މިއީ ހަމަ އަޅުގަނޑުމެންގެވެސް ޤައުމު ކަމަށާއި އަޅުގަނޑުމެންވެސް މަރާފަ އެކަށިތައް މަތީގް ނޫނީ ބޭރުބައަކަށް ރާއްޖެއަކަށް ނޭރޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާޢަށް ވާދަކުރައްވާ ޖޭޕީ އަދި ޖޭޕީޖީގެ ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟަށް ތާއީދު ހޯދަން ރޭ ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ޢަލީ ވަޙީދު ވިދާޅުވީ މިއުޅެނީ ކޮންމެވެސް ވާހަކައެއް ދައްކައިގެން އަނެއްކާވެސް މަގުމަތި ހަލަބޮލިކުރަން ކަމަށާއި އިންޑިއާގެ އިސްތިޢްމާރުގެދަށަށް ރާއްޖެ ހިނގައިދާނެ ވާހަކަ އަކީ އެގޮތުން ދައްކާ ވާހަކައެއް ކަމަށެވެ.
"އިންޑިއާގެ ފުރަތަމަ ހެލިކޮޕްޓަރުވެސް 2 ވަނަ ހެލިކޮޕްޓަރުވެސް ގެނައީ މިސަރުކާރަކުން ނޫން. އެ އެއްބަސްވުންތައް ހެދީވެސް މިސަރުކާރަކުން ނޫން. މިހާރު މުޒާހަރާއަށް ނުކުންނަވަން އުޅުއްވާ ބޭފުޅުންގެ ވަޒީރުކަމުގަ އެ ހެލިކޮޕްޓަރުތައް ވަނީ ރާއްޖޭގަ ދުއްވާފަ."
ޢަލީ ވަޙީދު ވިދާޅުވީ ރެއަކީ މިސަރުކާރަށް 4 މަސް ފުރުނު ރޭ ކަމަށާއި މިހައި އަވަހަށް ބޭކާރު ބަހަނާތައް ދައްކައިގެން މަގުތަކަށް ނުކުތުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި ބޭކާރު ބަހަނާތައް ދައްކައިގެން ސަރުކާރު ރޫޅާލަން އުޅުމުގެ ބޭނުމެއްވެސް ނެތް ކަމަށެވެ. "އަޅުގަނޑަށް ހީވަނީ ވަރަށް އަހަށް 5 އަހަރު ވާނެހެން."