ކެމްބްރިޖް އިމްތިޙާނުގެ ނަތީޖާއާއެކު އާންސަރ ސްކްރިޕްޓްތައް ސްކޫލްތަކަށް ފެންނާނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކެމްބްރިޖް އިމްތިޙާނުގެ ނަތީޖާއާއެކު އާންސަރ ސްކްރިޕްޓްތައް ސްކޫލްތަކަށް ފެންނާނެ: ވަޒީރު

ކެމްބްރިޖް އިމްތިޙާނުގެ ނަތީޖާ ދޫކުރާއިރު ދަރިވަރުންގެ އާންސަރ ސްކްރިޕްޓްތައް ނުވަތަ އިމްތިހާނު ކަރުދާސްތައް ސްކޫލްތަކަށް ފެންނާނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މިފަހަރުގެ ކެމްބްރިޖް އިމްތިހާނުގެ ނަތީޖާ ލިބޭއިރު ބައެއް މުހިންމު ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ. އެގޮތުން އިމްތިހާނު ހަދާ ދަރިވަރުންނަށް ނަތީޖާ ލިބޭއިރު ސްކޫލްތަކަށް ދަރިވަރުންގެ ޕޭޕަރުތައް ފެންނަން ހުންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މިފަހަރު ކުދިން ޕޭޕަރު ހަދާފަ ހުރިގޮތެއް ފެންނާނެ. އާންސަރ ސްކްރިޕްޓް ޓީޗަރުންނަށް ފެނުނީމަ ރީޗެކަށް ފޮނުވާއިރުވެސް ފަސޭހަވާނެ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އެކި ސެންޓަރުތަކުން އިމްތިހާނު ހަދާ ދަރިވަރުން ދޭ ޖަވާބުތައް އެނގުމަކީ ސްކޫލްތަކަށް ލިބޭ ވަރަށް މުހިންމު މަޢުލޫމާތަކަށް ވެގެންދާނެ ކަމަށެވެ. އަދި އާންސަރ ސްކްރިޕްޓްތައް ޓީޗަރުންނަށް ފެންނަން ހުރުމުން، ބޭކާރު ގޮތުގައި ރީޗެކަށް ފޮނުވުން މަދުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން، މިފަހަރުގެ ނަތީޖާ ލިބޭއިރު ދަރިވަރުންނަށް ގްރޭޑުތައް ލިބެނީ ކިތައް މާކްސްއިންކަން ނުވަތަ ޔުނިފޯމް މާކްސް ފެންނަން ހުންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު މި ހިނގާ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ އައިޖީސީއެސްއީ އޯލެވެލް އިމްތިޙާނުގައި 8،111 ދަރިވަރުން އަދި އެޗްއެސްސީ އިމްތިޙާނުގައި 7،776 ދަރިވަރުން ބައިވެރިވެއެވެ.

މިއަދު އޮންލައިން