(وَاضْرِبْ لَهُم مَّثَلًا رَّجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَابٍ وَحَفَفْنَاهُمَا بِنَخْلٍ وَجَعَلْنَا بَيْنَهُمَا زَرْعًا ﴿٣٢﴾ ) މި އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އަމުރުކުރައްވަނީ މުޝްރިކުންނަށް ވަކިން ޚާއްޞަކޮށް ހެނދުނާއި ހަވީރު ﷲ އަށް އަޅުކަންކޮށް އުޅޭ މުއިމިނުން ދޫކޮށްލެއްވުމަށް އެކަލޭގެފާނަށް ބާރުއަޅަމުންދާ މީހުންނަށް،ދެމީހެއްގެ މިޘާލުން މިޘާލު ޖެއްސެވުމަށެވެ. އެއީ ﷲގެ ނިޢްމަތްތަކަށް ޝުކުރުވެރިވީ މީހަކާއި، އެނިޢްމަތްތަކަށް ކާފަރުވީ މީހެއްގެ މިޘާލެވެ. އަދި އެދެމީހުން ބުނެފައިވާ ބަސްތަކާއި ކޮށްފައިވާ ކަންތަކެވެ. އަދި އެކަންތައްތަކުގެ ސަބަބުން ދުނިޔެ އާއި އާޚިރަތުގައި ލިބުނު އަދި ލިބޭނޭ ނިޢްމަތްތަކާއި ޢިގާބުގެ ވާހަކައެވެ. މީސްތަކުން ޢިބްރަތް ޙާޞިލް ކުރުމަށެވެ.
މިދެމީހުންގެ ކުރެ އެކަކީ އެމީހަކަށް މާތް ﷲ ދެބަގީޗާ ދެއްވާފައިވާ މީހެކެވެ. ނަމަވެސް އެމީހާ އެނިޢްމަތަށް ކާފަރުވީއެވެ.
(وَحَفَفْنَاهُمَا بِنَخْلٍ) މިދެބަގީޗާގައި ހުރިހާ ވައްތަރެއްގެ މޭވާލެއްވިއެވެ. ވަކިން ޚާއްޞަގޮތެއްގައި އެންމެ ޝަރަފުވެރި މޭވާ ކަމުގައިވާ މޭބިސްކަދުރާއި ކަދުރު ލެއްވިއެވެ. ބަގީޗާގެ މެދުތެރޭގައި މޭބިސްކަދުރު ގަސްތަކެވެ. އަދި ބަގީޗާގެ ވަށައިގެން ކަދުރު ރުއްތަކެވެ. އެހެންކަމުން، ބަލައިލަން ނިކަންރީތި ހިއްގައިމު ބަގީޗާއެއް ކަމުގައިވިއެވެ.
(وَجَعَلْنَا بَيْنَهُمَا زَرْعًا) އަދި އެދެމެދުގައި ދަނޑުގޮވާންވެސް ލެއްވީމެވެ.
(كِلْتَا الْجَنَّتَيْنِ آتَتْ أُكُلَهَا وَلَمْ تَظْلِم مِّنْهُ شَيْئًا ۚ وَفَجَّرْنَا خِلَالَهُمَا نَهَرًا ﴿٣٣﴾ )
(كِلْتَا الْجَنَّتَيْنِ آتَتْ أُكُلَهَا) ދެބަގީޗާއިންވެސް އެކިފާޑުފާޑުގެ ގަސްތަކާއި މޭވާ ލިބިދިނެވެ.
(آتَتْ أُكُلَهَا) ޢާއްމުކޮށް މޭވާ ލިއްބައިދޭ މިންވަރަށްވުރެ ދެގުނަ އިތުރަށް ލިއްބައިދިނެވެ.
(وَلَمْ تَظْلِم مِّنْهُ شَيْئًا) އެ ދެ ބަގީޗާގައިމެ، މޭވާއައިސް އެއިން އެއްވެސް އެއްޗެއް އުންޏެއް ނުވެއެވެ.
(وَفَجَّرْنَا خِلَالَهُمَا نَهَرًا) އަދި އެ ދެ ބަގީޗާގެ ދެމެދުން ކޯރެއް ހިންގެވީމެވެ.
