ދީނީ ސިޔާސަތު ކަނޑައަޅާނީ ބޭރުމީހުން ބޭނުންވާ ގޮތަކަށް ނޫން ކަމުގެ ޔަޤީންކަން ވަޒިރުންގެ މަޖިލީހުގަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ދެއްވާފައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާޢަށް ވާދަކުރައްވާ ޖޭޕީ އަދި ޖޭޕީޖީގެ ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟަށް ތާއީދު ހޯދަން ރޭ ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ޢަލީ ވަޙީދު ވިދާޅުވީ އަޅުގަނޑުމެން ބޭނުންވަނީ ކެރިގެން ކެބިނެޓް ބައްދަލުވުމުގައި އެގޮތަށް ވިދާޅުވާނެ ރައީސެއް ކަމަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ މިރާއްޖޭގަ އިސްލާމް ދިން ނޫން އެހެން ދީނެއް ނޯންނާނެ ކަމަށް ކެރިގެން ވިދާޅުވާ ރައީސެއް ކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއިއެކު ވަޒީރުން މި ތިއްބެވީ އެ ސަބަބަށްޓަކައި ކަމަށެވެ.
ޢަލީ ވަޙިދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދީނީ ސިޔާސަތަކީ ރާއްޖޭގަ އޮތް ދީނީ ވަހުދަތު ހިފަހައްޓާނެ ސިޔާސަތެއް ކަމަށާއި އެމަނިކުފާނު އެންމެ ފުރަތަމަވެސް ބައްލަވާނީ ދިވެހި ރައްޔިތުން ކަންކަމުގަ އެންމެ ބޭނުންވަނީ ކޮންގޮތެއްތޯ ކަމަށާއި ބޭރުމީހުން ބޭނުންވާ ގޮތް ބައްލަވާނީ އެއިގެ ފަހުން ކަމަށް ޢަލީ ވަޙީދު އިންނެވި ކެބިނެޓް ބައްދަލުވުމެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ދީނީ ސިޔާސަތު ކަނޑައަޅުއްވާނީ ބޭރު މީހުން ބޭނުންވާ ގޮތަކަށް ނޫން ކަމަށް ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި ކަމަށެވެ.
ޢަލީ ވަޙީދުގެ ވާހަކަފުޅުން:
"ކޮންމެ ސައރުކާރެއް ހިނގާނީ އެއްގޮތަކަށް ނޫން. މިއީ އާ ސަރުކާރެއް. އަޅުގަނޑު އިން ކެބިނެޓް ބައްދަލުވުމެއްގަ ރައީސް ޞާލިޙް ވިދާޅުވީ ތިމަންނަގެ ދީނީ ސިޔާސަތަކީ ރާއްޖޭގަ އޮތް ދީނީ ވަހުދަތު ހިފަހައްޓާނެ ސިޔާސަތެކޭ. ތިމަންނަ އެންމެ ފުރަތަމަވެސް ބަލާނީ ދިވެހި ރައްޔިތުން ކަންކަމުގަ އެންމެ ބޭނުންވަނީ ކޮންގޮތެއްތޯއޭ. ބޭރުމީހުން ބޭނުންވާ ގޮތް ބަލާނީ އެއިގެ ފަހުންނޭ.
ބޭރު މީހުން ބޭނުންވާ ގޮތަކަށް ނޫނޭ ތިމަންނަގެ ދީނީ ސިޔާސަތު ކަނޑައަޅާނީ. އަޅުގަނޑުމެން ބޭނުންވަނީ ކެރިގެން ކެބިނެޓް ބައްދަލުވުމުގައި އެގޮތަށް ވިދާޅުވާނެ ރައީސެއް. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ މިރާއްޖޭގަ އިސްލާމް ދިން ނޫން އެހެން ދީނެއް ނޯންނާނެ ކަމަށް ކެރިގެން ވިދާޅުވާ ރައީސެއް. އެހެންވެ އެމަނިކުފާނާއިއެކު އަޅުގަނޑުމެން މިތިބީ."