ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް ކިޔަވައިދީ މޮޅު މީހުންނަށް ހަދަން ޖެހޭ ބައެއް ކަމަށާއި އެއީ އިސްލާމީ މުޖުތަމައުގައި މަތިވެރި ޤަދަރާއި އިހްތިރާމް ލިބިގެންވާ ބައެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
ލޯފަން ކުދިންނަށާއި އަޑު ނުއިވޭ ކުދިންނަށް ކީރިތި ޤްރްއާން ކިޔަވައިދޭ ޕްރޮގްރާމް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ޞަހާބީންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޢަބްދުﷲ އިބްން އުންމު މަކްތުމް އަކީ ލޯފަން ބޭފުޅެއް ކަމަށާއި، އެކަލޭގެފާނާއި މުއައްޒިން ކަމާއި އިމާމްވެ ނަމާދު ކުރެއްވުން ޙަވާލު ކުރެއްވުމުގެ އިތުރުން ރަސޫލް (ޞޢވ) މަދީނާ އިން ބޭރަށް ވަޑައިގަންވާއިރު މަދީނާގެ ކަންކަން އިސްވެ ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތުވެސް ޙަވާލުކުރެއްވެވި ކަމަށެވެ.
"މިކަންކަމުން އެނގިގެންދަނީ މީހެއްގެ ކިބައިގައި ހުންނަ ނުޚުލެދުންތެރިކަމަކުން އެއްވެސް މީހަކު ބާކީ ނުކުރެވޭނެކަން. އަދި އެމީހުންނަކީ ޚާއްބަ މަޤާމާއި ރައްކައުތެރިކަން ލިބިގެންވާ ބައެއްކަން، އަދި ކޮންމެ މީހަކީ ވެސް ޤާބިލު މީހަކަށްވެ މުޖުތަމައުއަށް ޚިދުމަތް ކުރުމުގެ ހަމަހަމަ ފުރުޞަތު އެންމެންނަށްވެސް އޮންނަން ޖެހޭނެކަން."
ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ކީރިތި ޤްރްއާނުން ފުރަތަމަ ބާވައި ލެއްވެވި ޢާޔަތުގައި އުނގެނުމަށް އަމުރުފުޅު ކުރައްވަވާފައި އޮތުމުން އުނގެނުމަށް އިސްލާމް ދީނުގައި ދެއްވަވާފައިވާ މަތިވެރިކަން އެނގިގެންދާ ކަމަށާއި އަދި "އުނގެނުމަކީ (ޢިލްމް ޙާޞިލް ކުރުމަކީ) ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ފަރުޟެއް" ކަމަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި އޮތުމުން ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ މަތިވެރިކަން އެނގިގެންދާ ކަމަށެވެ. އެހެންކަމުން މީހެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ޢިލްމު އުނގެނުމުން މަހްރޫމްކޮށްގެން ނުވާނެކަން ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށެވެ.
ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ލޮލަށް ފެނުމާއި ކަންފަތަށް އަޑު އިވުމުން މަހްރޫމްވެފައިވާ ކުދިންނަށް ކިޔަވައިދިނުމަކީ މިޒަމާނުގައި ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް ކަމަށާއި އެކަމަށް ބޭނުންވާނެ ވަސީލަތްތައްވެސް ވަރަށް ފަސޭހަކަމާއިއެކު ލިބެން އެބަހުރި ކަމަށެވެ. އަދި އެކަމަށް ޚާއްޞަ ކަރިކިޔުލަމްތައްވެސް މިހާރު ހެދިފައި އެބަހުރި ކަމަށާއި މިކަމަށް އިސްކަންދޭ ފަރާތްތަކުން ގެންދަނީ އެކަމަށް މަސައްކަތް ކުރަމުން ކަމަށެވެ.
"ލޮލަށް ނުފެންނަ ކުދިންނަށް ބްރައިލް ބޭނުންކޮށްގެންނާއި އިވުމުން މަހްރޫމް ވެފައިވާ ކުދިންނަށް ސައިން ލެންގުއޭޖް (އިޝާރާތުން) ކިޔަވައިދެވޭ. މިފަދަ ކުދިންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ތައުލީމުދޭން މިއަދުގެ ސަރުކާރުން މަސައްކަތްކުރާކަން އުފަލާއިއެކު ފާހަގަކުރަން."
މިފަދަ ކުދިންނަށް ޚާއްޞަކޮށްގެން ދީނުގެ ކަންކަން އުނގަންނައި ދިނުމަށް ކޮންމެ މަހަކުވެސް 2 ސެޝަން ކުރިއަށް ގެންދަވާނެ ކަމަށާއި މީގެ އިތުރުން ހުކުރަށް ދާ އަދު ނުއިވޭ ކުދިންނަށް ޚުޠުބާ އިޝާރާތުން އަނގައިދިނުމުގެ މަގުވެސް ފަހިކޮށްދެއްވާނެ ކަމަށްވެސް ޑރ. އަޙްމަދު ޒާހިރު ވިދާޅުވިއެވެ.