަންކޮޅެއް ބޮޑުވި ނަމަވެސް އެންމެ ކުޑަމިނުން ފަރުޟު ނަމާދަށްފަހު ކުރާ ރަވާތިބު ސުންނަތްކޮށް ނިމެންދެން ބޮޑެތި ފަންކާތައް ނިއްވާ ނުލައި ބަހައްޓައި ދިނުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު އެދުމެކެވެ.