(وَكَانَ لَهُ ثَمَرٌ فَقَالَ لِصَاحِبِهِ وَهُوَ يُحَاوِرُهُ أَنَا أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرًا ﴿٣٤﴾ )
(وَكَانَ لَهُ) އެބަގީޗާގެ ވެރިފަރާތަށް މިލްކުވެގެންވިއެވެ.
(ثَمَرٌ) މި ކަލިމާގެ އަޞްލު މާނައަކީ "މޭވާ" އެވެ. ނަމަވެސް، މިތަނުގައި މިލަފްޡުގެ މުރާދަކީ ކޮބައިކަމާއި މެދުގައި މުފައްސިރުންގެ މެދުގައި ޚިޔާލުތަފާތުވެފައިވެއެވެ.
ބައެއް މުފައްސިރުން ދެކިލައްވާ ގޮތުގައި މިތަނުގައި ( ثَمَرٌ ) ބޭނުން ކުރައްވާފައިވަނީ ތަފާތުވައްތަރުގެ މުދާ އެފަރާތަށް ދެއްވި ވާހަކަ ބަޔާން ކުރެއްވުމަށެވެ.
އަނެއްބައި މުފައްސިރުން ވިދާޅުވަނީ (ثَمَرٌ)ގެ މުރާދަކީ އެމީހާގެ ބަގީޗާގައި ތަފާތުވައްތަރުގެ ގިނަގުނަ މޭވާ އަޅާނެގޮތް މެދުވެރިކޮށްދެއްވި ވާހަކަ އެވެ. އަދި އެބަގީޗާގައި މޭވާ މަދެއް ނުވެއެވެ. އެއްވެސް ބަލިމަޑުކަމެއް މެދުވެރިއެއް ނުވެއެވެ. ދުވަހުން ދުވަހަކަށް މޭވާ އިތުރުވަމުން ތިޔާގިވަމުން ދިޔައެވެ. އެހެންކަމުން، ބަގީޗާގެ ޗާލުކަމާއި ޒީނަތްތެރިކަން އިތުރުވެގެން ދިޔައެވެ.
މިދެގޮތަށް ބެލިނަމަވެސް މާނަކުރުމުގައި ތަފާތެއް ނެތެވެ. ސަބަބަކީ މީހެއްގެ އަތުގައި ތަނަވަސްކަން ހުރެއްޖެނަމަ، އެއީ އޭނާގެ ބުރަ މަސައްކަތުގެ މޭވާ ކަމުގައި ބެލެވެއެވެ.
(فَقَالَ لِصَاحِبِهِ وَهُوَ يُحَاوِرُهُ) ދެބަގީޗާގެވެރިޔާ، އޭނާއަށް މިނިޢްމަތް ދެއްވީ ﷲ ކަން ހަނދުމަނެތިކޮށްލާ، އާޚިރަތްމަތިން ހަނދާން ނައްތާލާފައި، އޭނާގެ އަނެއް މުއިމިން އަޚާ އާއި ވާހަކަ ދައްކަމުން މުޚާޠާބުކޮށް ފަޚުރުވެރިވެ ބޮޑާވެފައި ބުންޏެވެ.
(أَنَا أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرًا) ތިމަންނާގެ އަތުގައި ތިބާ އަށް ވުރެ ގިނަ މުދާ އެބަހުއްޓެވެ. އަދި ތިމަންނާގެ ޚާދިމުންނާއި އެހީތެރިން އަދި ގާތްތިމާގެ މީހުންވެސް ގިނަ އެވެ. ތިމަންނާގެ ޙަސަބާއި ނަސަބުވެސް މަތިވެރިއެވެ. އޭނާ މިފަދައިން ބުނެފައިވަނީ ފަހަރެއްގައިވެސް ﷲ ދެއްވި ނިޢްމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތަކުންނެއް ނޫނެވެ. އަދިކިއެއްތަ، ބޮޑާކަމުގެ ގޮތުންނެވެ.
(وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِّنَفْسِهِ قَالَ مَا أَظُنُّ أَن تَبِيدَ هَـٰذِهِ أَبَدًا ﴿٣٥﴾)
(وَدَخَلَ جَنَّتَهُ ) ބަގީޗާގެ ޞާޙިބުމީހާ އެތަނަށްވަނެވެ.
