ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކޮށް، ދެމެހެއްޓެނިވި ޞިނާޢަތަކަށް ހެދުމަށް އެސްއެމްއީ ބޭންކުން އެހީތެރިވާނެ: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 59ސ
ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކޮށް، ދެމެހެއްޓެނިވި ޞިނާޢަތަކަށް ހެދުމަށް އެސްއެމްއީ ބޭންކުން އެހީތެރިވާނެ: ރައީސް ޞާލިޙް

ދަނޑުވެރިކަމުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކޮށް، ދެމެހެއްޓެނިވި ޞިނާޢަތަކަށް ހެދުމަށް، ސަރުކާރުންވަނީ ސިޔާސަތުތަކެއް އެކުލަވައިލާފައި ކަމަށާއި އެ ސިޔާސަތުތަކުގެ ދަށުން ދަނޑުވެރިކަމަށް ބޭނުންވާ ލޯނާއި ފަންނީ ލަފާ އެސްއެމްއީ ބޭންކުން ލިބެމުން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސް.ޑީ.އެފް.ސީ) އިފްތިތާޙު ކުރުމަށް މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދަނޑުވެރިކަން ކުރާ އަމިއްލަ ފަރާތްތަކަށް، މާލީ އިދާރާތަކާއި ބޭންކުތަކުގެ ލޯނާއި، ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަކީވެސް، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅުއްވި ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:

"މި ދެ ކަންތައްވެސް އަޅުގަނޑުމެން ކުރަން ނިންމީ، ރައްޔިތުން ބާރުވެރިކުރުވައި، ޤައުމީ އާމްދަނީން، ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން. އެ ސިޔާސަތުގެ އަމާޒަކީ، ރައްޔިތު މީހާގެ އަތްމަތި ތަނަވަސްކޮށްދީގެން ޤައުމުގެ އިޤްތިޞާދު ވަރުގަދަ ކުރުން.

ރާއްޖޭގެ ދަނޑުވެރިކަމަށް ބަލާއިރު އެއީ، ދިވެހި އަންހެނުންގެ ޙިއްޞާ ވަރަށް ބޮޑު މަސައްކަތެއް. އަދި ޤައުމީ އުފެއްދުންތެރިކަމުގެ ވަރަށް މުހިންމު ޞިނާޢަތެއްވެސްމެ. އެހެންކަމުން، ދަނޑުވެރިކަމުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކޮށް، ދެމެހެއްޓެނިވި ޞިނާޢަތަކަށް ހެދުމަށް، ސަރުކާރުންވަނީ ސިޔާސަތުތަކެއް އެކުލަވައިލާފައި.

އެ ސިޔާސަތުގެ ތެރެއިން، އެސް.އެމް.އީ ބޭންކުގެ ޚިދުމަތާއެކު، އަޅުގަނޑުމެން މިއަދު މި ފަށާ، [ދަނޑުވެރި ނަފާ] ލޯން ސްކީމްގެ ސަބަބުން، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުވެ، އުފައްދާ ތަކެތީގެ ފެންވަރު ރަނގަޅުވެގެންދާނެ. އަދި ފައިދާ ހުރި ކާނާ ލިބުމަށް މަގުފަހިވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަކީ [ދަނޑުވެރި ނަފާ] ލޯނުގެ އެންމެ މުހިންމު އެއް މަޤްޞަދު.

މި ސަރުކާރުން، ރައްޔިތު މީހާ ބާރުވެރިކުރުވާށޭ ކިޔާފައި، ލޯނެއްގެ ނަމުގައި ފައިސާކޮޅެއް ދީފައި ދޫކޮށްލަނީކީ ނޫން. އަޅުގަނޑުމެންގެ ވިސްނުން ހުރީ، އިޤްތިޞާދީ ގޮތުން ރައްޔިތު މީހާ ދާން ބޭނުންވާ ހިސާބަކަށް، އޭނާގެ އަތުގައި ހިފައިގެން ގެންގޮސްދިނުމަށް. ވިޔަފާރި ފަށާނެ ގޮތާއި، ކާމިޔާބު ވިޔަފާރިއެއް ހިންގާނެ ގޮތްތައްވެސް އަޅުގަނޑުމެން ކިޔައިދޭނަން.

އެސް.އެމް.އީ ލޯނަށް ކުރިމަތިލާއިރު، ހުށަހަޅަންޖެހޭ ވިޔަފާރީގެ ޕްރޮޕޯސަލް ތައްޔާރުކުރުމުގައި، މާލެއާއި ބައެއް އަތޮޅުތަކުގައި މިހާރު ހިންގަމުން އަންނަ، ހަތް ބިޒިނަސް ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭނެ. އަދި ވިޔަފާރިތަކުގެ ހިސާބުކިތާބު ބަލަހައްޓައި، ވިކުރާ ތައްޔާރުކުރާނެ ގޮތުގެ ޢިލްމީ އަދި ފަންނީ ލަފާވެސް ފޯރުކޮށްދެވޭނެ.

