ލޯފަން ކުދިންނަށާއި އަޑު ނުއިވޭ ކުދިންނަށް ކީރިތި ޤްރްއާން ކިޔަވައިދޭ ޕްރޮގްރާމް ރައީސް ޞާލިޙް އިފްތިތާޙްކޮށްދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ލޯފަން ކުދިންނަށާއި އަޑު ނުއިވޭ ކުދިންނަށް ކީރިތި ޤްރްއާން ކިޔަވައިދޭ ޕްރޮގްރާމް ރައީސް ޞާލިޙް އިފްތިތާޙްކޮށްދެއްވައިފި

ލޯފަން ކުދިންނަށާއި އަޑު ނުއިވޭ ކުދިންނަށް ކީރިތި ޤްރްއާން ކިޔަވައިދޭ ޕްރޮގްރާމް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައިފި އެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. 

މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް އިލްޔާސް ޖަމާލް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކިޔަވައި ދިނުމާއި އެފަދަ މީހުންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ ޚާޞް ސަމާލުކަމާއި އަދި ރަސޫލް (ޞޢވ) ބެހެއްޓެވި އޯގާތެރިކަމުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ވާހަކަފުޅު ދައްކަވައިފައެވެ. 

ޝައިޚް އިލްޔާސް ޖަމާލު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމްދު ޞާލިޙްގެ އިސް ނެންގެވުމަށް ރާއްޖޭގައި މުޅިން އަލަށް މިފެށުނީ ހުރިހާ ގޮތަކުން ވެސް ވަރަށް ފައިދާ ކުރާނެ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމްގެ ސަބަބުން ލޯފަން ކުދިންނަށާއި އަޑުއެހުމުން މަޙްރޫމްވެފައި ތިބި ކުދިންނަށް ކީރިތި ޤްރްއާނާއި އެހެނިހެން ޢިލްމު އުނގެނުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެ ކަމަށެވެ. 

"އެތަނެއްގައި ނެތް ހެޔޮ ކަމެއް އަލަށް ފަށައިފި މީހަކަށް ވަރަށް ގިނަ ސަވާބު ދެއްވަވާނެ. އެކމުގެ ތެރެއިން ޢިލްމު ލިބޭ، ފައިދާ ކުރާ އެންމެންގެ މަތިން ޤިޔާމަތާއި ހަމައަށް ދާނީ ސަވާބު ލިބެމުން. އެހެންކަމުން މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސް ނެންގެވުމަށް ފެށިގެންދިއަ ވަރަށް މުހިންމު ކަމެއް. ދަރުމަހުރި ކަމެއް!" 

މިޕްރޮގްރާމް ހިންގުމަށް ބޭނުންވާ ވަރަށް ބްރައިލް މުޞްޙަފް ފޮނުވައިދޭނެ ކަމަށް ސައުދި އަރަބިޔާއިން ބުނެފައިވާ ކަމަށްވެސް ޝައިޚް ޖަމާލް ވިދާޅުވިއެވެ. 

ލޯފަން ކުދިންނަށާއި އަޑު ނުއިވޭ ކުދިންނަށް ޚާއްޞަކޮށްގެން ރާއްޖޭގައި ސަރުކާރުން ފަށާ މިއީ ފުރަތަމަ ޕްރޮގްރާމެވެ. ބައެއް ބެލެނިވެރިން އަމިއްލަ ގޮތުން ވަރަށް ބުރަ މަސައްކަތް ކޮށްގެން މިހާރުވެސް ދަރިންނަށް މިފަދަ ޕްރޮގްރާމްތައް ހިންގައެވެ.

 

 

މިއަދު އޮންލައިން