(وَهُوَ ظَالِمٌ لِّنَفْسِهِ) އޭނާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ ޙާލުގައި، އެއީ މަރުވުމަށްފަހު އަލުން ދިރުއްވާނެކަމަށް އިންކާރު ކުރުން، އަދި ގިޔާމަތްވާނެ ކަމާއި މެދުގައި ޝައްކުކުރުން، އަދި ﷲ ގެ ޙަޟްރަތަށް އެނބުރިދާން ޖެހޭނެކަން ހަނދާންނައްތާލުން، އޭގެ ސަބަބުން އޭނާގެ މައްޗަށް ﷲގެ ކޯފާ އާއި ޢަޛާބު ޙައްގުވުން،
(مَا أَظُنُّ أَن تَبِيدَ هَـٰذِهِ أَبَدًا) އޭނާގެ ބަގީޗާ އަށް ވަންއިރު އެތަނުގައި މޭވާ އަޅާފައިވާލެއް ގިނަކަމުންނާއި، ކައިރީގައި ފެންއާރުތައް ހެދިފައިވާލެއް ފުރިހަމަކަމުން، އާޚިރަތުގެ މަތިން ހަނދާންނެތުނެވެ. އަދި މނިޢްމަތްތައް ދުވަހަކުވެސް މެދުކެނޑިގެން ހިނގައިދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރިއެވެ.
(وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِن رُّدِدتُّ إِلَىٰ رَبِّي لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا ﴿٣٦﴾ )
(وَمَا أَظُنُّ السَّاعَةَ قَائِمَةً) ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާންގެ އަޅުތަކުންނަށް އިންޛާރު ކުރައްވާޤފައިވާ ގިޔާމަތްވުމަކީ ނުވާނެ ކަމެއްކަމުގައި އޭނާ ބުންޏެވެ.
(وَلَئِن رُّدِدتُّ إِلَىٰ رَبِّي) މަރުވެ، ﷲ ގެ ޙަޟްރަތަށް މަޙްޝަރު ކުރެވުނުކަމުގައިވީނަމަވެސް،
(لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا) މިދުނިޔެމަތީގައި ތިމަންނާ އަށް ލިބިފައި މިވާ ދެބަގީޗާ އަށް ވުރެ ހެޔޮ ތަކެތި މާތް ﷲގެ ޙަޟްރަތުން ތިމަންނާ އަށް ލިބޭނެކަމަށް އޭނާ ބުންޏެވެ. މާނައަކީ، ﷲ އަހަންނަށް ނިޢްމަތް ދެއްވާނީ ހަމައެކަނި މިދުނިޔެމަތީގައެއް ނޫނެވެ. އާޚިރަތުގައިވެސް ދެއްވާނެއެވެ. ނަމަވެސް، މިއީ ފާސިދު ގިޔާސެކެވެ. އެހެނީ މިދުނިޔެމަތީގައި ތަނަވަސްކަން ދެއްވުން އެއީ އާޚިރަތުގައިވެސް ތަނަވަސްކަން ދެއްވުން ލާޒިމުވާ ކަމެއް ނޫނެވެ. އަދި މިދުނިޔެމަތީގައި ނިޢްމަތް ނުލިބި ދަތިޙާލުގައި އުޅެން ޖެހުމަކީ އާޚިރަތުގައި ނިޢްމަތް ނުލިބޭންވީ ސަބަބެއްވެސް ނޫނެވެ. މިދެކަންތަކުގައި އެއްވެސް ގުޅުމެއް ނެތެވެ. ބައެއް ފަހަރަށް މިދުނިޔެމަތީގައި ކާފިރުންނަށް ގިނަގުނަ ނިޢްމަތްތައް ދެއްވައެވެ. ނަމަވެސް، އާޚިރަތުގައި އެބައިމީހުންނަށް އެކައްޗެއްވެސް ނުލިބި ޢަޛާބުގެ ތެރެއަށް