މި ދެންނެވި އަމާޒަށް އަޅުގަނޑުމެން ދާން ޤަޞްދުކުރަނީ، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން. ރަށްރަށުގައި އަލަށް ވިޔަފާރިއެއް ފެށުމުގެ މަރުޙަލާގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުމުގެ ޤާބިލުކަން، ރަށު ކައުންސިލްތަކަށް ހޯދައިދެވޭނެ. އެކަމަށްޓަކައި ކޮންމެ ރަށު ކައުންސިލެއްގައި، ތަމްރީނު ލިބިފައިވާ އިކޮނޮމިކް އޮފިސަރުން ބޭތިއްބުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ.

މިފަދަ ފުރުޞަތުތައް ފަހިކޮށްދޭއިރު، އެ ފުރުޞަތުގެ ބޭނުން ހިފާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައި. ވަކިން ޚާއްޞަކޮށް، ދިވެހި އައު އުފެއްދުންތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ކަނޑައެޅިފައި އޮންނަ އުސޫލާ އެއްގޮތަށް، ކުދި އަދި މެދު ފަންތީގެ އުފެއްދުންތެރިކަމުގެ އެވޯޑެއް ދިނުމަށްވެސް އަޅުގަނޑުމެން ވަނީ ކަނޑައަޅާފައި.

ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށް، ސަރުކާރުން މިފަދަ ކަންކަން ރާވައި ހިންގާއިރު، މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ނުހަނު ބޮޑަށް ސަރުކާރަށް ބޭނުންވޭ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ޞިނާޢަތްތައް ކުރިއެރުވުމަށް ސަރުކާރުން މިއަދު މި ފެށި ޚިދުމަތްތަކަށް، ސަރުކާރުގެ ކުންފުންޏަކުން މިހާރުވެސް ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާފައި.

އެއީ، ދިވެހި އުފެއްދުންތައް ވިއްކުމަށްޓަކައި، ވެލާނާ އެއަރޕޯޓްގެ ޑިއުޓީ ފްރީ ސަރަޙައްދުން ޚާއްޞަ ޖާގައެއް، އެއަރޕޯޓް ކޮމްޕެނީން ހަމަޖައްސައިދިނުން. ވަރަށް ކުޑަ އަގެއްގައި އެކަން ހަމަޖައްސަވައިދެއްވީތީ، އެއަރޕޯޓް ކޮމްޕެނީގެ ޗެއަރމަން މުޙައްމަދު ޢުމަރު މަނިކަށާއި، އެ ކުންފުނީގެ ބޯޑް މެމްބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން.

އެއަރޕޯޓުން އެފަދަ ޖާގައެއް ހަމަޖެހުމަކީ، ދިވެހި އުފެއްދުންތައް މާކެޓްކޮށް، ރަނގަޅު އަގުގައި ވިއްކުމަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ޞިނާޢަތްތަކުން އުފައްދާ ތަކެތި، އެއަރޕޯޓުގައި ވިއްކުމުގެ ކަންކަން އިންތިޒާމު ކުރާނީ، އިކޮނޮމިކް މިނިސްޓްރީން އުފައްދާފައި އޮންނަ ބިޒިނަސް ސެންޓަރ ކޯޕަރޭޝަނުން.

އަޅުގަނޑުމެން މިއަދު މި ފަށައިގަތް އެސް.އެމް.އީ ބޭންކުގެ ޚިދުމަތާއި [ދަނޑުވެރި ނަފާ ލޯނުގެ ޚިދުމަތަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރައިގެން ދިޔުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށްވާނެކަން ޔަޤީން. އެފަދަ ވިޔަފާރިތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ހިނގަމުން ދިޔުމަކީ، ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ދަމަހައްޓަން ލިބޭނެ ވަރަށް ބޮޑު ބާރަކަށްވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އަޅުގަނޑު އުންމީދު ކުރަނީ، އިޤްތިޞާދީ ގޮތުން ރައްޔިތުން ބާރުވެރިކުރުވުމަށް، ސަރުކާރުން މި ފަހިކޮށްދިން ފުރުޞަތުގެ ބޭނުން، ޒިންމާދާރުކަމާއެކު ހުރިހާ ބޭފުޅުންވެސް ހިއްޕަވާނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި، ހެވާއި ލާބަޔަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުން. ތަރައްޤީގެ މުޅިން އައު އައްސޭރިއަކަށް މި ރާއްޖެ ގެންދިޔުމަށް މި ކުރާ މަސައްކަތް ކާމިޔާބު ކޮށްދެއްވުން! އާމީން.

މިއަދު އޮންލައިން