ސިޓީ ކައުންސިލް ތަކުގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފިއެވެ.
ސިޓީ ކައުންސިލް ތަކުގެ މުސާރަ ބޮޑުކުރުމާއި އިންޝުއަރެންސް ޕެކޭޖެއް ދިނުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ.
މިބަދަލު މަޖިލިހުން ފާސްކޮށްފި ނަމަ މޭޔަރުންގެ މުސާރަ އަށް ލިވިން އެލަވަންސް އާ އެކު 40،000 ރ. ލިބިވަޑައިގަންނަވާނެއެވެ. ޑެޕިއުޓީ މޭޔަރުންނަށް ލިބިވަޑައިގަންނަވާނީ 35،000ރ. އެވެ. އަދި ސިޓީ ކައުންސިލް މެމްބަރަކަށް ޖުމުލަ 30،000ރ. ލިބޭނެއެވެ.
ކުރީ ސަރުކާރުން ވަނީ މޭޔަރުންގެ މުސާރަ 18،000ރ. އަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000ރ. އަށް ދަށްކޮށްފައެވެ.