ވެއްޓިގެންދެއެވެ. ސޫރަތު ފުއްޞިލަތްގެ 49 އަދި 50 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَّا يَسْأَمُ الْإِنسَانُ مِن دُعَاءِ الْخَيْرِ وَإِن مَّسَّهُ الشَّرُّ فَيَئُوسٌ قَنُوطٌ ﴿٤٩﴾ وَلَئِنْ أَذَقْنَاهُ رَحْمَةً مِّنَّا مِن بَعْدِ ضَرَّاءَ مَسَّتْهُ لَيَقُولَنَّ هَـٰذَا لِي وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِن رُّجِعْتُ إِلَىٰ رَبِّي إِنَّ لِي عِندَهُ لَلْحُسْنَىٰ ۚ فَلَنُنَبِّئَنَّ الَّذِينَ كَفَرُوا بِمَا عَمِلُوا وَلَنُذِيقَنَّهُم مِّنْ عَذَابٍ غَلِيظٍ ﴿٥٠﴾ ) މާނައަކީ: " ހެޔޮކަންތަކަށް دعاءކުރުމަކަށް އިންސާނާ ފޫއްސެއް ނުވާނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، އުންމީދުކެނޑި، ހިތްމަރުވެފައިވާ މީހަކަށް އޭނާ ވެދެތެވެ. އަދި ހަމަކަށަވަރުން، އެ އިންސާނާއަށް ދަތި حالއެއް ޖެހިއްޖައުމަށްފަހު، ތިމަންރަސްކަލާނގެ حضرةން رحمةއެއްގެ ރަހަ އޭނާއަށް ދައްކަވައިފިނަމަ، މިއީ ތިމަންނާއަށްހުރި ތަކެއްޗޭ ބުނާނެކަން ކަށަވަރެވެ. އަދި قيامةވާނެކަމަކަށް ތިމަންނާ ހީއެއްނުކުރަމެވެ. އަދި ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ حضرةއަށް ތިމަން رجوعކުރެއްވިއަސް ހަމަކަށަވަރުން އެކަލާނގެ حضرةގައި ތިމަންނައަށްހުރީ ހެޔޮކަމެވެ. ފަހެ، ހަމަކަށަވަރުން، كافرވިމީހުންނަށް ތިމަންރަސްކަލާނގެ އެއުރެންކުރި عملތަކުގެ خبرއަންގަވާހުށީމެވެ. އަދި ހަމަކަށަވަރުން، ގަދަފަދަވެގެންވާ عذابއަކުން އެއުރެންނަށް ތިމަންރަސްކަލާނގެ عذابގެ ރަހަ ދައްކަވާހުށީމެވެ."
(قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّاكَ رَجُلًا ﴿٣٧﴾)
(قَالَ لَهُ صَاحِبُهُ) އޭނާގެ ޞާޙިބް މުއިމިން މީހާ އޭނާ އަށް ނަޞޭޙަތްތެރިވާ ޙާލުގައި، އަދި އޭނާގެ އުފެދުމުގެ އަޞްލު ހަނދާންކޮށްދެމުން ބުންޏެވެ.
(وَهُوَ يُحَاوِرُهُ) އޭނާ އާއި ވާހަކަ ދައްކަމުން ބުންޏެވެ.
(أَكَفَرْتَ ) ތިބާ ކާފަރުވަނީ ހެއްޔެވެ؟
(خَلَقَكَ مِن تُرَابٍ) ތިބާގެ ބައްޕަ އާދަމް ޢަލައިހިއްސަލާމް ވެލިން އުފެއްދެވިއެވެ.
(ثُمَّ مِن نُّطْفَةٍ ) ދެން އެއަށްފަހު ފިރިހެނަކާއި އަންހެނެއްގެ ފެންތިކިން ތިބާއުފެއްދެވިއެވެ.
(ثُمَّ سَوَّاكَ رَجُلًا) ދެން އެއަށްފަހު ފުރިހަމަ ފިރިހެނެއްގެ ގޮތުގައި ތިބާލެއްވިއެވެ.
މިހުރިހާ މަރްޙަލާތަކެއް ކަޑަކްތު ކުރައްވާ ތިބާ އުފެއްދެވި އިލާހު، ތިބާ މަރުވެ، ކަށިތައް ވީރާނާވުމަށްފަހު އަލުން ދިރުއްވުމަށް ކުޅަދުންވަންތަވޮޑިގެންވާ ކަމާއި މެދުގައި ތިބާ އިންކާރުކޮށް ކާފަރުވަނީ ހެއްޔެވެ؟ތިބާ އަށް މިދުނިޔެމަތީގައި ލިބިފައިވާ ނިޢްމަތްތަކަކީ ތިބާގެ ބާރުގަދަ ކަމުން ނުވަތަ ތިބާގެ މޮޅުކަމުން ލިބިފައިވާ ނިޢްމަތްތަކެއް ނޫނެވެ. ނަމަވެސް، އެއީ ﷲ ގެ ފަޟްލަވަންތަކަމުން ތިބާ އަށް ދެއްވާފައިވާ ކަންތައްތަކެކެވެ. ވީމާ، ތިބާ އަށް ދެއްވާފައި މިވާ ބޮޑެތި ނިޢްމަތްތަކަށް އިންކާރު ކުރުން މިއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މިހުރިހާ ނިޢްމަތްތަކެއް ތިބާ އަށް ދެއްވާފައިވީއިރު އެނިޢްމަތަކަށް ކުފުރުވެރިވެ، މަރުވުމަށްފަހު އަލުން ނުދިރުއްވާނެކަމަށްބުނެ، އަދި ދިރުއްވިނަމަވެސް، ހަމަމިފަދަ ނިޢްމަތް އާޚިރަތުގައިވެސް ތިބާ އަށް ދެއްވާނެކަމަށް ތިޔަބުނަނީ ކޮންހަމައަކުން ހެއްޔެވެ؟
މި އާޔަތުން ދޭހަވަނީ މަރުވުމަށްފަހު އަލުން ދިރުއްވާނެކަމަށް އިންކާރު ކުރާ މީހުންނަކީ ކާފިރުން ކަމެވެ. ސޫރަތުއް ތަޣާބުންގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (زَعَمَ الَّذِينَ كَفَرُوا أَن لَّن يُبْعَثُوا ۚ قُلْ بَلَىٰ وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى اللَّـهِ يَسِيرٌ ﴿٧﴾) މާނައަކީ: "كافرވިމީހުން، އެއުރެން އަލުން ދިރުއްވައި ނުފޮނުއްވާނޭކަމަށް ހީކުރޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންނަކުން ނޫނެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އަލުން ދިރުއްވައި ފޮނުއްވާހުށްޓެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންކުރި عملތަކުގެ خبر، ތިޔަބައިމީހުންނަށް އަންގަވާހުށްޓެވެ. އަދި އެކަންތަކަކީ، اللَّهއަށް ދާދިފަސޭހަ ކަމެކެވެ."
މިދެމީހުން ކުރެ ﷲގެ ނިޢްމަތަކަށް ޝުކުރުވެރިވާ، މުއިމިން މީހާ އަނެކާ އަށް ނަޞޭޙަތްދީވެސް، އޭނާ އިޞްލާޙު ނުވާނެކަން އިޙްސާސް ކުރެވުނު ހިނދުގައި، އޭނާ އަކީ ﷲ ދެއްވި ނިޢްމަތްތަކަށް ޝުކުރުވެރިވާ މުއިމިނެއްކަން އިޢްލާންކުރުމުގެ ގޮތުން ބުންޏެވެ.
(لَّـٰكِنَّا هُوَ اللَّـهُ رَبِّي وَلَا أُشْرِكُ بِرَبِّي أَحَدًا ﴿٣٨﴾) އަހަރެން ގަބޫލުކުރަނީ އަހަރެން ހައްދަވާ ގެންގުޅުއްވަނީ ﷲ ކަމަށެވެ. އެހެންކަމުން، އެފަރާތަށް ފުރިހަމައަށް ކިޔަމަންގަނެ، އެފަރާތުގެ އެންގެވުންތަކަށް ފުރިހަމަ އަށް ބޯލަނބާނަމެވެ. އަދި އަހަރެން އަޅުކަންކުރަނީވެސް ހަމައެކަނި އެފަރާތަށެވެ. އެފަރާތާއި އެކު އެއްވެސް ޝަރީކަކު ނުވެއެވެ. އަހަރެންގެ އަތުގައި ކިތަންމެ މުދާމަދު ކަމުގައިވީނަމަވެސް، އަހަރެންނަށް ދެއްވާފައިވާ ޙަގީގީ އީމާންކަމަކީ އެހެންހުރިހާ ކަމަކަށްވުރެ މާއަގުބޮޑު ނިޢްމަތެކެވެ. އެހެންކަމުން، ޙަގީގީ ނިޢްމަތަކީ އެއީއެވެ. އެނޫން ނިޢްމަތްތަކަކީ ފިލާދާފަދަ ކަންތަކެވެ. އަދި އޭގެ ސަބަބުން ހަލާކާއި ޢަޛާބާއިވެސް ކުރިމަތިލާން ޖެހިދާނެފަދަ ކަންތަކެވެ.
- ނުނިމޭ -